އިންޑިއާގައި ހިންގާ ފުލުހުންގެ ހުރިހާ ސްޓޭޝަނެއްގައި ސީސީޓީވީ/ސެކިއުރިޓީ ކެމެރާ ހަރުކުރަން ޖެހޭނެ ކަމަށް، އެ ގައުމުގެ އެންމެ މަތީ ކޯޓު ކަމުގައިވާ ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.

ފުލުސް ސްޓޭޝަންތަކުގެ އިތުރުން، ތަހުގީގަށް ސުވާލު ކުރުމަށް މީހުން ހާޒިރު ކުރާ އޮފީސް ފަދަ ތަންތަނާއި، މީހުން ހައްޔަރު ކުރުމުގެ ބަރު ލިބިފައިވާ ތަންތަނުގައިވެސް މިފަދަ ކެމެރާތައް ހަރުކުރުމަށްވެސް ސުޕްރީމް ކޯޓުން ވަނީ އަންގާފައެވެ.

އިންސާނީ ހައްގުތަކަށް ވަކާލަތު ކުރާ ފަރާތްތަކުން ވަނީ އިންޑިއާގެ ސުޕްރީމް ކޯޓުގެ މި ނިންމުމަށް މަރުހަބާ ކިއާފައެވެ.

ފުލުސް ސްޓޭޝަންތަކާއި، ތަހުގީގު ހިންގާ އޮފީސްތަކުގެ އިތުރުން، މީހުން ހައްޔަރު ކުރުމުގެ ބާރު ލިބިފައިވާ ތަންތަނުގައި ސީސީޓީވީ ކެމެރާ ހަރުކޮށްފައިވާ ކަމާއި، އެ ކެމެރާތަކުގެ އޮޕަރޭޝަންތައް ބަރާބަރާށް ހިނގާކަން ކަށަވަރު ކުރުމަކީ، ސްޓޭޓް އަދި ޔޫނިއަން ޓެރިޓަރީތަކުގެ ސަރުކަރުތަކާ މަތިކޮށްފައިވާ ކަމެއް ކަމުގައިވެސް އިންޑިއާގެ ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

ކެމެރާތައް ހަރުކުރުމުގައި، ފާހާނައިގެ އެތެރެ ފިޔަވާ، އިމާރާތުގެ ހުރިހާ ސަރަހައްދެއް ކަވަރު ކުރެވޭނެހެން ކެމެރާ ބެހެއްޓުމަށް ވަނީ ލާޒިމުކޮށްފައެވެ. ހަރުކުރާ ސީސީޓީވީ ކެމެރާތަކަކީ ރޭގަނޑުގެ ވަގުތުތަކުގައިވެސް މަންޒަރު ރެކޯޑް ކުރެވޭ ކެމެރާތަކަކަށް ވާންޖެހެއެވެ.

އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ފަރާތްތަކުން މި ކަމަށް މަރުހަބާ ކިއަނީ ސަބަބެއް ނެތިއެއް ނޫނެވެ. އިންޑިއާގައި ދައުވާއަށް ފޮނުވާ ގިނަ މައްސަލަތައް ބިނާ ކުރަނީ އަމިއްލަ އިއުތިރާފުގެ ބަޔާންތަކުގެ މައްޗަށެވެ. ބުނެވޭ ގޮތުގައި މި ގޮތަށް ބަޔާންތައް ނަގަނީ ލާއިންސާނީ އަނިޔާވެސް ދީގެންނެވެ.

އިންޑިއާގެ ނޭޝަނަލް ކްރައިމް ރެކޯޑްސް ބިއުރޯގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ފުލުހުންގެ ބެލުމުގެ ދަށުގައި ތިބި 255 މީހަކު ވަނީ 2017 ވަނަ އަހަރު މަރުވެފައެވެ. 2019 ވަނަ އަހަރުވެސް 85 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވެފައެވެ. މި މައްސަލާގައި 23 މީހަކު ހައްޔަރުކޮށް، 8 މީހެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވި ނަމަވެސް، އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވިއެވެ.