އެންމެ ކުރިއަރާފައިވާ ގައުމުތަކުގެ ލިސްޓުގައި ގުނާ ލެވޭ އިނގިރޭސިވިލާތުގައި، އޮޅުމެއްގެ ތެރެއިން، 1300 އެއްހާ މީހުންނަށް، ކޮވިޑް19އަށް ޕޮޒިޓިވް ކަމަށް ބުނާ ނަތީޖާ ދޫކުރެވިފައި ވާ ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

މި 1300 އެއްހާ މީހުންނަކީ ފުރިހަމަ ސިއްހަތެއްގައި ތިއްބާ، ޕޮޒިޓިވް ކަމަށް، ކަމާ ބެހޭ ފަރާތްތަކުން ނަތީޖާ ދޫކޮށް، ހާސް ކަމެއްގެ ތެރެއަށް ވައްޓާލި މީހުންނެވެ. މި މައްސަލަ ކުރިމަތިވީ، ކޮވިޑް-19އަށް ޓެސްޓުކޮށް ޓްރޭސް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ލެބެއްގައި، އިނގިރޭސިވިލާތުގެ ނޭޝަނަލް ހެލްތް ސާވިސް (އެންއެޗްއެސް)ގެ ނިޒާމަށް އެރި އޮޅުމެއްގެ ސަބަބުން ކަމަށް، އިނގިރޭސިވިލާތުގެ ޑިޕާޓްމަންޓް އޮފް ހެލްތް އެންޑް ސޯޝަލް ކެއާ އިން ވަނީ ރިޕޯޓް ކޮށްފައެވެ.

އޮޅުމެއްގެ ތެރެއިން ޕޮޒިޓިވް ނަތީޖާ ދެވުނު ކޭސްތަކަކީ، ނޮވެމްބަރު 19 އާއި 23 ވަނަ ދުވަހާ ދެމެދު ޓެސްޓު ކުރީ މީހުން ކަމަށް މައުލޫމާތު ލިބެއެވެ. އިނގިރޭސިވިލާތުގެ ޑިޕާޓްމަންޓް އޮފް ހެލްތް އެންޑް ސޯޝަލް ކެއާ އިން އާންމު ކޮށްފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، ކޮވިޑް-19އަށް ޓެސްޓު ކުރުމަށް ބޭނުން ކުރާ ކެމިކަލް ބެޗަކަށް މައްސަލަ ކުރިމަތި ވުމުގެ ސަބަބުން، ޕޮޒިޓިވް ކަމަށް ނަތީޖާ ދޫކުރެވުނު 1311 މީހެއްގެ ނަތީޖާ، ސައްހަ ނޫން ކަމަށެވެ.

އިނގިރޭސިވިލާތުގެ ކުޑަކުއްޖަކު ވެސްޓްމިންސްޓާ ސްކޫލަކަށް ދަނީ/ފޮޓޯ: ރޮއިޓާޒް

މި އޮޅުމުގައި ޝަމިލުވާ މީހުންނަށް އެކަން އަންގާ، އަލުން ޓެސްޓު ކުރަން އަންގާފައި ވާނެ ކަމަށްވެސް އިނގިރޭސިވިލާތުގެ ކަމާ ބެހޭ ފަރާތްތަކުން ބުނެއެވެ. އަދި ބަލީގެ އަލާމާތެއް ހުރި ނަމަ، ވަގުތުން ވަގުތަށް އައިސޮލޭޓް ވުމަށް އެމީހުންނަށް އަންގާފައި ވާނެ ކަމަށްވެސް އިނގިރޭސިވިލާތުގެ ޑިޕާޓްމަންޓް އޮފް ހެލްތް އެންޑް ސޯޝަލް ކެއާ އިން ބުނެއެވެ.

އިނގިރޭސިވިލާތުގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ، ސިއްހީ ތަޖުރިބާކާރުންގެ ފަރާތުން މިފަދަ އޮޅުމެއް އަރާ، ނުބައި ނަތީޖާތަކެއް ނެރެވުނު މައްސަލަ ތަހުގީގު ކުރަން ފަށާފައެވެ. އަދި މިކަމުގައި، އެހެން ބަޔަކަށްވެސް ނުބައި ނަތީޖާ ދޫކުރެވިފައި ވޭތޯ ބެލުމުގެ މަސައްކަތްވެސް ކުރިއަށް ދާ ކަމަށް މައުލޫމާތު ލިބެއެވެ.

ފުޅާ ދާއިރާއެއްގައި ކޮވިޑް-19 އަށް ޓެސްޓު ކުރުން ކުރިއަށް ގެންދިއުމަށް، އިނގިރޭސިވިލާތުގެ ސަރުޚާރުން ވަނީ، އިތުރު 7 ބިލިއަން ޕައުންޑް (ގާތްގަނޑަކަށް 9.31 ބިލިއަން ޑޮލަރު)ގެ ފަންޑެއް އިއުލާން ކޮށްފައެވެ.

މިއީ ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން އިނގިރޭސިވިލާތަށް މިވަރުގެ ބޮޑު އޮޅުމެއް އެރި ފުރަތަމަ ފަހަރެއް ނޫނެވެ. އެގޮތުން، ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް، އިންގްލަންޑް އިން ޕޮޒިޓިވްވި މީހުންގެ ތެރެއިން 16000 ކޭހެއް ރިޕޯޓް ނުކުރެވި އޮތީ، ތަފާސް ހިސާބުތައް ބެލެހެއްޓުމަށް، މައިކްރޮސޮފްޓް އެކްސެލް ބޭނުން ކުރުމުން ކަން، އޮކްޓޯބަރު މަހު ހާމަވެ، ގިނަ ބައެއްގެ ފާޑުކުއުން އަމާޒުވިއެވެ.