މިނިސްޓާ އޮފް ޑިފެންސް މާރިޔާ އަހުމަދު ދީދީ ރަސްމީ ދަތުރެއްގައި ލަންކާއަށް ފުރާވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ޑިފެންސް މިނިސްޓްރީން ބުނީ މިމަހުގެ 27 އިން 28 ގެ ނިޔަލަށް ސްރީލަންކާގެ ކޮލޮމްބޯގައި ބޭއްވުމަށް ހަމަޖެހިފައިވާ 4 ވަނަ "އެންއެސްއޭލެވަލް މީޓީން އޮން ޓްރައިލޭޓަރަލް މެރިޓައިމް ސެކިއުރިޓީ ކޯޕަރޭޝަން" ގައި މިނިސްޓަރު މާރިޔާ ބައިވެރިވެ ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެއީ ސްރީލަންކާގެ ސެކްރެޓަރީ އޮފް ޑިފެންސްގެ ރަސްމީ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ޑިފެންސް މިނިސްޓްރީން ވަނީ ބުނެފައެވެ.

ހަ އަހަރުގެ މެދުކެނޑުމަކަށްފަހު ބާއްވާ އެ ބައްދަލުވުމުގައި އިންޑިޔާ ކަނޑުގެ ސަރަހައްދަށް ސަލާމަތީ ގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ބެހޭގޮތުން މަޝްވަރާކުރައްވާނެ ކަމަށް ޑިފެންސް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެކަމާ ގުޅޭގޮތުން ދިވެހި ރާއްޖޭގެ އިތުރުން އަވަށްޓެރި އިންޑިޔާ އާއި ސްރީލަންކާ ގެއެންމެ މަތީ ފަންތީގެ ސެކިއުރިޓީ އެޑްވައިޒަރުން ވެސް މަޝްވަރާކުރައްވާނެ ކަމަށް ޑިފެންސް މިނިސްޓްރީން ވަނީ ބުނެފައެވެ.

ޑިފެންސް މިނިސްޓްރީން ބުނީ އެބައްދަލުވުމުގެ އޮބްޒާވަރުންގެ ތެރޭގައި އަވަށްޓެރި ބަންގްލަދޭޝް އާއި މޮރިޝަސް އަދި ސީޝެލްސް ހިމެނޭ ކަމަށެވެ.