އެކި ގޮތްގޮތުން ކަށިގަނޑުގައި ރެނދުލުމުގެ ފުރުސަތު، އެއްވެސް ވަރަކަށް މަސް ނުކައި އުޅޭ ވީގަންސްއާއި ވެޖިޓޭރިއަނުންނަށް، އެނޫން މީހުންނަށް ވުރެ ބޮޑު ކަމަށް، ބީއެމްސީ މެޑިސިން ޖާނަލްގައި އާންމު ކުރި ދިރާސާއެއް ބުނެފިއެވެ.

އުމުރުން ދުވަސް ވަމުން އަންނަ ވަރަކަށް ކަށިފީވުމާއި އެނޫންވެސް ގޮތްގޮތުން، ކަށިގަނޑުގައި ރެނދުލުމުގެ ފުރުސަތު އިތުރުވެއެވެ. އަދި ކަށިގަނޑުގައި މިނަރަލް އެކުލެވޭ މިންވަރު، ހުރިހާ ޒާތެއްގެ މަސް ކެއުމުން އެއްކިބާވެގެން ތިބި ވެޖިޓޭރިނިއަނުންގެ ހަށިގަނޑުގައި ދަށް ކަމަށް މީގެ ކުރީގެ ދިރާސާތަކުން ވެސް ވަނީ ދައްކާފައެވެ. އެމެރިކާގެ ނޭޝަނަލް ކޭންސާ އިންސްޓިޓިއުޓް އިން ބުނާ ގޮތުގައި، ކަށީގައި ކެލްސިއަމްއާ ފޮސްފަރަސް އެކުލެވޭ މިންވަރު، ވެޖިޓޭރިއަނުންގެ ހަށިގަނޑުގައި ދަށެވެ.

ޔުނިވާސިޓީ އޮފް އޮކްސްފޯޑްގެ ނަފީލްޑް ޑިޕާޓްމަންޓް އޮފް ޕޮޕިއުލޭޝަން ހެލްތް އިން ކުރިއަށް ގެންދިޔަ ދިރާސާގައި އިސްކޮށް ހުންނެވި ނިއުޓްރިޝަނަލް އެޕިޑެމިއޮލޮޖިސްޓް ޓޭމީ ޓޮންގް ވިދާޅުވާ ގޮތުގައި، ކެއިން ބުއިމުގެ ވައްޓަފާޅި ހުންނަ ގޮތާ، ކަށިގަނޑުގައި ރެނދުލުމުގެ ފުރުސަތު އޮންނަ ގުނަވަންތަކުގައިވެސް ގުޅުމެއް އޮންނަ ކަމަށެވެ.

ތާޒާ މޭވާއާއި ތަރުކާރީ މޭޒެއް/ފޮޓޯ: ގެޓީއިމޭޖަޒް

މި ދިރާސާއަށް މައުލޫމާތު އެއް ކުރަން ފެށީ 1993 ވަނަ އަހަރުއެވެ. 55000 އެއްހާ މީހުން ބައިވެރިކޮށްގެން، 1993 ވަނަ އަހަރާއި 2001 ވަނަ އަހަރާ ދެމެދު އެއްކުރި މައުލޫމާތުގެ މައްޗަށް ބިނާކޮށް، ކެއިންބުއިމުގެ ވައްޓަފާޅިއަށް ބަލައިގެން ބައިވެރިން ގިންތިކުރިއެވެ. އޭގެ ތެރޭގައި، އެއްގަމު މަސް ކާ މީހުންނާއި، ކަނޑުމަސް ކާ މީހުންނާއި، ވެޖިޓޭރިއަނުން (އެއްގަމާ ކަނޑުމަސް ނުކާ، ނަމަވެސް ކިރާއި ބިހުގެ އުފެއްދުންތައް ބޭނުންކުރާ މީހުން) އާއި ވީގަންސް (ޖަނަވާރާއި ޖަނަވާރެއްގެ ކިބައިން އަންނަ އެއްވެސް އެއްޗެއް ބޭނުން ނުކުރާ މީހުން) ހިމެނެއެވެ.

ދިރާސާ ޓީމުން، ބައިވެރިންގެ ފޮލޯ-އަޕްއެއް އެންމެ ފުރަތަމަ ހެދީ 2010 ވަނަ އަހަރުއެވެ. އެއަށްފަހު، 2016 ވަނަ އަހަރުގެ ފޮލޯ-އަޕްގައި، ކަށިގަނޑުގައި ރެނދުލުމުގެ 3941 ކޭސް ރެކޯޑް ކުރެވުނެވެ.

ކަން މިހެން އޮތްއިރު، ވަކި ޒާތެއްގެ ކެއުމަކަށް ދިރިއުޅުން ހުސްކޮށްލުމަކީ ފަހަރުގައި އެންމެ ރަނގަޅު ގޮތަކަށް ނުވެދާނެއެވެ. ނުވަތަ ވަކި ބާވަތެއް ބޭނުން ނުކުރުމަކީވެސް އެންމެ ރަނގަޅު ގޮތް ކަމަށް ނުވެދާނެއެވެ. މިކަމުގައި އޮތް އެންމެ ބުއްދުވެރި ގޮތަކީ، ޑައެޓީޝަނުންނާއި ނިއުޓްރިޝަނިސްޓުންގެ އެހީ ހޯދާ، ފިޒީޝަނުންގެ ލަފައާވެސް، އެކު، އެމީހެއްގެ ހަށިގަނޑާއި، ދިރިއުޅުމުގެ ވައްޓަފާޅިއަށް ފެށޭ ޑައެޓަކާ ދިމާއަށް ދިއުމެވެ.