އަވަށްޓެރި ސްރީލަންކާގެ މަހާރާ ޖަލުގައި އާދީއްތަ ދުވަހު ހިންގި ވަރުގަދަ ކުރިމަތިލުންތަކުގައި މަރުވި މީހުންގެ އަދަދު 6 އަށް އަރާ، ޒަހަމްވީ މީހުންގެ އަދަދު 35 އަށް އަރައިފިއެވެ.

ލަންކާ ފުލުހުން މައުލޫމާތު ދޭ ގޮތުގައި، ޖަލު އޮފިސަރުންގެ 2 މީހެއްގެ ހާލު ކުރިޓިކަލްއެވެ.

ހަމަނުޖެހުން ހިންގި ސަރަހައްދުގައި އަލިފާނުގެ ހާދިސާއެއް ހިނގި ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ލަންކާގެ މީޑިއާއަށް މައުލޫމާތު ދެމުން އެ ގައުމުގެ ޖަލުތަކާ ބެހޭ އިދާރާއިން ބުނީ، މަހާރާ ޖަލުގައި ރޯވި އަލިފާންގަނޑު ނިއްވާލާފައި ވާ ކަމަށާ، މަސްރަހު ކޮންޓްރޯލް ކުރުމުގެ އޮޕަރޭޝަން ކުރިއަށް ދާ ކަމަށެވެ.

މަހާރާ ޖަލު ހުންނަ ސަރަހައްދުގައި ދިރިއުޅޭ އާންމުންވެސް ވަނީ ވަރުގަދަ ހުޅުގަނޑެއް ފެނުނު ކަމަށް ރިޕޯޓް ކޮށްފައެވެ. އަދި ބަޑީގެ ހަމަލާތައް ބަދަލުކުރި އަޑުފަށްގަނޑު އިވުނު ކަމަށްވެސް އެ ސަރަހައްދުގެ އާންމުން ވަނީ ބުނެފައެވެ.

ސްރީލަންކާގެ ޕްރިސަން ރިފޯމްސް މިނިސްޓްރީއިން ބުނީ، މަހާރާ ޖަލުގައި ހިންގި ހަމަނުޖެހުންތައް ތަހުގީގު ކުރުމަށް، އެ ވުޒާރާގެ ސެކްރެޓަރީ އިސްކޮށް ހުންނަވައިގެން ހާއްސަ ކޮމިޓީއެއް އެކުލަވާލާފައި ވާ ކަމަށެވެ.

މި ހަމަނުޖެހުންތަކާ ކުރިމަތިލުންތައް ހިންގުމަށް މެދުވެރިވި އަސްލު ސަބަބު އަދިވެސް ސާފުވާ ގޮތެއް ނުވެއެވެ.

މިދަނޑިވަޅަކީ ސްރީލަންކާގައިވެސް ހަލުވިކަމާއެކު ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަން ފެތުރެމުންދާ ދަނޑިވަޅެކެވެ. އެގޮތުން، މަހާރާ ޖަލުންވެސް އިއްޔެ ވަނީ 183 ގައިދީއަކު ޕޮޒިޓިވްވެފައެވެ. މިއާއެކު، ސްރީލަންކާގެ ޖަލުތަކުން ޕޮޒިޓިވް ކޭސް ރެކޯޑް ކުރި އަދަދު މިވަނީ 1091 އަށް އަރާފައެވެ.