ކޮރަޕްޝަނުގެ ތުހުމަތުގައި ދެ އަހަރުތެރޭ 25 މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވާނެ ކަމަށް ފިއުލް ސަޕްލައި މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓާ އަދި ތިނަދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ގަސަމް ވިދާޅުވެއްޖެއެވެ.
ގަސަމް އެހެން ވިދާޅުވެފައިވަނީ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސް (އެސްއޯއީ) ކޮމެޓީގައި ވާހަކަ ދައްވަމުންނެވެ. އެ ކޮމެޓީގައި ވާހަކަ ދައްކަވަމުން ގަސަމް އޭނާ މަގާމާ ހަވާލުވެވަޑައިގަތްއިރު ކޮރަޕްޝަނުގެ ގިނަ އަމަލުތަކެއް ކުންފުނީގެ ތެރެއިން ހިނގާފައިވާ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
ގަސަމް ވިދާޅުވީ އެކަމާ އެގުޅިގެން ކުންފުނީގެ އެތެރޭގެ ތަހުގީގެއް ހިންގާފައިވާ ކަމަށާއި އެފަދަ މައްސަލަތައް ހިންގި ނުދޭން އަޅަން ޖެހޭ ފިޔަވަޅުތައް ވެސް އަޅަމުންދާ ކަމަށެވެ.
އެގޮތުން 25 މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވާނެ ކަމަށް ގަސަމް ވަނީ ވިދާޅުވެފައެވެ.
ކޮވިޑްގެ ފުރަބަންދުގެ ތެރޭގައި އެމްޕީއެލްގެ ތެރެއިން ހިންގާފައިވާ އަށް މިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލައެއް ވަނީ ދާދި ފަހުން އެ ކުންފުނީގެ ކުރީގެ ޗެއާމަން މުހައްމަދު ޒަކީ (ނަޒާކީ ޒަކީ) ފަޅާއަރުވާލައްވާފައެވެ.
އެކަމާ ގުޅިގެން ޒަކީ ވިދާޅުވެފައި ވަނީ އެމްޕީއެލުން 8 މިލިއަން ރުފިޔާ އަށް ވުރެ ގިނަ ފައިސާ ވަގަށް ނެގި ފަރާތްތައް، ސަރުކާރުގެ ޒީރޯ ޓޮލަރެންސް ސިޔާސަތާ އެއްގޮތަށް ސަސްޕެންޑް ކުރެވިފައި ނުވާ ކަމަށެވެ. އަދި އެފަދަ ކަމެއް ހިނގާފައި ވާތީ ޒަކީ ވަނީ ވަރަށް ބޮޑަށް މައާފަށް އެދިވަޑައިގެންފައެވެ. ޒަކީ ވިދާޅުވީ މިކަމުގައި ފިއުލް ސަޕްލައި މޯލްޑިވްސްގެ މުވައްޒަފުން ވެސް ޝާމިލުވާ ކަމަށެވެ.
މިކަމާ ގުޅިގެން އެމްޕީއެލުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ކޮވިޑް-19ގެ ސަބަބުން ކުރި ލޮކްޑައުންގައި އެ ކުންފުނީގެ އޮޕަރޭޝަންސް ހިންގި މުއްދަތުގެ ތެރޭގައި ކުންފުނިން ކޮށްފައިވާ ބައެއް މުއާމަލާތްތަކުގައި ކޮރަޕްޝަނުގެ އަމަލުތަކެއް ހިންގާފައިވާ ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން އެ ކުންފުނީގެ އިންޓާނަލް އޮޑިޓުން ރިޕޯޓެއް އެކުލަވާލާފައި ވާއިރު، އިތުރަށް ބަލަން ޖެހޭ ކަންކަން ފާހަގަ ކުރެވުމާއެކު އެކަންކަން ބެލުމަށް ތަހުގީގެއް ހިންހަމުން ދާ ކަމަށް އެމްޕީއެލުން ބުނެއެވެ.
ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީގައި އިއްޔެ ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ ވަނީ ބައެއް ޑޮކިއުމަންޓްތައް ފޯޖް ކުރެވިފައި އެބަހުރި ކަމަށް ވިދާޅުވެފައެވެ. އެގޮތުން މިހާރު ފެނިފައި ހުރި އެފަދަ ލިޔެކިޔުންތަކަށް ބަލާއިރު އެމްޕީއެލްއަށް ނުލިބޭ ތެލެއް ލިބުނު ކަމަށް ފެންނަން އެބަހުރި ކަމަށާއި އެ ކަމަކީ ފިއުލް ސަޕްލައިގެ ބަޔަކާ ގުޅިގެން ކޮށްފައިވާ ކަންކަން އެގެން އެބަހުރި ކަމަށް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ އެމްޕީއެލްގެ ތެރެއިން އެ އަމަލު ހިންގާފައިވާ ކަމަށް ޝައްކު ކުރެވެނީ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ ދަށުގައި ހުންނަ ސްޓޯރުގައި ތިބޭ މުވައްޒަފުންތަކެއް ކަމަށެވެ. އެ ސްޓޯރުގައި ތިބި މުވައްޒަފުންގެ ތެރެއިން އެއް މުވައްޒަފެއް ބަޔާން ދިން އިރު އެކަމަށް އިއުތިރާފްވެފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.