ތައުލީމީ ދާއިރާއަށް އަގު ނުކުރެވޭ ވަރުގެ އާދަޔާ ހިލާފު ހިދުމަތް ކުރަމުންދާ ފަރާތްކަށް ހާއްސަކޮށްގެން ވާކީ ފައުންޑޭޝަނުން ދެމުން އަންނަ ގްލޯބަލް ޓީޗާ އެވޯޑް، އިންޑިއާގެ އަވަށު ސްކޫލަކަށް ކިޔަވާ ދެމުން އަންނަ ރަންޖީތުސިން ދިސާލޭ ކަށަވަރު ކޮށްފިއެވެ.

1 މިލިއަން ޑޮލަރުގެ އިނާމެއް ކަނޑައަޅާފައިވާ ގްލޯބަލް ޓީޗާ ޕްރައިޒް ކަށަވަރު ކުރި ރަންޖީތުސިންހަކީ، އަންހެން ކުދިންގެ ތައުލީމަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްދެމުން އަންނަ ޓީޗަރެކެވެ. މި އެވޯޑާއެކު އޭނާއަށް ލިބުނު 1 މިލިއަން ޑޮލަރުގެ ދެބައިކުޅަ އެއްބައި އޭނާ ހިއްސާކުރާނީ، އޭނާއާ އެންމެ ގާތުން ވާދަ ކުރިނ ރަނަރަޕުންނާ ކަމަށްވެސް ރަންޖީތުސިންހް ވަނީ ހާމަކޮށްފައެވެ. އެއީ ގަދަ 10 އެއްގައި ހިމެނުނު ޓީޗަރުންނެވެ.

އިންޑިއާގެ މަހާރާޝްތްރާ ސްޓޭޓްގައި ހަނަފަސް ކަމާ ކުރިމަތިލާން ޖެހިފައިވާ އަވަށެއްގައި ހިންގާ ޒިއްލާ ޕަރިޝާދު ޕްރައިމަރީ ސްކޫލްގައި ކިޔަވާ ދެމުން އަންނަ ރަންޖީތުސިންހް މި އެވޯޑް ގެންދިޔައީ، 12000 ޓީޗަރުންނާ ވާދަ ކޮށްގެންނެވެ.

ގްލޯބަލް ޓީޗާ އެވޯޑް ކަށަވަރުކުރި ރަންޖީތުސިން ދިސާލޭ / ފޮޓޯ: މުމްބާއީމިރާ

އުމުރުން 32 އަހަރުގެ ރަންޖީތުސިންހް ބުނީ އުނގެނުމަކީ އުފަންވުމާއެކު ލިބިދޭ ހައްގެއް ކަމަށާ، ދަތި އުނދަގޫ މި ދަނޑިވަޅުގައިވެސް މުދައްރިސުން މަސައްކަތް ކުރަމުން އަންނަނީ ކުދިންނަށް އިލްމު ފޯރުކޮށްދެވެން އޮތް ގޮތަކުން އިލްމު ފޯރުކޮށްދިނުމަށް ކަމަށެވެ.

މުއްދަރިސުންނަކީ އަބަދުވެސް އަނެކުންނަށް އެއްޗެއް ދީ، ހިއްސާ ކުރާ ބައެއް ކަމަށް ރަންޖީތުސިންހް ބުނެއެވެ.

ގްލޯބަލް ޓީޗާ އެވޯޑް ކަށަވަރުކުރި ރަންޖީތުސިން ދިސާލޭ / ފޮޓޯ: ޓްވިޓާ

މުބާރާތުގެ ފަނޑިޔާރުން ވަނީ އިލްމު ހާސިލު ކުރުމުގެ ފުރުސަތު ތަނަވަސްވެފައި ނުވާ އަންހެން ކުދިންނަށް އިލްމު ކަށަވަރު ކޮށްދީ ރަނގަޅު ނަތީޖާ ނެރެދިނުމަށް ރަންޖީތުސިންހް ކުރަމުން އަންނަ މަސައްކަތަށް ތައުރީފުކޮށްފައެވެ. ރަންޖީތުސިންހެގެ މަސައްކަތާ ނުލާ، މިކުދިންނަކީ ޅަ އުމުރުގައި ކައިވެނިކޮށް، އިލްމުން މަހްރޫމުވެދާނެ ކުދިން ކަމަށް ބުނެވެއެވެ.

މީގެ އިތުރުން ރަންޖީތު ސިންހް ދަނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުން 83 ގައުމެއްގެ ދަރިވަރުންނަށް ހާއްސަކޮށްގެން އޮންލައިން ޕްލެޓްފޯމުގައި ސައެންސް ކުލާހެއްވެސް ހިންގަމުންނެވެ. އަދި ހަނގުރާމައިގެ މައިދާންތަކުގައި އުޅޭ ޒުވާނުން އެކަކު އަނެކަކާ ގުޅުވާ ދިނުމަށްވެސް އޭނާ ދަނީ ބައިނަލްއަގުވާމީ ފެންވަރުގެ މަޝްރޫއެއް ހިންގަމުންނެވެ.

ކޮވިޑް ހީރޯ އެވޯޑް ކާމިޔާބު ކުރި ހިސާބު ޓީޗަރު ޖޭމީ ފްރޮސްޓް / ފޮޓޯ: ދަ ގާޑިއަން

ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާއެކު އުނގުނުމާއި އުނގަނައިދިނުމުގެ ވައްޓަފާޅިއަށް ބޮޑު ބަދަލެއް އައިސްފައިވާ މި ދަނޑިވަޅުގައި، "ކޮވިޑް ހީރޯޒް ޕްރައިޒް"ވެސް ވަނީ އިއުލާން ކޮށްފައެވެ. މި އެވޯޑް ގެންދިޔައީ، ހިލޭ ސާބަހަށް ހިސާބު ކިޔަވާދޭ ވެބްސައިޓެއް ހިންގި، އިނގިރޭސިވިލާތުގެ ޓީޗަރު، ޖޭމީ ފްރޮސްޓްއެވެ.