މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ އިންތިހާބުގެ ވޯޓުލުން މިއަދު މެންދުރު 11:00 ޖަހާއިރު ފަށާނެ ކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.

ހޯމް މިނިސްޓްރީން ބުނީ ވޯޓުލުން އޮންނާނީ މިއަދު މެންދުރު 11:00 ން 12:00 އަށް އިލެކްޝަންސް ކޮމިޝަންގެ އިންތިހާބާ ބެހޭ ބައި، ބާ ޖަމާލުއްދީން ސްކޫލްގައެވެ.

މީޑިއާ ކައުންސިލްގެ އިންތިހާބުގައި ވޯޓުލެވޭނީ ރަޖިސްޓްރީ ކޮށްފައި ވާ ނޫސްތަކަށާއި ބްރޯޑްކާސްޓަރުންގެ ތެރެއިން ކޮންމެ މީޑިއާއެއްވެސް ތަމްސީލު ކުރާ އެއް ފަރާތަކަށެވެ. އެގޮތުން އެމްއެމްސީގެ އިންތިހާބުގައި 199 މީހަކަށް ވޯޓު ލެވޭ އިރު ހޯމް މިނިސްޓްރީން ބުނީ ވޯޓުލާން ރަޖިސްޓަރީ ކުރި ފަރާތްތަކުން ވޯޓުލާން ދާ އިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ލައިސަންސް ކާޑު ނުވަތަ ޕާސްޕޯޓު ހިފައިގެން ދިއުމުން ވޯޓުލުމުގެ އިންތިޒާމު ހަމަޖެހޭނެ ކަމަށެވެ.

އޭގެ އިތުރުން ވޯޓުލާން ރަޖިސްޓާ ކޮށްފައި ވާ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމުގެ ސަބަބުން ނުވަތަ ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކާ ކޮންޓެކްޓް ވުމުގެ ސަބަބުން ކަރަންޓީން ކޮށްފިނަމަ ވޯޓުލާ ވަގުތުގެ 24 ގަޑިއިރު ކުރިން އެ ފަރާތުގެ ބަދަލުގައި އެހެން މީހެއްގެ ނަން ހުށަހެޅިދާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ނަން ހުށަހަޅަން ޖެހޭނީ ކުރިން ރަޖިސްޓަރީކުރި މީހާއަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ ދީފައިވާ ލިއުމާއި، ބަދަލުގައި ރަޖިސްޓަރީކުރާ ފަރާތުގެ ނަމާއި އެޑްރެހާއި ގުޅޭނޭ ނަމްބަރު އަދި ދިވެހި ރައްޔިތެއް ކަން އަންގައިދޭ ކާޑުގެ ކޮޕީ އެއް ކަރުދާސްކޮށް މަސްއޫލުވެރިޔާ ސޮއިކޮށްފައިވާ ސިޓީއެއް މިނިސްޓްރީގެ އީމެއިލް އަށް ހުށަހަޅައިގެން ކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިފަހަރުގެ އިންތިހާބުގައި މޯލްޑިވްސް މީޑިއާ ކައުންސިލްގެ މީޑިއާގެ މެންބަރު ކަމަށް 15 ފަރާތަކުން ކުރިމަތިލާފައި ވާއިރު މީޑިއާ ކައުންސިލްގެ އާންމުންގެ މެންބަރުކަމުގެ މަގާމަށްވެސް 14 ފަރާތަކުން ކުރިމަތިލާފައި ވާ ކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލް އެކުލެވިގެން ވަނީ 15 މެންބަރުންގެ މައްޗަށެވެ. އެއީ މީޑިއާގެ 8 މެންބަރުންނާއި އާންމުންގެ 7 މެންބަރުންގެ މައްޗަށެވެ.