ގިނަ ދުވަހަކު އެއް ކަމެއް ކުުރުމުގައި ދެމި ހުރެވެނީ ބުރަ މަސައްކަތާއި އެ ކަމަށް އޮންނަ ލޯތްބެއްގެ ސަބަބުންކަން ޔަގީނެވެ. ހާއްސަކޮށް މި މުޖްތަމައުގައި އަންހެނުންނަށް ދިމާވާ އެކި ގޮންޖެހުންތަކާއެކު ވެސް ކަންކަން ކުރުމުގައި ކަނބަލުން ސާބިތުކަން ދައްކަނީ އެހެން މީހުންނަށްވެސް ނަމޫނާއެއް ފަދައިންނެވެ. އެގޮތުން ދަ ޕްރެސްގެ 'މީހުން' ސެގްމެންޓުގެ މިއަދުގެ އެޕިސޮޑް ހާއްސަކޮށްފައި މިވަނީ އެފަދަ ކުޅަދާނަ ކަނބަލަކަށެވެ.
ސެލޫން ހިންގުމުގައި 11 އަހަރު ވެފައިވާ ފާތިމަތު ޝަފާ އަކީ އަޅުގަނޑުމެންގެ ތެރޭގައި އާ މޫނަކަށް ނުވާނެއެވެ. އެ ދާއިރާއިން އެކި ތަމްރީންތައް ހާސިލްކޮށް 'ސެލޫން ފެމިނާ' ހިންގުމުގެ މޭސްތިރި ކަމަށްވާ ޝަފާ މި މަސައްކަތް ފެށީ އޭނާގެ އުމުރުން އެންމެ 24 އަހަރުގައެވެ. މިހާ ޒުވާން އުމުރެއްގައި މިފަދަ ދާއިރާއަކުން ކުރިއަށްދާން ބޭނުންވި އެއް ސަބަބަކީ އަންހެނުން ކުރިއެރުވުމަށް ހިތުގައި އުފެދުނު ލޯތްބެއްގެ ސަބަބުންކަން ޝަފާ ފާހަގަ ކުރިއެވެ.
މިފަދަ ކާމިޔާބު ވިޔަފާރިއެއްގެ ފަހަތުގައި ވެސް ތަފާތު އެކި ގޮންޖެހުން ދިމާވާކަން ފާހަގަކޮށް ޝަފާ ބުނީ އިއްޔެ ހިނގި ކަމެއްހެން އަދިވެސް ކޮވިޑް ދުވަސްވަރު ދިމާވި ގޮންޖެހުންތައް ހަރުލާފައިވާ ކަމަށެވެ. އަދި އޭގެ އިތުރުން ފަހަކަށް އައިސް ދިމާވާ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި އޭނާ ސިފަ ކުރީ މުވައްޒަފުންނަށް މުސާރަ ދޭން ބޭނުންވާ ވަރަށް ޑޮލަރު ލިބުމުގެ ދަތި ކަމެވެ. މި ދާއިރާގައި ތަމްރީނާއި ތަޖުރިބާ ހުރި ދިވެހިން ނުލިބުމުގެ ސަބަބުން ބޭރު މުވައްޒަފުން ގެންގުޅެން މަޖުބޫރުވި ނަމަވެސް އެ މީހުންނަށް މުސާރަ ދިނުމަށް ފަހަކަށް އައިސް ދަތިތަކެއް ދިމާވާ ކަމަށް ވެއެވެ.
އަންހެނުންނަށް ހާއްސަ މިފަދަ ސެލޫނެއް ހިންގުމުގައި ޝަފާ އެންމެ އިސްކަމެއް ދެނީ ހިދުމަތުގެ ފެންވަރު ދުވަހުން ދުވަހަށް ރަނގަޅު ކުރުމަށެވެ. އަދި އެއީ ވާދަވެރިކަމެއްގެ ސަބަބުން ކުރާ ކަމެއް ނޫން ކަމަށާއި ކްލައިންޓުން ހިތް ހަމަޖެހޭ ފަދަ ހިދުމަތެއް ފޯރުކޮށްދިނުމަކީ ލިބޭ އުފަލެއް ކަމަށް ވެއެވެ. ވަރަށް ފަހުން ސެލޫންގެ ޖާގަ ބޮޑު ކުރިކަން ފާހަގަކޮށް ޝަފާ ބުނީ މިއަށްވުރެ ބޮޑު ސެލޫނެއްގައި ހިދުމަތް ދީ އެހެން ސަރަހައްދުތަކުގައި އިތުރު ސެލޫންތައް ހުޅުވުމަކީ ދެކޭ ހުވަފެނެއް ކަމަށެވެ.
މި ދާއިރާގައި ލިބުނު އެންމެ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އޭނާ ސިފަ ކުރީ މުވައްޒަފުންނަށް ދޭން ޖެހޭ އުޖޫރަ ބަރާބަރަށް ދިނުމާއި ވިޔަފާރި ހިންގުމުގެ ފުރިހަމަ ގާބިލްކަން ލިބިފައި ވުމެވެ. އަދި މިއީ އެފަދަ ވިޔަފާރިއެއް ހިންގުމުގައި މިހާ ގިނަ ދުވަސްވަންދެން ދެމިހުރެވުނު ސަބަބު ކަމަށްވެސް އޭނާ ގަބޫލުކުރެއެވެ.
މިފަދަ ވިޔަފާރިއެއް ފަށަން ޝައުގުވެރިކަން އުފެދިފައިވާ ފަރާތްތަކަށް ޝަފާ ދިން ނަސޭހަތަކީ އެ ކަމަކަށް ކުރުމަށް ލޯބި ހުރުމާއި ދޭންޖެހޭ ފުރިހަމަ ވަގުތު އެކަމަކަށް ދިނުމެވެ. އަދި ފަށައިގަންނައިރު ބޮޑު ވިޔަފާރިއެއް ހުޅުވުމުގެ ބަދަލުގައި މަދު ހިދުމަތްތަކަކުން ފަށުމަށްފަހު ވިޔަފާރިއަށް އަންނަ ކުރިއެރުމުން އިތުރު ހިދުމަތްތަކަށް ފުޅާ ކުރުމަކީ ރަނގަޅު ގޮތް ކަމަށް ވެއެވެ. ޝަފާ ވެސް އަމަލު ކުރީ އެފަދައިންކަން ފާހަގަކޮށް އޭނާ އިތުރަށް ބުނީ، ބޭންކުން ލޯނު ނެގުމުގެ ބަދަލުގައި އަމިއްލަ އިންވެސްޓްމެންޓަކުން ވިޔަފާރިއެއް ފެށުމަކީވެސް މުހިންމެ ކަމެއް ކަމަށެވެ. އޭގެ ސަބަބެއްގެ ގޮތުގައި އޭނާ ފާހަގަ ކުރީ ލޯނު ނެގުމުން ބޭންކަށް ބޮޑު އެއްޗެއް ކޮންމެ މަހަކު ވެސް ދައްކަން ޖެހުމެވެ. އެހެން ކަމުން ވިޔަފާރިއެއް ފަށާނަމަ މިކަންކަމަށް އިސްކަން ދިނުމަށް އޭނާ އިރުޝާދު ދިނެވެ.
ސެލޫން ހިންގުމުގެ އިތުރުން ވެސް ޝަފާއަކީ ދިވެހީންގެ ތެރޭގައި އުވިދާނެ ކަމުގެ ބިރު އޮތް މަސައްކަތެއް ކަމަށްވާ ކަސަބު ވިޔުމުގެ މަސައްކަތް ކުރަމުންދާ ފަރާތެކެވެ. އެންމެ ކުޑައިރުން ފެށިގެންވެސް ކަސަބު ވިޔުމަށް ލޯބި ހުންނަކަން ފާހަގަކޮށް ޝަފާ ބުނީ ރަސްމީ ސިފައެއްގައި އެކަން ކުރަން ފެށީ ކޯހެއްގައި ބައިވެރިވެ ކޯހުން ދަސްވި ކަންތައްތަކުން ކަމަށެވެ. އަދި އެ ފަރާތްތަކުގެ އެހީތެރިކަމާއެކު ޓީމެއް ހަދައިގެން ކަސަބު ވިޔުމުގެ ވިޔަފާރި އޭނާ ކުރަމުންދާތާ ތިން އަހަރު ވެފައިވާ ކަމަށް ވެއެވެ. ކުޑައިރު މާމަމެން ކުރާތަން ފެނި ހިތް ޖެހުނު މި މަސައްކަތަކީ ވަރަށް ނަލަ މަސައްކަތެއް ކަމަށް އޭނާ ގަބޫލުކުރެއެވެ. އަދި އެއީ ބޭކާރު ހިޔާލުތަކާ ދުރުކޮށްދީ ސިކުނޑި ތާޒާ ކުރުމަށް ކޮށްލަން ރަނގަޅު މަސައްކަތެއް ކަމަށް ވެއެވެ.
ދިރިއުޅުމުގައި އެންމެ ހަނދާނުން ފޮހެލަން ދަތި ދުވަހެއްގެ ގޮތުގައި ޝަފާ ފާހަގަ ކުރީ ކޮވިޑް ދުވަސްވަރު އޭނާ އަށް ދިމާވި ފުރައްސާރައެވެ. ވިޔަފާރި ބަންދުކުރަން ޖެހުމުގެ ސަބަބުން މުވައްޒަފުންނަށް ދިމާވި މާލީ ގޮންޖެހުންތައް ހައްލުކޮށްދިނުމަށް ޝަފާ މަސައްކަތް ފެށީ ތަކެތި ޑެލިވަރީ ކޮށްގެން ފައިސާ ހޯދުމަށެވެ. ނަމަވެސް ދާއިމީ ބައްޔަކަށް ފަރުވާ ކުރަމުން ދިއުމުގެ އިތުރުން ހައި ރިސްކް ޕޭޝަންޓަކަށް ވުމުން އެކަން ކުރުމަށް ފިރިމީހާ ނުގަބޫލުވި ނަމަވެސް ޝަފާ އެކަން ކުރީ މުވައްޒަފުންގެ ހައްގުގައި ކަމަށް އޭނާ ބުންޏެވެ.
އަދި ކޮވިޑް ދުވަސްވަރު ހުއްދަ ނަގައިގެން ބާޒާރުމައްޗަށް ދިއުމުން މިއީ އަންހެނުން އަންނަން ޖެހޭ ތަނެއް ނޫން ކަމަށް ބުނެ ފިރިހެނުން ކުރި ފުރައްސާރައަކީ އަބަދުވެސް ހަނދާނުގައި ހުންނާނެ ދުވަހެއް ކަމަށް ވެއެވެ. އެކަމަކު އެ ދުވަހު ލިބުނު ފުރައްސާރައަށް ބެލުމެއްނެތި ޝަފާ ހުރީ ސާބިތުކަން މަތީއެވެ. އަދ އެ މަސައްކަތް ކުރީ ސަރުކާރުން ފޯރުކޮށްދިން އެހީ ހަމަޖެހުމުގެ ކުރިން ކަމުން އޭނާ ހުރީ މުވައްޒަފުންނަށް އެހީވެވުމުން ހިތްހަމަޖެހިގެންނެވެ.
މީގެ އިތުރުން ވެސް ޝަފާއަކީ އޯޑަރަށް ކައްކާ ފަރާތެއްވެސް މެއެވެ. 'ކަބްސާ ކިޗަން'ގެ ނަމުގައި އަރަބިއަން ޑިޝްތައް ތައްޔާރު ކުރުމުގެ އިތުރުން ޝަފާ ދަނީ އޯޑަރަށް ބޮނޑިބަތްވެސް ކައްކަމުންނެވެ. އަދި އެކަން ކުރުމަށްވެސް ހިތްވަރު ލިބުނީ ކޮވިޑް ދުވަސްވަރުކަން ފާހަގަކޮށް ޝަފާ ބުނީ އެއް ކަމަކަށް ބަރޯސާވުމުގެ ބަދަލުގައި އެކި މަސައްކަތް ކުރެވިދާނެ ކަމަށެވެ. އަދި ދިރިއުޅުމުގައި ކޮންމެ ބޮޑު އަޑިނގަޑެއް ދިމާވި ނަމަވެސް އެކަމުން އަރައިގަތުމަށް މަސައްކަތް ކޮށް ސާބިތުކަން ދެމިހުރުމަށް އިރުޝާދު ދީފައި ވެއެވެ. ހަމަ އެހެންމެ ވަކި ކަމެއް ކުރުމަށް ލަދު ނުގަނެ ހަލާލު ފައިސާ ލިބޭ ކޮންމެ ކަމެއް ކުރުމަކީ އޭނާ ދެކޭ ގޮތުގައި ކާމިޔާބު ހާސިލް ކުރުމަށް އެންމެ ރަނގަޅު ގޮތެވެ.
ހިތްވަރާއެކު މަސައްކަތް ކުރުމަށް ޝައުގުވެރިކަން އުފައްދާދިން މުހިންމު މީހަކީ މަންމަކަން ފާހަގަކޮށް ޝަފާ ބުނީ، ކުޑައިރުން ފެށިގެން މަންމަ މަސައްކަތް ކުރުވަން ފަށާ ކަމަށެވެ. އެގޮތުން ގްރޭޑް ހަތަކުން ފެށިގެން ޓިއުޝަން ދިނުމަށް މަންމަ ބާރު އެޅިއިރު އޭގެ ސަބަބުން ބޮޑުވެގެންވެސް އަމިއްލައަށް މަސައްކަތް ކުރަން ހިތްޖެހި އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ހިތްވަރު ލިބިގެންދިޔައެވެ.
މިފަދަ މަސައްކަތެއްގައި މިހާ ގިނަ ދުވަސް ދެމިހުރުމުގެ ސަބަބެއްގެ ގޮތުގައި ޝަފާ ފާހަގަކުރީ އާއިލާއާއި ރައްޓެހިންނެވެ. އެގޮތުން ފިރިމީހާއާއި ކައިރީގައި މަސައްކަތް ކުރާ މުވައްޒަފުންގެ ނަން ޝަފާ ފާހަގަކުރިއެވެ. އަދި މިފަދަ ވިޔަފާރިއެއްގެ އެންމެ އިސް ދައުރެއް އަދާ ކުރާނީ ކަސްޓަމަރުން ކަމަށާއި ލޯޔަލް ކަސްޓަމަރުން ނެތި މި ދާއިރާއިން ކުރިއަށް ނުދެވޭނެ ކަމަށް އޭނާ ގަބޫލު ކުރެއެވެ. އެހެންކަމުން ހުރިހާ ކަސްޓަމަރުންނަށް ވެސް ޝަފާ ވަނީ ބަހައްޓާ ގާތް ކަމަށް ޝުކުރު އަދާ ކޮށްފައެވެ.
އަދި ޝަފާ ވަނީ މި ދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް ސެލޫންގައި ވެސް އެ ފުރުސަތު އޮތް ކަމަށް ފާހަގަކޮށްފައެވެ. އަދި އަންހެނުން ކުރިއަށްދާން ބޭނުންނަމަ އެހީތެރުވާނެ ކަމުގެ ޔަގީންކަން ޝަފާ ވަނީ ދީފައެވެ.
