މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގާ ގުޅޭގޮތުން ވަޒީރުންނަށް މިއަދު މައުލޫމާތު ދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވި ކެބިނެޓް ވޯކިން ސެޝަންގައި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގާ ގުޅޭގޮތުން ޕްރެޒެންޓޭޝަން ދެއްވީ އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒު މޫސާ އެވެ. އެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްގެ އިތުރުން ކެބިނެޓްގެ ވަޒީރުންނާއި ރައީސް އޮފީހުގެ މިނިސްޓަރުންނާއި އިސް ވެރިން ބައިވެރިވެވަޑައިގަތެވެ.
އިންފޮމޭޝަން ކޮމިޝަނަރު ފިޔާޒު ދެއްވި ޕްރެޒެންޓޭޝަންގައި، މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާއި އުސޫލުތަކާބެހޭ ގޮތުންނާއި، ގޮންޖެހުންތަކާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާކުރެއްވެވިއެވެ.
އެ ބައްދަލުވުމުގައި ވަޒީރުން ކުރެއްވި ގިނަ ސުވާލުތަކަށް ވެސް އިންފޮމޭޝަން ކޮމިޝަނަރު ޖަވާބު ދެއްވެވި އެވެ. މައުލޫމާތު ދޫކުރުމުގައި ދިމާވާ ކަންކަމާއި، އިތުރަށް ރަނގަޅު ކުރެވިދާނެ ބައެއް ކަންކަމުގެ ހިޔާލު ވެސް ވަޒީރުން ދެއްވެވި އެވެ.
އިންފޮމޭޝަން ކޮމިޝަނަރު ފިޔާޒު ފާހަގަ ކުރެއްވި ގޮތުގައި ބައެއް ހާލަތްތަކުގައި ގޮންޖެހުންތައް ހުރި ނަމަވެސް، ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މައުލޫމާތު ހޯދައިލިބިގަތުމުގެ ހައްގުގެ ގާނޫނަށް މުއައްސަސާތަކުން އަމަލުކުރާ މިންވަރު މިހާރު އަންނަނީ ރަނގަޅުވަމުންނެވެ. ނަމަވެސް އިތުރަށް ވެސް ރަނގަޅު ކުރަންޖެހޭ ބައެއް ކަންކަން ފިޔާޒު ވަނީ ފާހަގަކުރައްވާފަ އެވެ.
އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒު ވިދާޅުވި ގޮތުގައި "މި ދައުލަތަށް އެންމެ ހެޔޮ ގޮތަކީ ހާމަކަން ވީހާ ވެސް ބޮޑުކުރުން" ކަމަށާއި، ބިރެއް ނެތި މައުލޫމާތު ހާމަކުރުމުގެ ސަގާފަތެއް ޤާއިމުކުރުން ކަމަށެވެ. ހެޔޮ ހިންގުމުގެ ނިޒާމަކަށް އެންމެ މުހިންމު ކަމަކީ ވެސް ހާމަކަން ބޮޑުކުރުން ކަމަށާއި ނަޒާހަތްތެރި ދައުލަތެއް އުފެދޭނީ ވެސް މައުލޫމާތު ހާމަކަން ބޮޑުވި މިންވަރެއްގެ މައްޗަށް ކަމަށް ކޮމިޝަނަރު ވިދާޅުވި އެވެ.
ވަޒީރުންނަށް އިންފޮމޭޝަން ކޮމިޝަނަރު ފިޔާޒު މައުލޫމާތު ހޯދާ ލިބިގަތުމާއި ގުޅޭ މައުލޫމާތުގެ ސެޝަނެއް ބާއްވާފައި މިވަނީ އިކޮނޮމިކް މިނިސްޓްރީއާ ޓޫރިޒަމް މިނިސްޓްރީގެ ބައެއް މަސައްކަތްތަކާއި ގުޅިގެން މައުލޫމާތުތަކެއް ހޯދުމަށް އާއްމު ފަރާތްތަކަކުން ހުށަހެޅުމުންވެސް އެ މައުލޫމާތު މިނިސްޓްރީތަކުން ނުދިން މައްސަލާގައި އެ ދެ މިނިސްޓްރީއަށް ވެސް އެ މައުލޫމާތުތައް ދިނުމަށް އިންފޮމޭޝަން ކޮމިޝަނަރު އަންގަވާފައި ވަނިކޮށެވެ.