ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަަހަކަށް ބަދަލުކުރުމަށް އިސްލާހު ހުށަހެޅި މައްސަލާގައި ރައްޔިތުން ކިބައިން ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ ޝަރީފް) މާފަށް އެދެން ޖެހޭނެ ކަމަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޒް އެހެން ވިދާޅުވެފައި ވަނީ ޝަރީފް އިއްޔެ ކުރެއްވި ޓްވީޓަކާ ގުޅިގެންނެވެ.

އއިްޔެ ސޯޝަލް މީޑިއާގައި ވަނީ އެ އިސްލާހަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު، ޝަރީފް ލައްވާ ހުށަހެޅުއްވި އިސްލާހެއް ކަމަށާއި، އެކަމާ ގުޅިގެން އަދީބު ދެއްވާފައި ވާ ބަޔާނެއް ކަމަށް ބުނާ ލިޔުމެއް އާންމުވެފައެވެ.

އެ ކަމަށް ރައްދު ދެއްވަމުން ޝަރީފު ވިދާޅުވީ އޭނާ ލައްވާ އަދީބު އިސްލާހެއް ހުށަހަޅުއްވައިފައި ނުވާ ކަމަށާއި އޭނާ ހުށަހަޅުއްވީ އެމްޑީޕީގެ ރައީސް ބޭނުން ވެގެން ހުށަހެޅުއްވި އިސްލާހެއް ކަމަށެވެ. އަދި އަދީބު ދެއްވި ކަމަށް ބުނާ ބަޔާނަކީ (ލީކުވި ބަޔާން) ހަދައިގެން އުޅޭ އެއްޗެއް ކަމަށާއި ސްޕްރީމް ކޯޓުގެ ބެންޗާ ގުޅޭގޮތުން އަދީބު މަޝްވަރާ ކުރައްވައިފައި ނުވާ ކަމަށް ޝަރީފު ވަނީ ވިދާޅުވެފައެވެ. އަދި އެކަމަށް އެއް ރުފިޔާ ވެސް ނުދެއްވާ ކަމަށް ޝަރީފު ވަނީ ވިދާޅުވެފައެވެ.

އެކަމާ ގުޅިގެން ޑރ. އިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕާޓީގެ ރައީސް ކަމަށް ވީ ނަމަވެސް އަދި އެހެން ބޭފުޅަކު ވިދާޅުވި ނަމަވެސް ރައްޔިތުންނަށް ނިކަމެތި ކަން ލިބޭ ފަދަ ކަމެއް ކޮށްގެން ނުވާ ކަމަށެވެ. އަދި ބަޔަކު މީހުން ރާވާ ނުބައި ޖަރީމާ އަކަށް އެހީތެރިކަން ފޯރުކޮށް ދީގެން ވެސް ނުވާ ކަމަށެވެ.

އެންމެ ރަނގަޅު ގޮތަކީ ރައްޔިތުންގެ ކިބައިން މާފަށް އެދުން
ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް

ސޯޝަލް މީޑިއާގައި އާންމުވި އަދީބުގެ އެ ބަޔާނުގައި ބުނާގޮތުން ސަރުކާރުގެ ފަރާތުން ނޫން ގޮތަކަށް އެ ބިލު ހުށައެޅުމަށް ޝަރީފް އާ އޭނާ ބައްދަލުކުރައްވައި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް އިސްލާހެއް ހުށައެޅުމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ. ނަމަވެސް އެކަން ކުރަން އިބްރާހީމް ޝަރީފް ޖެހިލުންވެ ވަޑައިގެންފައި ހުންނެވިކަން އެނގުމުން އެބިލު ހުށައަޅަން ބޭނުންވާ މަގުސަދަކީ 7 ފަނޑިޔާރުންގެ އަދަދު މަދުކޮށް 5 ފަސްފަނޑިޔާރުންނަށް ހެދުން ކަމަށް ޝަރީފް ގާތުގައި އޭނާ ވިދާޅުވެފައި ވާ ކަމަށެވެ.

އެގޮތުން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް ގެންނަ ބަދަލު، ޝަރީފް ހުށަހަޅުއްވައި ބިލެއްގެ ގޮތުގައި މަޖިލީހަށް ހުށަހެޅުމަށް އޭނާ އަށް 20 މިލިއަން ރުފިޔާ ދިނުމަށް އެއްބަސް ވެވަޑައިގެންފައި ވާ ކަމަށެވެ. އަދި ވޯޓުލާނެ މީހުންގެ ޕެކޭޖެއް ތައްޔާރު ކުރެއްވާނީ ޝަރީފު ކަމަށާއި އެ އަދަދަށް ފައިސާ ދެއްވުމަށް އެއްބަސް ވެވަޑައިގަތުމުން މަޖިލީހުގެ ތެރެއިން ހޯދަން ޖެހޭ އެހެނިހެން ވޯޓު ހޯދުމަށް މެމްބަރުންނާ ވާހަކަ ދައްކަވާނީ ޝަރީފް ކަމަށް އެ ބަޔާނުގައި ވެއެވެ. އަދި އެއިސްލާހު ހުށައެޅުމަށް ޝަރީފް އެއްބަސް ވެވަޑައިގަތުމުން ބިލު ހުށަހެޅުމުގެ ކުރިން އޭނާ އަށް 5 މިލިއަން ރުފިޔާ ދެއްވައިފައި ވާ ކަމަށް ވެސް އެބާޔުގައި ވެއެވެ.

އެފައިސާ ދިނުމުން އިބްރާހީމް ޝަރީފް ހުށައަޅާ ބިލެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް މަޖިލީހަށް ހުށައެޅިގެން ދިޔައެވެ. މިކަން އިބްރާހީމް ޝަރީފް ކުރީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެމެމްބަރުންނަށް ވެސް ނޭނގިއެވެ. އިބްރާހީމް ޝަރީފް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް އިސްލާހެއް ގެނައުމަށް މަޖިލީހަށް ހުށައެޅުމުން އޭނާ އަށް ވާނީ 15,000,000 (ފަނަރަ މިލިއަން ރުފިޔާ) ދީފައެވެ.
އަދީބު ހުށަހެޅި ބަޔާން

އެބަޔާނުގައި އިތުރަށް ބުނީ އެއިސްލާހު ފާސްވި ކަމަށާއި ގާނޫނު ތަސްދީގުވެގެން ދިޔަ ކަމަށެވެ. ފަނޑިޔާރުން ވަކިކުރަން މެމްބަރުންގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ފާސްވާން ޖެހޭތީ އެކަމާ ގުޅިގެން ޝަރީފް އާ ވާހަކަ ދައްކަވާފައިވާ ކަމަށް ބަޔާނުގައި ވެއެވެ. އެ ޖަލްސާއަށް މެމްބަރުން ހާޒިރު ކުރުމާއި ވޯޓު ދިނުމަށް 100 މިލިއަން ރުފިޔާއިން ވެސް ނުވާނެ ކަމަށް ޝަރީފު ވިދާޅު ވެފައި ވާ ކަމަށް ބަޔާނުގައި ބުނެއެވެ.

ފުރަތަމަ އެކުލަވާލެވުނު ސުޕްރީމް ކޯޓުގެ ބެންޗުގައި ތިއްބެވީ ހަތް ފަނޑިޔާރުންނެވެ. ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރުގައި، 2014 ވަނަ އަހަރު ކޯޓުތަކަށް ގެނައި އިސްލާހާއެކު ފަނޑިޔާރުންގެ އަދަދު ފަހަކަށް ބަދަލު ކުރިއެވެ. 2010 ވަނަ އަހަރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދަކީ ހަތެއް ކަމުގައި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅައިފައި ވަނިކޮށް، 2014 ވަނަ އަހަރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް ބަދަލު ކޮށްފައި ވަނީ ސިޔާސީ މަގުސަދެއް ހާސިލް ކުރުމަށް ކަމަށް މަޖިލީހަށް ހުށަހެޅި އިސްލާހުގައި ވެއެވެ.