ފަސް އަހަރުން ދަށުގެ ކުޑަކުދިން ބަލާ ބޮޑު ކުރުމާ ބެހޭ ގޮތުން އިނގިރޭސިވިލާތުގެ ތާރީހުގައި ކުރިއަށް ގެންދިޔަ އެންމެ ވަރުގަދަ ދިރާސާގެ ނަތިޖާ އާންމު ކޮށްފިއެވެ.

މިދިރާސާގެ ފަހަތުގައި އެންމެ އިސްކޮށް ހުންނެވީ އިނގިރޭސި އަމީރު ވިލިއަމްގެ އަނބިކަނބަލުން، ޑަޗަސް އޮފް ކޭމްބްރިޖް – ކޭޓް މިޑްލްޓަންއެވެ.

ޑަޗަސް ކޭޓް އިސްކޮށް ހުންނަވައިގެން ކުރެއްވި ދިރާސާ ބުނާ ގޮތުގައި، ކުޑަކުދިން ބަލާ ބެލެނިވެރިންނަކީ އެހެން ފަރާތުން އިންތިހާއަށް ފާޑުކިއުން އަމާޒުވެ، އެކަމާ ކުރިމަތިލާންޖެހޭ ބައެކެވެ. އެހެން މީހުންގެ ފަރާތުން ފާޑުކިއުން އަމާޒުވާ ކަމަށް 70 ޕަސެންޓް ބެލެނިވެރިން ބުނެފައިވެއެވެ. އަދި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގައި އިންތިހާ އެކަނިވެރިކަމާއި އެކަހެރި ކަން ތަހައްމަލު ކުރަން ޖެހުނު ބައެކެވެ.

މައިގަނޑު 5 ސުވާލެއް ހިމަނުއްވައިގެން ޑަޗަސް އޮފް ކޭމްބްރިޖު ކުރިއަށް ގެންދެވި ދިރާސާގައި ބައި މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ބައިވެރިވެފައެވެ. ދިރާސާގެ ގިނަ ބައިވެރިން ގަބޫލު ކުރާ ގޮތުގައި، ދަރިފުޅުގެ މުސްތަގުބަލަކީ، ވިހާތަނުން ކަނޑައެޅިފައި އޮންނަ އެއްޗެއް ނޫނެވެ. ނަމަވެސް، ތުއްތު ދަރިފުޅުގެ ހަޔާތުގެ ފުރަތަމަ ދުވަސްތަކަކީ ކިހާ މުހިންމު ދުވަސްތަކެއް ކަން ގިނަ މީހުންނަށް ވިސްނިފައި ނެތް ކަމަށްވެސް މިދިރާސާ ބުނެއެވެ.

ޑަޗަސް ކޭޓް ވިދާޅުވާ ގޮތުގައި، މި ދިރާސާއަކީ، އާލީ ޗައިލްޑްހުޑް ނުވަތަ ތުއްތު ދަރިފުޅުގެ ޅަފަތުގެ ދުވަސްވަރަށް މުހިންމު ދިރާސާއެކެވެ. ޝާހީ އާއިލާއާ ގުޅި ވަޑައިގެން، ފާއިތުވީ 9 އަހަރެއްހާ ދުވަސް، ޑަޗްސް ކޭޓް ހޭދަކުރެއްވީ، މި ރޮނގުން ދިރާސާތައް ކުރެއްވުމާއި، ޖަމިއްޔާތަކާ އެކުގައި މި ދާއިރާއިން މަސައްކަތް ކުރެއްވުމުގައެވެ.

ޑަޗަސް ކޭޓްއަކީ ޅަފަތުގެ ދުވަސްވަރު ދިރިއުޅުމުގެ ވައްޓަފާޅި އޮންނަ ގޮތުން، މުސްތަގުބަލަށް ކުރާ އަސަރު ގާތުން ތަޖުރިބާކުރައްވާފައިވާ ފަރާތެކެވެ.

ތުއްތު ދަރިފުޅުގެ ހަޔާތުގެ ފުރަތަމަ އަހަރުތަކަކީ، ކުރިއަށް އޮތް ތަނުގައި ދިރިއުޅުން ބެލަންސް ކުރުމަށް އިންތިހާއަށް މުހިންމު އަހަރުތަކެކެވެ. މިއީ ދަރިފުޅަށް އެންމެ ބޮޑަށް، އޯގާތެރިކަމާ އަޅާލުން ބޭނުންވާނެ ދުވަސްވަރެވެ.