ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ ތެރަޕީ ހިދުމަތުގެ ގައުމީ މިންގަނޑުތައް އެކުލަވާލުމުގެ މަސައްކަތް ފަށައިފިއެވެ.

މިއީ ސޯޝަލް އެންޑް ފެމެލީ ޑިވެލޮޕްމެންޓް މިނިސްޓްރީ އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގުޅިގެން ކުރިއަށް ގެންދާ މަސައްކަތެކެވެ.

ސޯޝަލް އެންޑް ފެމެލީ ޑިވެލޮޕްމެންޓް މިނިސްޓްރީ ބުނީ ތެރަޕީ ހިދުމަތުގެ ގައުމީ މިންގަނޑުތައް އެކުލަވާލުމަށް ރިހެބިލިޓޭޓިވް ތެރަޕީގެ މަސައްކަތްތައް ކުރާ އެންމެހާ ފަރާތްތަކާއިއެކު މިދިޔަ މަހުގެ 31 އަދި މަހުގެ 1 ވަނަ ދުވަހު ހާއްސަ މަސައްކަތު ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ. މި މަސައްކަތު ބައްދަލުވުމަކީ ރާއްޖޭގެ ސިއްހީ ހިދުމަތްތެރިންނަށް އަމާޒުކޮށް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ ތެރަޕީގެ ފެންވަރު ރަނގަޅު ކުރުމަށް ކުރެވުނު މުހިންމު މަސައްކަތެއް ކަމަށް އެ މިނިސްޓްރީއން ބުނެއެވެ.

ދިވެހިރާއްޖޭގައި މިވަގުތު ތެރަޕީ ދިނުމުގެ މަސައްކަތް ކުރާ 5 ދާއިރާއެއްގެ ތެރަޕިސްޓުން މިމަސައްކަތު ބައްދަލުވުމުގައި ވަނީ ބައިވެފައެވެ. އެއީ ސްޕީޗް ތެރަޕީ، ފިޒިއޮތެރަޕީ، އޮކިއުޕޭޝަނަލް ތެރަޕީ، ބިހޭވިއާ ތެރަޕީ އަދި އާލީ އިންޓަވެންޝަންއެވެ. އަދި ސައިކޮލޮޖިސްޓުން ވެސް މި މަސައްކަތު ބައްދަލުވުމުގައި ބައިވެރިވިއެވެ.

ސޯޝަލް އެންޑް ފެމެލީ ޑިވެލޮޕްމެންޓް މިނިސްޓްރީއިން ބުނީ މި މަސައްކަތު ބައްދަލުވުމުގައި ކުރެވުނު މަޝްވަރާތަކުގެ ނަތީޖާއެއްގެ އެ 5 ދާއިރާގެ ތެރަޕީ ދިނުމުގައި ގައުމީ ފެންވަރުގައި ބަލާނެ މިންގަނޑުތަކެއް އެކުލަވާލެވިފައިވާ ކަމަށެވެ. އަދި ކުރިއަށް ދެން އޮތީ މި މިންގަނޑުތަކަށް ކަމާބެހޭ ތަޖުރިބާކާރުންގެ ހިޔާލު ހޯދުމާއިއެކު ވެލިޑޭޓް ކުރުމުގެ މަރުހަލާ ކަމަށެވެ.

އެއަށްފަހު ރާއްޖޭގައި ތެރަޕީގެ ހިދުމަތްދޭ ފަރާތްތައް މި މިންގަނޑުތަކަށް އަހުލުވެރި ކުރުމުގެ ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ގެންދާނެ ކަމަށް އެ މިނިސްޓްރީއިން ވަނީ ބުނެފައެވެ.

އެ މިނިސްޓްރީއިން އިތުރަށް ބުނީ މި މަސައްކަތުން ހާސިލް ކުރެވޭނެ އެންމެ މުހިންމު އެއް ކަމަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ހޯދާ ތެރަޕީގެ ހިދުމަތްތަކާއި ގުޅޭ ތަފްސީލީ މިންގަނޑެއް އެކުލަވާލުން ކަމަށެވެ. އަދި އެއާއިއެކު ހިދުމަތް ހޯދާ ފަރާތްތަކުގެ ދުޅަހެޔޮކަން އިސްކޮށް، ރައްކާތެރި، ނަތީޖާނެރުވަނިވި ގޮތަކަށް ތެރަޕީ ހިދުމަތުގެ އެންމެހާ ކަންކަން ބައްޓަންކުރުން ކަމަށެވެ.