އެލީގެ، ހިތް ކުދިކުދިވެފައިވާ މަންމަގެ ޝަކުވާއަކީ، އެ ދެމައިން ނިސްބަތްވާ އަވަށުގެ މީހުން އެލީއާއި މެދު ކަން ކުރަމުން އަންނަ އިހާނެތި ގޮތުގެ ޝަކުވާއެވެ. އެލީއަށް ޖިސްމާނީ އަނިޔާދީ، އޭނާއާ ދިމާލަށް ބޭރުކޮށްލާ ރަހުމެއް ނެތް ބަސްތަކުން އެ މަންމަގެ ހިތް ވަނީ ފަޅައިގެން ގޮސްފައެވެ. އަވަށު މީހުން ބުނާ ގޮތުގައި އެލީއަކީ "ޖަނަވާރެކެވެ".

އެލީ މުޅި ދުވަސް ހޭދަ ކުރަނީ ޖަންގަލި ތެރޭގައި، އެކި ކޮޅުކޮޅަށް ދުވުމުގައެވެ. ވިނަ ކެއުމުގައެވެ. އެލީ ފަހާ ދުވަނީ އޭނާގެ މަންމައެވެ.

އުމުރުން 21 އަހަރު ވެފައިވާ އެލީއަށް ވާހަކައެއް ނުދެއްކެއެވެ. އާންމު އިންސާނުން ކައި އުޅޭ ގޮތަށް ކާކަށް ބޭނުމެއް ނުވެއެވެ. ކާން ބޭނުން ވަނީ ދޮންކޭލެވެ. އެވެސް، ޝިކާރަ އުސޫލުން ހޯދާ ދޮންކޭލެވެ. ރުވާންޑާގެ އަވަށެއްގައި ދިރިއުޅޭ އެލީ، ދެން ކަނީ ވިނައެވެ.

އެލީ، އޭނާގެ މަންމައާ އެކު

އެލީގެ މަންމަ ބުނާ ގޮތުގައި، އެލީއަކީ ހާއްސަ ކުއްޖެކެވެ. އެލީއަކީ އޭނާއަށް ލިބުނު ނިއުމަތެއް ކަމުގައި އެލީގެ މަންމަ ދެކެއެވެ. އެލީގެ މަންމައަށް ލިބުނު 5 ދަރިންނާއި، ފިރިމީހާވެސް މިއަދު ދުނިޔޭގައި ނެތެވެ.

ވިހޭ ދުވަހުން ފަށައިގެންވެސް އުނގެނުމުގައި ތަކުލީފުތަކެއް އުފުލާ އެލީ ސްކޫލަކަށް ނުދެއެވެ. އޭނާގެ އަވަށު މީހުން ދެކެ ޖެހިލުންވެ، ބިރު ގަނެއެވެ.

އެލީ، ރައްޓެހިންނާއެކު ކުޅެނީ

އެފްރިމެކްސް ޓީވީއިން އެ ޒުވާނާގެ މަންޒަރުތައް ނަގާފައިވާ އެލީއަކީ، އަވަށު މީހުންގެ ބަހުރުވައިންނަމަ "ރާމާމަކުނެކެވެ". މީހެއްގެ ހިލަމެއް ވިއަސް، އެ ބައެއްގެ ގާތުން ދުރަށް ދިއުމަށް އެލީ ދުވެއެވެ. އެލީ ފަހާ ދުވަނީ އޭނާގެ މަންމައެވެ. މަންމަ ބުނާ ގޮތުގައި، ހަފުތާއެއް ނިމޭއިރު، 230 ކިލޯމީޓަރުގެ ރާސްތާއެއް ކަޑަތު ކުރެވޭ ވަރަށް ދުވެވެއެވެ. އެލީގެ މަންމަ މިކަން ކުރަނީ، ދުވެ ދާ ގޮތަށް، އެލީ އެނބުރި ގެއަށް ނައިސްދާނެ ކަމުގެ ބިރަށެވެ.