އާ ސަރުކާރުގެ ފުރަތަމަ 100 ދުވަހު، ހުރިހާ ރައްޔިތުންވެސް މާސްކު ބޭނުން ކުރުމަށް އެދިވަޑައިގަންނަވާނެ ކަމަށް، އެމެރިކާގެ އިންތިހާބީ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ.

ސީއެންއެންއަށް ދެއްވި ބަސްދީގަތުމެއްގައި ބައިޑަން ވިދާޅުވީ، އެމެރިކާގެ ކޮންމެ ރައްޔިތަކުވެސް މާސްކު ބޭނުން ކުރާ ކަމަށް ވަނީނަމަ، އެ ގައުމުގައި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަން ފެތުރިގެން ދިއުން "ވަރަށް ބޮޑަށް" ކޮންޓްރޯލް ކުރެވިގެންދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

އެމެރިކާގެ އިންތިހާބީ ރައީސް ޖޯ ބައިޑަން، މާސްކު އެޅުމަށް ބާރު އަޅުއްވާ / ފޮޓޯ: ނޯތުއީސްޓަން ޔުނިވާސިޓީ

ބައިޑަން އިތުރަށް ވިދާޅުވީ، ސަރުކާރުގެ ހުރިހާ އިމާރާތެއްގެ ތެރޭގައި އުޅޭއިރު މާސްކު ބޭނުން ކުރުމަށް މަޖުބޫރުވެސް ކުރައްވާނެ ކަމަށެވެ.

ބައިޑަންއާ ހިލާފަށް، އަދުގެ ރައީސް ޑޮނާލްޑް ޓްރަމްޕަކީ ކޮވިޑް-19ގެ ސީރިއަސްކަމާ، މާސްކު އެޅުމުގެ ކަންކަމަށް މާ ބޮޑު ސަމާލުކަމެއް ދެއްވާ ލީޑަރެއް ނޫން ކަމަށް ގިނަ ބަޔަކު އިއްތިފާގުވެއެވެ.

ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް، ވައިޓްހައުސް ބެލްކަންޏަށް އަރާވަޑައިގެން މާސްކު ނަންގަވަނީ / ފޮޓޯ: ދަ ކްރޮނިކަލް

ފުރަތަމަ 100 ދުވަހު ހުރިހާ ރައްޔިތުން މާސްކު ބޭނުން ކުރާއިރު، ވެކްސިނެއް ލިބިއްޖެނަމަ، ބަލީގެ ޝިކާރައަކަށް ވަމުންދާ ރޭޓް ދަށް ކުރެވޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށްވެސް ބައިޑަން ވަނީ ވިދާޅުވެފައެވެ.

ގާނޫނީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި، އެމެރިކާގެ ރައްޔިތުން މާސްކު ބޭނުން ކުރުމަށް މަޖުބޫރު ކުރުމުގެ ގާނޫނީ އެއްވެސް ހައިސިއްޔަތެއް ރައީސަކަށް ލިބިގެނެއް ނުވެއެވެ. ކަން މިހެން އޮތް ނަމަވެސް، އަމިއްލަފުޅަށް މާސްކު ތުރުކުރައްވައިގެން، އެހެން ރައްޔިތުންނަށް މިސާލު ދައްކަވާނެ ކަމަށް ބައިޑަން ވަނީ ވިދާޅުވެފައެވެ. އަދި މިކަމުގައި، ނައިބު ރައީސް ކަމަލާ ހެރިސްވެސް މިސާލު ދައްކަވާނެ ކަމަށް ބައިޑަން ވަނީ އިޝާރާތް ކުރައްވާފައެވެ.

އެމެރިކާގެ އިންތިހާބީ ރައީސް ޖޯ ބައިޑަން މާސްކު ތުރުކުރައްވައިގެން / ފޮޓޯ: އޭބީސީ ނިއުސް

ފަރުވާއެއް ހޯދިފައި ނުވާ ކޮވިޑް-19އަށް އެމެރިކާއިން ޕޮޒިޓިވްވި މީހުންގެ އަދަދު 14 މިލިއަނަށް ވުރެ މައްޗަށް އަރާފައި ވާއިރު، މި ބަލީގައި އެގައުމުން މަރުވި މީހުންގެ އަދަދު ވަނީ 275000 އަށް އަރާފައެވެ.

އިލެކްޓޯރަލް ކޮލެޖުގެ އަގުލަބިއްޔަތާއެކު އެމެރިކާގެ ރައީސް ކަމުގެ މަގާމު ކަށަވަރު ކުރައްވާފައިވާ ޖޯ ބައިޑަންއަކީ އެމެރިކާގެ އިންތިހާބީ ރައީސް ކަން، އެ ގައުމުގެ ކަމާ ބެހޭ ރަސްމީ ފަރާތްތަކުން އިއުލާން ކުރުމާއެކު، އެމެރިކާގެ ރައީސް ކަމުގެ ހުވާ، ބައިޑަން ކުރައްވާނީ، މިހާރު ރާވާފައި ވާ ގޮތުން ނަމަ، 2021 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 20 ވަނަ ދުވަހުއެވެ.