50 ބާވަތެއްގެ ކެންސަރު ދެނެގަތުމުގެ ގާބިލުކަން ލިބިފައި ވާ ކަމަށް ބެލެވޭ ލޭގެ ޓެސްޓެއްގެ ތަހުލީލީ މަސައްކަތް ފެށުމަށް، އިނގިރޭސިވިލާތުގެ ނޭޝަނަލް ހެލްތް ސާވިސް (އެންއެޗްއެސް) އިން ތައްޔާރުވެއްޖެއެވެ.

މި ތަހުލީލު ކާމިޔާބު ވެއްޖެނަމަ، މި ޓެސްޓު ވާނީ، ބަލީގެ ކުރީކޮޅު ބަލި ދެނެގަނެވި، އެތައް ހާސް ބައެއްގެ ފުރާނަ ސަލާމަތް ކުރުމަށް އެހީވެދޭނެ ޓެސްޓަކަށް ކަމަށް ގަބޫލުކުރެވެއެވެ.

ކެންސަރު ޖެހިފައިވާ މީހަކަށް ފަރުވާ ދެނީ/ފޮޓޯ: އައިއެސްޔޫޕީ

ސިއްހީ ދާއިރާގައި ހަރަކާތްތެރިވާ ކެލިފޯނިއާގެ ކުންފުންޏެއް ކަމަށްވާ ގްރެއިލްއިން ތަރައްގީ ކޮށްފައިވާ "ގަލޭރީ" ލޭގެ ޓެސްޓުގެ ތަހުލީލުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ 165000 ޕޭޝަންޓުންގެ ބައިވެރިވުމާއެކުގައެވެ. މިއީ ދުނިޔޭގެ އެއްވެސް ތަނެއްގައި މި ޓެސްޓު، ތަހުލީލު ކުރާ ފުރަތަމަ ފަހަރު ކަމަށް އެންއެޗްއެސް އިން ބުނެއެވެ.

ގްރެއިލްގެ މަސައްކަތް އަމާޒު ކޮށްފައި ވަނީ، ދުރާލާ ކެންސަރު ދެނެގަތުމަށެވެ. މި ކުންފުނި އޮޕަރޭޓް ކުރަމުން ދަނީ، މަޝްހޫރު މަހުޖަނުން ކަމަށް ވާ، ބިލް ގޭޓްސްއާއި ޖެފް ބޭޒޯސް ފަދަ ޝަހްސުންގެ އެއްބާރުލުމާ އެކުގައެވެ.

ކެންސަރު ބަލީގައި މި ދުނިޔެއާއި ވަކިވި ބެން ވޮޓްކިންސް / ފޮޓޯ: ޑެޑްލައިން

އެންއެޗްއެސްގެ ޗީފް އެގްޒެކެޓިވް ސައިމަން ސްޓީވަންސް ވިދާޅުވީ، މި ޓެސްޓަކީ، ރަހިމުގެ ކެންސަރު ފަދަ، ދުރާލާ ދެނެގަންނަން ދަތި ކެންސަރުތައް، ދުރާލާ ދެނެގަނެވި، ގިނަ ބައެއްގެ ސަލާމަތް ކުރުމަށް އެހީވެދޭނެ ޓެސްޓަކަށް ވެދާނެ ކަމަށެވެ.

"ގަލޭރީ" ލޭގެ ޓެސްޓުގެ ތަހުލީލުތަކުގެ ފުރަތަމަ މަރުހަލާ ފެށުމަށް ތާވަލު ކޮށްފައި ވަނީ، 2021 ވަނަ އަހަރުގެ މެދެއްހާ ހިސާބަށެވެ. ދިރާސާގައި ބައިވެރިވާ 165000 ގެ ތެރޭގައި، އުމުރުން 50 އަހަރާއި 79 އަހަރާ ދެމެދުގެ 140000 އެއްހާ މީހުން ބައިވެރިވާނެއެވެ. މި މީހުންނަކީ ބަލީގެ އެއްވެސް އަލާމާތެއް ނެތް މީހުން ކަމަށާ، ކުރިއަށް އޮތް 3 އަހަރެއްހާ ދުވަހު، ގަވައިދުން ލޭގެ ޓެސްޓު ހަދާނެ ބައެއް ކަމަށް މައުލޫމާތު ލިބެއެވެ.

ކެންސަރު ބަލީގައި 4 އަހަރު ދުވަހު އުޅުމަށްފަހު ވަކިވެދިޔަ ހޮލީވުޑް ބަތޮލް ޗެޑްވިކް ބޯޒެމަން/ފޮޓޯ: އެންވައިޓީ

އަނެއް 25000 މީހުންނަކީ، ކެންސަރުގެ އަލާމާތްތައް ހުރުން އެކަށީގެންވާ މީހުންނެވެ. މި މީހުންގެ ހަށިގަނޑުގައި ހަލުވި ދުވެއްޔެއްގައި ޓެސްތު ހަދާނެ ކަމަށް މައުލޫމާތު ލިބެއެވެ. އެއީ ދުރާލާ ބަލި ދެނެގަތުމުގެ އަމާޒުގައެވެ.

މި ތަހުލީލުތަކުގެ ނަތީޖާ ލިބޭނެ ކަމަށް ލަފާ ކުރެވެނީ 2023 ވަނަ އަހަރުއެވެ. އަދި 2025 ވަނަ އަހަރު އަންނަ އިރު، މިލިއަނެއްހާ މީހުންނަށް މި ޓެސްޓު ދެވިފައި ވާނެ ކަމަށް އުއްމީދު ކުރާ ކަމަށްވެސް އެންއެޗްއެސް އިންގްލަންޑްއިން ހަބަރު ދެއެވެ.

ކަށީގެ ކެންސަރުގެ އެންމެ ފަހު ސްޓޭޖުގައި ހުރި އުމުރުން 5 އަހަރުގެ ހެރީ އޭނާގެ ބައްޕައާއިއެކު/ފޮޓޯ: ޓުވިޓާ

އިންގްލަންޑްގެ އަދުގެ ހާލަތަށް ބަލާއިރު، ކެންސާ ޕޭޝަންޓުންގެ 2 ބައިކުޅަ 1 ބައި ހާ ޕޭޝަންޓުންގެ ހަށިގަނޑުން ބަލި ދެނެގަނެވެނީ ސްޓޭޖް ވަން ނުވަތަ ސްޓޭޖް 2 ކެންސަރަށް ބަދަލުވާ ފަހުންނެވެ. އެންއެޗްސެސްއިން އަމާޒު ހިފާފައި ވަނީ، 2028 ވަނަ އަހަރު އަންނައިރު، މިއަދަދު، 4 ބައިކުޅަ 1 ބަޔަށް ދަށް ކުރުމަށެވެ.