އެއިޑްސް ބަލި ފެތުރުމަށް މަގުފަހިވާ ފަދަ އާދަތައް ރާއްޖޭގައި އެބަހުރިކަމަށް ހެލްތު މިިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރާ ދުނިޔޭގެ އެއިޑްސް ދުވަހާ ގުޅިގެން ނަސީމް ދެއްވި ހިތާބުގައި ވިދާޅުވީ ރާއްޖެއަކީ އެޗްއައިވީ އާއި އެއިޑްސް ޖެހޭ މީހުންގެ އަދަދު މަދު ގައުމެއްގެ ގޮތުގައި ދެމެހެއްޓުމަށް ގިނަ މަސައްކަތް ތަކެއް ކަމާ ބެހޭ ފަރާތްތަކުން ކުރާ ކަމަށެވެ.
1990 ގެ އަހަރުތަކުގައި އެއިޑްސް އާދެކޮޅަށް ކުރި މަސައްކަތުން ފަހާގަ ކޮށްލެވޭ ކުރިއެރުންތަކެއް ލިބިފައިވީ ނަމަވެސް އަދިވެސް އެޗްއައިވީ އާއި އޭޑްސް އަކީ ދުނިޔޭގެ އާއްމު ސިއްހަތަށް ހުރި ނުރައްކަލެއް ކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މިހާރުގެ ހާލަތާއި ގުޅިގެން އާއްމު ސިއްހަތާ ގުޅޭ އެހެނިހެން ކަންތައްތަކަށް ދަތިތައް ދިމާވަމުންދާއިރު އޭޑްސް އާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކަށްވެސް އެކި ކަހަލަ ގޮންޖެހުންތައް ކުރިމަތިވަމުންދާ ކަަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިދުވަސް ފާހަގަ ކުރުމުގެ މަގްސަދުތަކުގެ ތެރޭގައި އޭއިޑްސްއާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުގެ އަގުވަޒަންކުރުން ހިމެނޭ ކަމަށްވެސް މިނިސްޓަރުގެ ވާހަކައިގައި ވިދާޅުވިއެވެ. އެގޮތުން އެ ބައްޔަށް ދެވޭ ފަރުވާ އަދި ފަރުވާއަށް ބޭނުންވާ އެހެނިހެން ވަސީލަަތްތައް ހަމަޖައްސާފައިވަނީ ސަރުކާރުގެ ފަރާތުން ހިލޭ ފޯރުކޮށްދެވޭ ހިދުމަތެއްގެ ގޮތުގައިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި އެޗްއައިވީ އާއި އެއިޑްސް ފެތުރުން ހުއްޓުވުމަށްޓަކައި ކަމާ ގުޅުންހުރި އިދާރާތަކުން ކުރަމުންދާ މަސައްކަތް މިހާރަށްވުރެ ހަރުދަނާކޮށް، އަދި އެއިޑްސް ބަލި މީހުންނަށް ބޭނުންވާ ފަރުވާގެ ކަންތައް މިފަދަ ދަނޑިވަޅެއްގައި ބަލީމީހުންނަށް ލުއި ފަސޭހަގޮތެއްގައި ލިބޭނެގޮތް ހަމަޖެއްސުމަށާއި އެއިޑްސްގެ ބަލިމީހުންނާ ދޭތެރޭ ދެކޭގޮތާއި ތަފާތުކުރުން މުޖުތަމައުން ނައްތާލާ އެފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް މިނިސްޓްރު ގޮވާލެއްވިއެވެ.
އަދި ރާއްޖެއަށް ލިބިފައިވާ 'މައިމީހާގެ ފަރާތުން ދަރިފުޅަށް އެޗްއައިވީ ޖެހުން ނައްތާލެވިފައިވާ ގައުމެއް'ގެ ނަން އެ ގޮތުގައި ދެމެހެއްޓުމަށް މިނިސްޓަރު އިލްތިމާސްކުރެއްވިއެވެ.
މިއަހަރުގެ އެއިޑްސް ދުވަހުގެ ޝިއާރުގެ ގޮތުގައި ކަނޑައަޅާފައިވަނީ "ގްލޯބަލް ސޮލިޑަޓަރީ، ޝެއާޑް ރެސްޕޮންސިބިލިޓީ" ނުވަތަ ދުނިޔޭގެ އެންމެން އެކުގައި، މިއީ އެންމެންގެ ޒިންމާ"އެވެ. މިއީ މިހާރު މުޅިދުނިޔެއަށް ދިމާވެފައިވާ ކޮވިޑް 19 ގެ ބަލިމަޑުކަމުގެ ހާލަތާ ގުޅުވައިގެން ކަނޑައަޅާފައިވާ ޝިއާރެކެވެ.