އަންހެނުންނަށް ކުރާ އަނިޔާތައް ހުއްޓުވައި އެފަދަ އަނިޔާތައް ނުލިބޭ ފަދަ މުޖުތަމައުއެއް ހޯދައި ދޭން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
އަންހެނުންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ރައީސް ސޯލިހް ވިދާޅުވީ، މިއަދަކީ އަންހެނުންނަށް ކުރާ އަނިޔާތައް ހުއްޓުވުމުގެ ގޮތުން ފާހަގަ ކުރާ ދުވަހެއް ކަމަށެވެ.
މި ދުވަހުގެ މުނާސަބަތާ ގުޅިގެން 16 ދުވަހުގެ ކެމްޕޭނެއް ހިންގުމަށް ނިންމާފައިވާކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ، އަންހެނުންނަށް އިހްތިރާމާއި އެކު އަނިޔާ ނުލިބި އުޅެވޭނެ މުޖުތަމައުއެއް ބިނާކުރުމަށް އިތުރަށް މަސައްކަތް ކުރައްވަން ޖެހޭ ކަމަށެވެ.
މިއަދުގެ މި މުނާސަބަތާ ގުޅިގެން ނައިބު ރައީސް ފައިސަލް ނަސީމް ވަނީ ހިތާބެއް ދެއްވާފައެވެ. އެހިތާބުގައި ފައިސަލް ވިދާޅުވެފައި ވަނީ އަންހެނުންނަށް ކުރާ ހުރިހާ ބާވަތެއްގެ އަނިޔާ ހުއްޓުވުމަށް ކުރާ މަސައްކަތަކީ މި ސަރުކާރުން އެންމެ ބޮޑު އަހަންމިއްޔަތުކަން ދޭ އެއް މަސައްކަތް ކަމަށާއި އަންހެނުންނަކީ އިހުތިރާމު ލިބިގެންވާ ގަދަރުވެރި ބައެއްގެ ގޮތުގައި ދިރިއުޅެވޭނެ މާހައުލެއް ގާއިމުކޮށް ދިނުމަށް މަސައްކަތް ކުރާ ކަމަށެވެ.
އަންހެނުނނަށް ކުރާ އަނިޔާއާ ގުޅޭ ގޮތުން އިންސާފު ހޯދުމަށް އެތައްބަޔަކު އެއްވެ މީގެ ކުރިން ވަނީ މުޒާހަރާތައްވެސް ކޮށްފައެވެ. މިފަދަ މައްސަލަަތައް ރިޕޯޓު ކުރުމަށް ބާރުއަޅާ އާންމުގެ މެދުގައި ހޭލުންތެރިކަން އިތުރު ކުރުމަށް ވެސް ވަނީ އެކިކަހަލަ ޕްރޮގްރާމްތައް ހިންގާފައެވެ.
ކޮވިޑްގެ ހާލަތާއެކު ގެންނަން ޖެހުނު ފުރަބަންދުގައި މިފަދަ މައްސަލަތައް ރިޕޯޓްކުރާ މިންވަރު ވަނީ އިތުރުވެފައެވެ. އެ ގޮތުން އަންހެނުންނަށް ކުރާ ގެވެށި އަނިޔާ އާއި ޖިންސީ ފުރައްސާރައާއި، ރޭޕްކުރުމާއި، ބްލެކްމެއިލްކޮށް ފޭރުމާއި މުދަލަށް އަނިޔާ ދިނުމުގެ މައްސަލަތައް ވަނީ ރިޕޯޓުކޮށްފައެވެ. އެ ހާލަތުގައި ވެސް މިފަދަ މައްސަލަތައް ބަލައި ފިޔަވަޅުތައް އެޅުމުގައި ސަރުކާރުން ހާއްސަ އިސްކަމެއް ވަނީ ދީފައެވެ.