އެމެރިކާގެ ދެކުނު ސްޓޭޓެއް ކަމަށްވާ ޔޫޓާގެ ސަހަރާއަކުން ދާދި ފަހުން ފެނި، ގެއްލުނު ދަގަނޑު މޮނިލިތު ޒާތުގެ، ގޮތް ނޭނގޭ، އާދަޔާ ހިލާފު މޮނޮލިތެއް، ރޮމޭނިއާއިންވެސް ފެނިއްޖެއެވެ.

އޮލަނބަށް ޖަހާފައި ހުންނަ ބެރިއެއް ޒާތުގެ މި މޮނޮލިތުގެ އުސްމިނުގައި 13 ފޫޓު ހުންނާނެ ކަމަށް މައުލޫމާތު ލިބެއެވެ. ތިނެސްކަން ބައްޓަމަކަށް، އެތެރެ ހުސްކޮށް ހުންނަ މި، ދަގަނޑު މޮނޮލިތްގެ މާ ބޮޑު ތަފްސީލުތަކެއް ލިބިފައި ނުވާއިރު، މި ކަމުގެ ފެށުމާ ބެހޭ ގޮތުން ތަފާތު ގޮތް ގޮތަށް އަންނަނީ ވާހަކަ ދެކެވެމުންނެވެ.

ރޮމޭނިއާއިން ފެނުނު ގޮތް ނޭނގޭ މޮނޮލިތު (ކ) އަދި ޔޫޓާއިން ނޮވެމްބަރު، 2020 ގައި ފެނިގެއްލުނު މޮނޮލިތު / ފޮޓޯ: ޑީއެމް

ރޮމޭނިއާއިން ފެނުނު މޮނޮލިތާއި، ޔޫޓާގެ ސަހަރާއިން ފެނުނު މޮނޮލިތާއި އެއްގޮތް ކަންތައްތަކެއް ހުރިއިރު، ބައެއް މީހުން ދަނީ، މިއީ ގުޅުމެއް އޮތް ދެއެތި ތޯވެސް ބަހުސް ކުރަމުންނެވެ. ޔޫޓާއިން މޮނޮލިތު ފެނިގެން އެންމެ ފުރަތަމަ ރިޕޯޓް ކުރީ، ނިމިދިޔަ ނޮވެމްބަރު މަހުގެ ކުރީކޮޅުގައެވެ. އެއީ ހެލިކޮޕްޓަރު ބޭނުން ކޮށްގެން ކަންބަޅި ބަކަރި ގުނަމުން ދިޔަ ގުރޫޕަކަށެވެ. ނަމަވެސް، އޭގެ ފަހުން، ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހު ލިބުނީ މި މޮނޮލިތަށް ވީނުވީއެއް ނޭނގި ގެއްލުނު ހަބަރެވެ.

މިއީ އެކައްޗެއް ކަމެއް ނުވަތަ ދެ އެއްޗެއް ކަމެއްވެސް އަދި ސާފެއް ނުވެއެވެ. ބައެއް މީހުން ބުނާ ގޮތުގައި، މިއީ 2001 ވަނަ އަހަރުގެ ސައެންސް ފިކްޝަން ވާހަކަ "އަ ސްޕޭސް އޮޑެސީ"ގެ ފޭނަކު، ސަމާސާ އަކަށް ކުރަމުން އަންނަ ކަމަކަށްވެސް ވެދާނެއެވެ. އެ ވާހަކައިގައިވެސް މިފަދަ މޮނޮލިތެއް ދުނިޔެއިން ފެނެއެވެ.