ކުޑަކުދިންނަށް ދޭ ތެރަޕީގެ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، އެ ހިދުމަތްތައް ފޯރުކޮށްދޭ އިންތިޒާމުތައް އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން، ކަމާ ބެހޭ އިދާރާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ނައިބު ރައީސް ފައިސަލް ނަސީމް މަޝްވަރާ ކުރައްވައިފިއެވެ.

މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައި ވަނީ މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ތެރަޕީގެ ގިނަ ހިދުމަތްތައް މިހާރު ލިބެންހުރީ މާލޭގައިކަން ފާހަގަކުރައްވާ، ރާއްޖޭގެ އެހެން ސަރަހައްދުތަކަށް ވެސް އެ ފަދަ ހިދުމަތްތައް ފުޅާކުރުމުގެ މުހިންމުކަން ފާހަގަ ކުރެއްވިއެވެ.

ވާހަކަ ދެއްކުމުގައި ދަތިތަށް ހުންނަ ކުދިންނަށްދޭ ސްޕީޗް ތެރަޕީ ފަދަ ދާއިރާތަކުން ތަމްރީނުވެފައިވާ މީހުން މަދުކަން ފާހަގަކުރައްވައި، ނައިބު ރައީސް ވަނީ، ރާއްޖޭގެ ގައުމީ ޔުނިވާސިޓީ މެދުވެރިކޮށް އެ ފަދަ ދާއިރާތަކުން މީހުން ބިނާކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. އަދި ކުޑަކުދިންނަށް ކުރިމަތިވާ ހެދި ބޮޑުވުމުގެ މައްސަލަތައް ދުރާލާ ދެނެގަތުމާއި، ހާއްސަ ފަރުވާ ބޭނުންވާ ކުދިން ދެނެގަނެވޭނެ ގޮތްތައް މިހާރަށްވުރެ ހަރުދަނާ ކުރުމާ ގުޅޭ ގޮތުން ވެސް މި ބައްދަލު ކުރެއްވުމުގައި މަޝްވަރާ ކުރެއްވިއެވެ.

ކުޑަކުދިންނަށް ދޭ ތެރަޕީގެ ހިދުމަތްތައް ހަރުދަނާ ކުރަން މަޝްވަރާކުރުމުގެ ބައްދަލުވުމުގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް

ކުޑަކުދިންނަށް ދޭ ތެރަޕީގެ ހިދުމަތްތައް ހަރުދަނާކުރުމާ ގުޅޭގޮތުން، ކަމާ ބެހޭ އިދާރާތަކުގެ އިސްވެރިންނާ ނައިބު ރައީސް ބައްދަލު ކުރައްވާފައިވާއިރު، އެމަނިކުފާނު އިއްޔެ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ ސްޕީޗް ތެރަޕީ ޑިޕާޓްމަންޓަށް ޒިޔާރަތް ކުރައްވައިފައެވެ. އަދި އެތަނުގެ މަސައްކަތްތައް ބައްލަވާލައްވާ، އެ ދާއިރާގައި މިހާރު ހުރި ގޮންޖެހުންތަކުގެ މައުލޫމާތު ސާފު ކުރައްވާފައެވެ. މި ޒިޔާރަތުގައި އެ ޑިޕާޓްމަންޓުގެ އިސްވެރިން ވަނީ އެ ތަނުގައި މަސައްކަތްކުރާ ތެރެޕިސްޓުންގެ އަދަދާ ބަލާއިރު އެ ހިދުމަތް ހޯދަން އެދޭ ކުދިންގެ އަދަދު އިތުރުކަން ފާހަގަކުރައްވާފައެވެ.

މިކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް މިއަދު ބޭއްވި ބައްދަލު ކުރެއްވުމުގައި މިނިސްޓާ އޮފް އެޑިއުކޭޝަން ޑރ. އައިޝަތު އަލީއާއި، ރައީސް އޮފީހުގެ މިނިސްޓަރު އަހްމަދު ސަމީރުގެ އިތުރުން މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސްގެ އިތުރުން ގައުމީ ޔުނިވާސިޓީއާއި، އައިޖީއެމްއެޗްގެ އިސްވެރިން ވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

އެޑިޓް ކުރީ: މިޒްނާ މުހައްމަދު