މުޙައްމަދު ހައިދިރް ސަމްސުއްދީންގެ ނަމަކީ މެލޭޝިއާގެ ހަބަރުތަކަށް މިއަދު އާ ނަމެއް ނޫނެވެ. މި ޒުވާނާއަކީ އެތައް ގޮތަކުން، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެތައް ބައެއްގެ ހިތްތައް ފަތަހަ ކުރި ފަހުލަވާނެކެވެ. ލާމަސީލު ޖަވާހިރެކެވެ.

މި ޒުވާނާއަށް ތައުރީފުގެ ބަސްތައް އޮހެން ފެށީ ދާދި ފަހުން އޭނާ ކުރި ހެޔޮ ކަމެއްގެ ސަބަބުންނެވެ. އެއީ ޓެބްލެޓް ކޮމްޕިއުޓަރެއް، އޭގެ ވެރި ފަރާތާ ހަވާލު ކޮށްގެންނެވެ. "އިޑޭ" ގެ ނަމުން އޭނާއާ މުހާތަބު ކުރުމަށް އެދޭ މުޙައްމަދު ހައިދިރް ސަމްސުއްދީނާއެކު، އޭނާގެ އެކުވެރި މުޙައްމަދު ޔައުމިރުލް ޗީ ޔޫސުފްވެސް މިކަމުގައި ބައިވެރިވިއެވެ.

އިޑޭއާއި ޔޫސުފްގެ އިހުލާސްތެރިކަމާއި ތެދުވެރިކަން ފެނި، ސިންގަޕޫރަށް ނިސްބަތްވާ މިޝޭލް ލިމް ވަނީ ސޯޝަލް މީޑިއާއަށް ޕޯސްޓެއް ދޫކޮށްލާފައެވެ. އެއީ މީގެ އަހަރެއްހާ ދުވަސް ކުރިން މިޝޭލްގެ އަތުން ގެއްލުނު ޓެބްލެޓެއް، އިޑޭ ހަވާލު ކުރި ހިސާބުންނެވެ. އިޑޭއާއި ޔޫސުފަށް މި ޓެބްލެޓް ފެނުނީ ކުނިވަށިގަނޑަކުންނެވެ.

"އިޑޭ" (ވ)، ކުނިވަށިގަނޑަކުން ހޮވި ޓެބްލެޓްގެ ވާހަކަ ހިއްސާ ކޮށްފައިވާ ޕޯސްޓް / ފޮޓޯ: ސޭޒް

މިޝޭލް ބުނި ގޮތުގައި، އުމުރުން 25 އަހަރުގެ އިޑޭ، އޭނާއަށް ތައާރަފުވީ "ކުނި އުކާލާ މީހެއް"ގެ ގޮތުގައެވެ.

ފާހަގަ ކުރަންޖެހޭ ކަމަކީ، ކުނި އުކުމުގެ މަސައްކަތުގައި މިހާރު އަމަލީ ގޮތުން ހަރަކާތްތެރިވި ކަމުގައި ވީ ނަމަވެސް އިޑޭ އަކީ، މެލޭޝިއާގެ ކިބާންގްސާންގް ޔުނިވާސިޓީއިން ސައެންސް ޑިވަލޮޕްމަންޓްގެ ރޮނގުން ޑިގްރީ ހާސިލު ކޮށްފައިވާ ޒުވާނެއް ކަމެވެ.

އިޑޭ މިހާރު މަސައްކަތް ކުރަމުން އަންނަނީ ސެމްބްވޭސްޓް ޕްރައިވެޓް ލިމިޓަޑް ނަމަކަށް ކިއާ ކުންފުންޏެއްގައެވެ. އެއީ ހަކަތައާއި އުމްރާނީ ތަރައްގީގެ ދާއިރާއާއި، ކަނޑުގެ ދިރުންތަކަށް ހާއްސަ ކުންފުންޏެއްވެސްމެއެވެ.

"އެންމެ ދަށް ފަންތީގެ ވަޒީފާއެއް ކަމަށް ބުނާ ކުނި އުކާލާމުގެ ވަޒީފާ އުޅެންގެ ތަޖުރިބާތަކެއް ހާސިލު ކުރުމަކީ އަހަރެންގެ ނަޒަރުގައި ގޯސް ކަމެއް ނޫން" އިޑޭ ބުންޏެވެ.

"އިޑޭ" (ވ)، އޭނާއާއެކު ކުނި އުކުމުގައި މަސައްކަތުގައި އުޅޭ ބަޔަކާއެކު ފޮޓޯއަކަށް ހުއްޓިލައިގެން / ފޮޓޯ: ސޭޒް

ސިންގަޕޫރުގައި ކުނި އުކާލާ މީހެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަނީ ކީއްވެތޯ ސުވާލު ކުރުމުން އިޑޭ ބުނީ، އެއީ މެލޭޝިއާގެ ޖޫނިއާ އެގްޒެކެޓިވުންގެ ފެންވަރުގެ މުވައްޒަފުންނަށް ލިބޭ އުޖާރައަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭތީ ކަމަށެވެ. އަދި ގައުމުން ބޭރު ކުންފުންޏެއްގައި މަސައްކަތް ކުރި ކަމުގެ ތަޖުރިބާވެސް ވަނަވަރުގައި ހިމަނަން ބޭނުންވާތީ ކަމަށްވެސް އިޑޭ އިޝާރާތް ކުރިއެވެ.

އިޑޭ ބުނާ ގޮތުގައި މިއީ ރަސްމީ ވަޒީފާގެ މައިދާނުގައި މަސައްކަތް ކުރަން ޖެހޭ ދުވަހަކުން، އޭނާއަށް ވުރެ ދަށް ފަންތީގެ މުވައްޒަފުންގެ އަގު ވަޒަން ކުރަން ދަސްކޮށްދޭނެ ކަމެކެވެ.