9.5 މިލިއަން ޑޮލަރުގެ ހިލޭ އެހީއާއެކު ތައުލީމީ ދާއިރާ ކުރިއެރުވުމަށް ބޮޑު މަޝްރޫއެއް މިއަދު އިފުތިތާހު ކޮށްފިއެވެ.
މި މަޝްރޫއު އިފްތާހުކޮށްދެއްވީ ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި ނައިބު ރައީސް ހުސެން މުހައްމަދު ލަތީފެވެ. މިއީ ގްލޯބަލް ޕާޓްނަޝިޕް ފޯ އެޑިއުކޭޝަން (ޖީޕީއީ) އިން ރާއްޖޭގެ ތައުލީމީ ދާއިރާ ކުރިއެރުވުމަށް ދީފައިވާ 9.5 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުން ފަށާ ޕްރޮޖެކްޓަކަށް ވާއިރު، ޖީޕީއީގެ ދަށުން މި ޕްރޮޖެކްޓަށް ތިން އެހީއެއް ވަނީ ލިބިފައެވެ. އެއީ ޓްރާންސްފޯމޭޝަން ގްރާންޓާއި ސިސްޓަމް ކެޕޭސިޓީ ގްރާންޓު އަދި މަލްޓިޕްލަޔާ ގްރާންޓް އެވެ.
މި މަޝްރޫގެ ދަށުން ތައުލީމާއި ދަރިވަރުންގެ އުނގެނުން ހަރުދަނާ ކުރުމަށް ވަނީ އެއްވެސް ދަރިވަރެއް ބާކީ ނުކޮށް، ޝާމިލް ގޮތެއްގައި ތައުލީމު ފޯރުކޮށްދިނުމަށާއި، އުމުރާ އެކަށީގެންވާ ވަރަށް ލިޔަންކިޔަން ދަސްކޮށްދިނުމުގެ އިތުރުން ޓްރާންސްފަރަބަލް ހުނަރެއް އަށަގެންނެވުމާއި ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން އުނގަންނައިދިނުން ހަރުދަނާ ކުރުމަށް ހިމަނާފައެވެ. އަދި ސްކޫލުގެ ވެއްޓަކީ ދަރިވަރުންނަށް ރައްކާތެރި މާހައުލަކަށް ހެދުމަށާއި، ކިޔަވައިދިނުމުގެ ފެންވަރު އިތުރަށް ރަނގަޅުކޮށް ޓީޗަރުންނަކީ ކޮންމެ ކުއްޖަކު ވެސް އުނގެނުމަށް މަގުފަހިކޮށްދޭ ބަޔަކަށް ހެދުން ހިމެނެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޑިޔުކޭޝަން މިނިސްޓަރު ޝަފީއު ވިދާޅުވީ ތައުލީމީ ދާއިރާ ކުރިއެރުވުމަށްޓަކައި މި ފައިސާއަކީ މުހިންމު އަދި ބޭނުންވާ މަގުސަދު ހާސިލުކުރުމަށް ހުޅުވުނު ފަހި ފުރުސަތެއް ކަމަށެވެ. އެގޮތުން ޝަފީއު ވަނީ ތައުލީމީ ނިޒާމު ކުރިއެރުވުމަށް މި ލިބުނު ގްރޭންޓުތަކުގެ ސަބަބުން ހުރިހާ މައްސަލަތަކެއް ހައްލުވާނެ ކަށާއި ދަރިވަރުންގެ ނަތީޖާތައް ރަނގަޅުވެ ޓީޗަރުން މަދުވުމުގެ ޝަކުވާތަކުގެ ހައްލު ވެސް މިކަމުގެ ސަބަބުން ލިބޭނެ ކަމަށް ވިދާޅުވެފައެވެ.