ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ޕޮޒިޓިވްވާތާ 3 މަސް ދުވަސް ފަހުންވެސް، ފުއްޕާމެއަށް ގެއްލުންވެފައި ވާތީ ފާހަގަ ކުރެވޭ ކަމަށް ދިރާސާ ޓީމަކުން ބުނެފިއެވެ.

10 ޕޭޝަންޓުންނާއެކު އޮކްސްފޯޑް ޔުނިވާސިޓީއިން ކުރިއަށް ގެންދިޔަ ތަހުލީލުތަކުގައި ބޭނުން ކުރީ އާންމު ސްކޭންތަކުގައި ބޭނުން ކުރާ އުސޫލުތަކަށް ވުރެ އާ ޓެކްނީކެއް ކަމަށް މައުލޫމާތު ލިބެއެވެ. މި ގޮތަށް ސްކޭން ކުރުމުން، އާންމު ސްކޭންތަކަށް ނުދައްކާ ގެއްލުންތައްވެސް ފާހަގަ ކޮށްދޭ ކަމަށްވެއެވެ.

މި ސްކޭން ކުރަނީ، އެމްއާރްއައި ސްކޭނިންގް މަރުހަލާގައި، ޒެނަން ނަމަކަށް ކިއާ ގޭހެއް ބޭނުން ކޮށްގެންނެވެ. އެމްއާރްއައި ސްކޭން ކުރާ ވަގުތު، ޕޭޝަންޓު އެތެރެއަށް ނޭވާ ދަމާލަނީ، ޒެނަން ގޭހާވެސް އެކުގައެވެ.

ފުއްޕާމޭގެ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި، މި ޓެސްޓަކީ، ފުއްޕާމެއަށް ލިބޭ ދިގުމުއްދަތުގެ ގެއްލުން ދެނެގަނެވޭ ޓެސްޓަކަށް ވާއިރު، މިއީ ކޮވިޑް-19 ޕޭޝަންޓުންގެ ދިރިއުޅުމަށް ބަދަލެއް ގެނެސްދޭނެ ޓެސްޓެއް ކަމަށެވެ.

ދިރާސާ ކުރުމުގައި އިސްކޮށް ހުންނެވި ޕްރޮފެސާ ފާގަސް ގްލީސަން ވަނީ، އުމުރުން 19 އަހަރާއި 69 އަހަރުގެ 10 ޕޭޝަންޓެއްގެ ހަށިގަނޑުގައި މި ޓެސްޓު ތަޖުރިބާކޮށްފައެވެ.

މީގެ ތެރެއިން 8 މީހުންނަކީ، ކޮވިޑް-19އަށް ޕޮޒިޓިވްވީތާ 3 މަސް ފަހުންވެސް ތާއަބަދު ނޭވާ ކުރެވުމާއި، ވަރުބަލިކަން އިހުސާސް ކުރަމުން ދިޔަ މީހުންނެވެ. ނަމަވެސް، މިއިން އެއްވެސް ޕޭޝަންޓަކީ އައިސީޔޫގައި ފަރުވާ ދިން ޕޭޝަންޓުންނެއް ނޫނެވެ. އަދި އާންމު ސްކޭންތަކުން، މި ޕޭޝަންޓުންގެ ފުއްޕާމެއަށް އެއްވެސް ގެއްލުމެއް ލިބިފައި ވާތީ ނުދައްކައެވެ.

ޕްރޮފެސާ ގްލީސަން މިހާރު ގެންދަވަނީ، 100 ޕޭޝަންޓުން ބައިވެރިކޮށްގެން ދިރާސާ އިތުރަށް ފުޅާ ކުރެއްވުމަށެވެ.