ދުވާލަކަށް އެންމެ ގިނައިން ނަގުދު ފައިސާ ނެގޭނެ އަދަދަކީ 200،000 ރުފިޔާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭއިން) ކަނޑައަޅަފިއެވެ.

އެމްއެމްއޭން ބުނީ އޮންލައިން ކޮށް ފައިސާ ދެއްކޭނެ ނިޒާމު ގާއިމް ކުރެވިގެން ދާ އިރު، އެ ބަދަލުގެ ސަބަބުން އެފަދަ ނިޒާމަކަށް ގިނަ ބަޔަކު އަހުލުވެރި ވުމަށް ހިތްވަރު ލިބިގެން ދާނެ ކަމަށާއި، އަދި އެ ބަދަލުގެ ސަބަބުން ވިޔަފާރި ތަކަށް ނަގުދު ފައިސާ ބޭނުން ކުރުމުގައި ދިމާވާ ހުރަސްތައް ކުޑަކުރެވޭނެ ކަމަށެވެ.

އެމްއޭއިން ބުނީ އެ ނިންމުން ތަންފީޒު ކުރަނީ ބޭންކު ތަކާ އެކުވެސް މަޝްވަރާ ކުރެވިގެން ކަމަށާއި މިހާރު އޮންލައިން ޕޭމެންޓް ނިޒާމު ގާއިމު ކުރެވެމުން ދާއިރު، ވީހާވެސް ގިނަ ފަރާތްތަކުން މިފަދަ ނިޒާމަކަށް އަހުލުވެރިވެ ބޭނުން ކުރުމަށް ހިތްވަރަކަށް ވެގެން ދާނެ ކަމަށެވެ.

އަދި އެ ބަދަލުގެ ސަބަބުން ވިޔަފާރި ތަކަށް ނަގުދު ފައިސާ ބޭނުން ކުރުމުގައި އޮންނަ ހިރާސްތައް ވަރަށް ބޮޑުތަނުން ކުޑަވެގެން ދާނެ ކަމަށްވެސް އެ ބޭންކުން ބުނެއެވެ.

ދުވާލަކަށް ނަގުދު ފައިސާގެ ގޮތުގައި ނެގޭ އަދަދު އެމްއެމްއޭ އިން އަލަށް ހިފަހައްޓާފައި ވާއިރު، މީގެ ކުރިން ބޭންކް އޮފް މޯލްޑިވްސް އިން ވެސް ވަނީ ނަގުދު ފައިސާގެ ގޮތުގައި ނެގޭ މިންވަރު ހިފަހައްޓާފައެވެ. މި މަހުގެ 31 ވަނަ ދުވަހުން ފެށިގެން ގެނެވޭ ބަދަލުގެ ސަބަބުން ރާއްޖޭގެ ހިނގާ ބޭންކްތަކުންވެސް ދެން ނެގޭނީ ދުވާލެއްގެ މައްޗަށް ދެ ލައްކަ ރުފިޔާއެވެ. އެ ނިންމި ނިންމުމާއި، ގައުމުގެ އިގްތިސާދީ ހާލަތާއި އެއްވެސް ގުޅުމެއް ނުވާ ކަމަށް އެމްއެމްއޭ އިން ބުނެއެވެ.

ރާއްޖޭގައި ނަގުދު ފައިސާގެ މުއާމަލާތްތައް އެންމެ ބޮޑަށް ކުރަނީ ވިޔަފާރި ތަކުންނެވެ. ނަމަވެސް މިފަހަކަށް އައިސް ފޭރުމުގެ މައްސަލަތަށް އިތުރުވެފައި ވާތީވެ، ގިނަ އަދަދެއްގެ ނަގުދު ފައިސާ އެއްތަނުން އަނެއް ތަނަށް ގެންދާ އިރު، ފުލުހުންގެ އެހީތެރިކަން ހޯދުމަށް ފުލުހުން ވަނީ އެދިފައެވެ.