ގެވެށި އަނިޔާ ހުއްޓުވުމަށް ކުރެވޭނެ ކަންކަމާ މެދު އާއްމުންގެ ހިޔާލު ހޯދަން ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ނިންމައިފިއެވެ.

ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ބުނީ ގެވެށި އަނިޔާ ހުއްޓުވުމަށް ކުރެވޭނެ ކަންކަމާ މެދު އާއްމުންގެ ހިޔާލު ހޯދުމަށް ވާޗުއަލް ބައްދަލުވުމެއް އަންނަ މަހު 7 ވަނަ ދުވަހުގެ ރޭ 08:00 އިން 09:30 އަށް ބާއްވަން ނިންމާފައިވާ ކަމަށެވެ.

އެ ބައްދަލުވުމުގެ ބޭނުމަކީ ގެވެށި އަނިޔާއާ ގުޅޭ ގޮތުން އާއްމުންގެ ކަންބޮޑުވުން ދެނެގަތުމާއި އެކަމާ ގުޅޭ އިދާރާތަކާއި އާއްމުންނާ ދެމެދު ހަރުދަނާ މަޝްވަރާ ކުރެވޭނެ މާހައުލެއް ފޯރުކުރުން ކަމަށް އެއޮތޯރިޓީން ވަނީ ބުނެފައެވެ.

އެ ބައްދަލުވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކާއި ސުވާލު ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އެކަމަށް ހާއްސަ ފޯމުތަކެއް ފުރުމަށް ވަނީ އެދިފައެވެ. އެގޮތުން ރަޖިސްޓްރާ ވާން ހާއްސަ ފޯމަކާއި ސުވާލު ހުށަހެޅުމަށް ހާއްސަ ފޯމެއް ފުރުމަށް ވަނީ އެދިފައެވެ.

ރާއްޖޭގައި ގެވެށި އަނިޔާގެ މައްސަލަތައް ދޭތެރެ ދޭތެރެއިން ފެންމަތިވަމުން އަންނަ އިރު ސްޓެސްޓިކްސް މޯލްޑިވްސްގެ ތަފާސް ހިސާބުތަކުން ބުނާ ގޮތުގައި 2015 ވަނަ އަހަރާއި 2019 ވަނަ އަހަރުގެ ތެރޭގައި އަންހެނުންނަށް ކުރާ އަނިޔާ އާ ގުޅޭ 1409 މައްސަލައެއް ވަނީ ރިޕޯޓުކޮށްފައެވެ.

އޭގެ ތެރޭގައި އަންހެނުންނަށް ކުރާ ޖިސްމާނީ އަނިޔާ އާ ގުޅޭ 792 މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. ނަފްސާނީ އަނިޔާގެ 431 މައްސަލަ އެއް ރިޕޯޓުކޮށްފައިވާއިރު ޖިންސީ އަނިޔާގެ 186 މައްސަލަ އެއް ރިޕޯޓުކޮށްފައިވާ ކަމަށް ވެސް ތާފަސް ހިސާބުތަކުން ދައްކައެވެ.