ދުނިޔޭގެ ތާރީހު ދުށް އެންމެ ބޮޑު ލެގޯ ބްރިކް-ސެޓް ތައާރަފު ކުރުމާއެކު، ވިކި ހުސްވެއްޖެއެވެ.

އެންމެ ބޮޑު ލެގޯ ބްރިކް-ސެޓްގެ ގޮތުގައި ތައާރަފު ކުރީ، ރޯމްގެ މަޝްހޫރު އެމްފިތިއޭޓަރު – 'ކޮލަސިއަމް' ގެ ފަރުމާއެކެވެ. ނޮވެމްބަރުގެ 27 ވީ ހުކުރު ދުވަހު ތައާރަފު ކުރި މި ސެޓްގައި، 9036 ލެގޯކޮޅު ހިމެނެއެވެ. މި ލެގޯ-ސްޓްރަކްޗާ ބިނާކޮށް ނިމޭއިރު އުސް މިނުގައި 10.5 އިންޗި، ފުޅާ މިނުގައި 20.5 އިންޗި އަދި ފުން މިނުގައި 23.5 އިންޗި ހުރެއެވެ.

މިއިން ކޮންމެ ލެގޯ ކޮޅެއް ފަރުމާ ކޮށްފައި ވަނީ އަސްލު ބިނާގެ މަންޒަރު ނަކަލު ވާ ފަދަ ގޮތަކަށެވެ. ކުލަތައްވެސް ހިމަނާފައިވަނީ 2000 އެއްހާ އަހަރުވީ، ބިނާއާ ދާދި އެއްގޮތަށް، 3 ޝޭޑަކުންނެވެ. މި ފަރުމާ ބިނާ ކުރުމަށް ބިސްބުރު ބައްޓަމަށް އޮންނަ ޕްލެޓްފޯމެއްވެސް އޮވެއެވެ. އެއީ ސިޓިންގް ރޫމް ފަދަ ތަނެއްގައި ޑިސްޕްލޭ ކޮށްފައި ބަހައްޓާނަމަވެސް، ހުރިހާ ފަރާތަކުން މަންޒަރު ބަލާލުމުގެ ފުރުސަތު ދިނުމަށް ކަމަށް ބުނެވެއެވެ.

މިހާތަނަށް ލެގޯއިން ތައާރަފުކުރި އެންމެ ބޮޑު ފަރުމާއަކީ "މިލޭނިއަމް ފެލްކަން" އެވެ.

18 އަހަރުން މަތީގެ މީހުންނަށް ހާއްސަ ކޮށްގެން ތައާރަފުކުރި، އެމްފިތިއޭޓަރު – 'ކޮލަސިއަމް' ގެ ފަރުމާގެ ލެގޯ ބްރިކް-ސެޓެއްގެ އަގު ހުރީ 549.99 ޑޮލަރަށެވެ. މިއީ "މިލޭނިއަމް ފެލްކަން" އަށްވުރެ 250 ޑޮލަރު ހެޔޮ އަގެކެވެ.