މިވަގުތު މީޑިއާގައި އެންމެ ގަދައަށް ދެކެވެމުން އަންނަ އެއް ވާހަކައަކީ، އިނގިރޭސި ޝާހީ އާއިލާއާ ވަކިވެ، "މިނިވަން" ދިރިއުޅެމެއް އުޅެމުން އަންނަ ޕްރިންސް ހެރީގެ ހަޔާތުގެ ބައިވެރިޔާ، މޭގަން މާކެލްގެ ދެވަނަ ދަރިފުޅު ބައިގެން ދިޔަ ވާހަކައެވެ. މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި މޭގަން މާކެލް ދިޔަ ވާހަކަ އާންމު ކުރުމާއެކު، ގިނަ ބައެއްގެ ސަމާލުކަން އެކަމަށް ހުއްޓި، މީޑިއާގެ ފަލަ ސުރުހީތަކުން އެ ހަބަރު ޖާގަ ހޯދިއެވެ.

ނަމަވެސް، ފާހަގަ ކުރަންޖެހޭ ކަމަކީ، ބައިގެން ދިއުމުގެ ހިތްދަތިކަމާ ވޭނަކީ، ހަމައެކަނި ޝާހީ އިއްޒަތްތެރިންނަށް އޮތް ކަމެއް ނޫން ކަމެވެ. އެ ހިތާމައަކީ އެންމެ ނިކަމެތި މީހާވެސް ހަމަ އެހާ ފުންކޮށް އިހުސާސް ކުރާނެ ވޭނެކެވެ. އޭނާއަށްވެސް މުޖުތަމައުގެ އަޅާލުމާއި، އޯގާތެރިކަމާއި ހަމްދަރުދީ ބޭނުންވާނެއެވެ.

މިފަދަ އެކަކީ، އެމެރިކާގައި ދިރިއުޅެމުން އަންނަ، އުމުރުން އެންމެ 24 އަހަރުގެ ލޯރެން ރިގްސްއެވެ.

ބައިގެން ދިއުމުގެ ހިތްދަތިކަން 2 ފަހަރެއްގެ މަތިން ތަހައްމަލު ކުރި ލޯރެން ރިގްސް، އެނާއަށް އުރާލަން ނުލިބުނު ދަރިއެއްގެ ހަނދަނުގައި ތައްޔާރު ކުރި ބެނާއެއް / ފޮޓޯ: އިންސްޓަގްރާމް

ލޯރެން ރިގްސްއަކީ 7 ބެއިންގެ ތެރެއިން އެންމެ ދޮއްޓަށް ހުރި ކުއްޖާއެވެ. އޭނާއަކީ ވަރަށް ޅަ އުމުރަކުން ފެށިގެންވެސް މަޔަކަށް ވުމުގެ ފޮނި ހުވަފެންތައް ދެކެމުން އައި ޒުވާނެކެވެ. ޒަވާޖީ ހަޔާތެއް ފެށީ 2017 ވަނަ އަހަރުއެވެ. ދަރިއަކު ހޯދުމަށް މަސައްކަތް ފެށީ 2018 ވަނަ އަހަރުގެ އޭޕްރިލް މަހުއެވެ. އެ މަސައްކަތް ކާމިޔާބުވެ، ދަރިއަކަށް ބަލިވެއިން ކަމުގެ އުފާވެރި ހަބަރު ލޯރެންއަށް ލިބުނީ ޖުލައި މަސް ނިމެން ދަނިކޮށެވެ.

ޑޮކްޓަރުގެ ކޮޓަރީގައި ހުރި ސްކޭން މެޝިންގެ ސްކްރީން ދަރިފުޅު ފުރަތަމަ ފަހަރަށް ފެނުނީ ބަނޑަށް އެންމެ 7 ހަފުތާގައެވެ. ލޯރެންގެ ދެމަފިރިންނަށްވެސް ކުރުވީ ފުން އިހުސާސްތަކެކެވެ. ފަޒާ ތެރޭގައި އުދެހެވޭ ފަދައެވެ.

ބަނޑަށް 12 ހަފުތާ ވުމުން، އެ އުފާވެރި ހަބަރު، ސޯޝަލް މީޑިއާގައި ހިއްސާކުރިއެވެ. ހާލަތު ބަދަލުވީ ދެނެވެ. ޖެހިގެން އައި ދުވަހެވެ. ގިނަ އަދަދަކަށް ލޭ ފައިބަން ފެށިއެވެ. ލޯރެން ވަގުތުން އޭނާގެ ޑޮކްޓަރަށް ގުޅިއެވެ. އަދި، މާބަނޑު ދުވަސްވަރު އެފަދަ ކަމެއް ވެދާނެ ކަމަށާ، ހާސް ނުވުމަށް އޭނާ ދިޔައީ ނަފްސަށް ވިސްނައިދެމުންނެވެ. ޑޮކްޓަރުވެސް ބުނީ، ހަފުތާތަކަކަށް ދެމިގެންދާނަމަ ޑޮކްޓަރަށް ދެއްކުމަށެވެ.

ހަފުތާއެއް ފަހެވެ. ލޯރެންއަށް ހޭލެވުނުއިރު އޭނާއަށް "މަރުހަބާ ކީ" ލޭގެ ކޯރެކޭ ބުންޏަސް ހެޔޮވާނެއެވެ. ކަމެއް ގޯސްވެއްޖެކަމުގެ އިހުސާސް ލޯރެންއަށްވެސް ކުރެވެމުން ދިޔައެވެ. ޑޮކްޓަރަށް ގޮސް، ސްކޭނެއް ހައްދަން ޝެޑިއުކޮށް، އެ ސްކޭން ކުރަން ފެށިއެވެ. ސްކޭން ކުރަން ހުރި ޓެކްނީޝަން، ސްކްރީން އަނބުރާލީ ލޯރެންއާ ދުރަށެވެ. ދެން މުޅި ތަނަށް ވެރިވި ހަމަ ހިމޭންކަން 5 ވަރަކަށް މިނެޓަށް ދެމިގެން ދިޔައެވެ. ދަރިފުޅު ފެނޭތޯ ލޯރެން ދިޔައީ ޓެކްނީޝަން ގާތު އަހަމުންނެވެ. ޖަވާބުގައި ޓެކްނީޝަން ބުނީ މިން ބަލަނީ ކަމަށާ، ޑޮކްޓަރު ތަފްސީލުކޮށްދޭނެ ކަމަށެވެ. ހުރިހާ ކަމެއްވެސް ރަނގަޅު ކަމަށް ލޯރެން ނިންމިއެވެ. 13 ވަނަ ހަފުތާވެސް ފާއިތުވީއެއެވެ.

ލޯރަން ގާތަށް ޑޮކްޓަރު އައިސް ބުނެލީ، ދަރިފުޅުގެ ހިތުގެ ވިންދެއް ނެތް ކަމަށެވެ. ލޯރެން ބުނި ގޮތުގައި އޭނާއަށް ހީވީ، މީހަކު އައިސް ފުން ވަޅުގަނޑަކަށް އޭނާ ކޮއްޕާލިހެނެވެ. އެއް ސިކުންތައްވުރެ އަނެއް ސިކުންތުގެ ހިތްދަތިކަމާއި ވޭން ގަދަވަމުން ދިޔަ ކަމަށް ލޯރެން ބުނެއެވެ.

ބަނޑަށް މަރުވެފައިވާ ތުއްތު ކުއްޖެއް/ފޮޓޯ: ޔޫޓިއުބް ސްކްރީންގްރޭބް

ޑޮކްޓަރާ މަޝްވަރާ ކުރުމަށްފަހު ލޯރެންގެ ދެމަފިރިން ނިންމީ ގުދުރަތީ ގޮތުން ބަނޑު ސާފުވޭތޯ ބޭސް ކުރާށެވެ. ނަމަވެސް އެކަން ކާމިޔާބު ނުވުމުން ޑީއެންސީ ހަދަން ނިންމީއެވެ. ޑީއެންސީ ހެދި ދުވަހުގެ މާ ބޮޑު ހަނދާންތަކެއް ލޯރެންގެ ސިކުނޑީގައެއް ނެތެވެ. އޭނާ ބުނާ ގޮތުގައި އެއީވެސް ނަސީބެކެވެ.

އަހަރެއްހާ ދުވަސް ފަހެވެ. އަނެއްކާވެސް ބަލިވެ އިން ކަމުގެ އުފާވެރި ހަބަރު ލޯރެންގެ ދެމަފިރިންނަށް ލިބުނެވެ. ނަމަވެސް، ހަފުތާއެއް ފަހުން އަނެއްކާވެސް ވޭނީ ދިރިއުޅުމަކަށް ދާން ޖެހުނެވެ. އަނެއްކާވެސް ބައިގެން ދިޔައީއެވެ. ދަރިއަކު ހޯދުމަށް އަނެއްކާވެސް މަސައްކަތް ފެށިއެވެ. ދަރިއަކު ބޭނުންވާލެއް ބޮޑު ކަމުންނެވެ. ނަމަވެސް، ލޯރެން ބުނި ގޮތުގައި އެއީ ބިރުވެރި އިހުސާސަކަށް ވެއްޖެއެވެ. ކުރިމަތިލާން ޖެހޭނެ ކަންތައްތައް ނޭނގޭތީއެވެ.

ބައިގެން ދިއުމުގެ ހިތްދަތިކަން 2 ފަހަރެއްގެ މަތިން ތަހައްމަލު ކުރި ލޯރެން ރިގްސްގެ ދެމަފިރިންގެ ދަރިފުޅު / ފޮޓޯ: އިންސްޓަގްރާމް

ދަރިއަކު ބައިގެން ދިއުމަށް މެދުވެރިވާ ކިތަންމެ ސަބަބެއް ހުރެއެވެ. ކިތަންމެ ސިއްހަތު ރަނގަޅުކޮށް ހުންނަ މީހަކަށްވެސް މިކަން ކުރިމަތިވެދާނެއެވެ. އަތުގައި ކިތަންމެ ގިނަ ފައިސާއެއް ހުއްޓަސް، ގައުމުގެ އެންމެ މޮޅު ޑޮކްޓަރުން ހާދިމުންގެ ގޮތުގައި ތިބި ކަމުގައި ވީ ނަމަވެސް، މިއީ އެއްވެސް މީހަކަށް އެކަމަށް ބާރު ފޯރުވޭނެ ކަމެއް ނޫނެވެ.

ލޯރަން އަކީ މިހާރު ލޯބިލޯބި އަންހެން ކުއްޖެއްގެ މަންމައެކެވެ.