މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރުކުރެވޭ ފަރާތްތަކަށް ދޭ ފަރުވާގެ ނިޒާމުގައި ހުރި މައްސަލަތައް ހައްލުކުރުމާ ގުޅޭގޮތުން ގޮތްތަކެއް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ކަނޑައަޅުއްވައިފިއެވެ.
ނައިބު ރައީސް ފައިސަލް މިގޮތްތައް ކަނޑައަޅުއްވާފައި ވަނީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރު ކުރެވޭ ފަރާތްތަކަށް އެކަށީގެންވާ ފަރުވާ ދިނުމުގައި ނިޒާމުގައި ހުރި ދަތިކަން ހައްލުކުރުމަށް އަމާޒުކޮށް އިއްޔެ ރައީސް އޮފީހުގައި ކަމާގުޅޭ އިދާރާތަކުގެ އިސްވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައެވެ.
އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނައިބު ރައީސް ވަނީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ޒުވާނުންނަށް އެންމެ އެކަށޭނަ ގޮތެއްގައި ފަރުވާދީ ޒިންމާދާރު ރައްޔިތުންގެ ގޮތުގައި އެމީހުން އަނބުރާ މުޖުތަމައަށް ވާސިލްކޮށްދިނުމުގެ މުހިއްމުކަން ފާހަގަ ކުރައްވާފައެވެ. އަދި ފަރުވާގެ ނިޒާމުގައި ހުރި ބައެއް މައްސަލަތައް ފާހަގަކުރައްވާ މަސްތުވާތަކެތީގެ މައްސަލަތަކުގައި ބަންދުކުރާ ފަރާތްތަކަށް ފަރުވާދޭނެ އަވަސް ގޮތްތަކެއް ވަނީ ކަނޑައަޅާ ދެއްވާފައެވެ.
އެގޮތުން ނައިބު ވަނީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރުކުރާ ފަރާތްތަކަށް ފަރުވާ ދިނުމަށް ގުޅީފަޅުގައި ވަގުތީގޮތުން ގާއިމްކުރާ ޑްރަގް އޮފެންޑާސް ރިމާންޑް ސެންޓަރުގެ މަސައްކަތްތައް އަވަސް ކުރުމުގެ ގޮތުން މިކަމުގައި ސަރުކާރުގެ ކަމާގުޅޭ ފަރާތްތަކަށް ކުރިމަތިވި ބައެއް މައްސަލަތަކަށް ހައްލު ހޯއްދަވައި ދެއްވާފައެވެ.
ނައިބު ރައީސް ވަނީ 2021 ވަނަ އަހަރަށް ބަޖެޓު ކުރެވިގެން ކުރިޔަށް ގެންދަން ހަމަޖެހިފައިވާ ޑްރަގް އޮފެންޑާސް ރިމާންޑް ސެންޓަރުގެ މަސައްކަތް ކުރިޔަށްދާ ގޮތުގެ މައުލޫމާތު ވެސް އޮޅުން ފިލުއްވާފައެވެ. ނައިބު ރައީސްގެ ވާހަކަފުޅުގައި އެ ސެންޓަރުގެ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ނިމިގެން ދިއުމުން ރިމާންޑުގެ އިތުރުން ހިމެނޭ ރިހެބިލިޓޭޝަނާއި ކޮމިއުނިޓީ ފަރުވާ އަދި އާފްޓާ ކެއާގެ ފަރުވާދޭނެ އިންތިޒާމު ހަމަޖެހިގެންދާނެކަމުގައި ވިދާޅުވިއެވެ.
ނައިބު ރައީސް އިތުރަށް ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރާ ފަރާތްތައް ޒިންމާދާރު ބައެއްގެ ގޮތުގައި މުޖުތަމައަށް އަނބުރާ ގެނައުމަށް އަމާޒުކޮށް އެކި އިދާރާތަކުން ރާވާފައިވާ ރީއިންޓެގްރޭޝަން ޕްރޮގްރާމްތައް ހިންގޭނެ ދާއިމީ ނިޒާމެއް ބިނާކުރެވިގެންދާނެ ކަމަށެވެ.
އޭގެ ނަތީޖާއެއްގެ ގޮތުން އެފަދަ ފަރާތްތައް އަނބުރާ މުޖުތަމައާ ގުޅިގެން ދާނީ ޒިންމާދާރު އަދި ހަރުދަނާ ފަރުދުންތަކެއްގެ ގޮތުގައި ކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް އޮފީހުން ބުނީ ސަރުކާރުން އެ ނިޒާމު ފަރުމާކޮށްފައިވަނީ މަސްތުވާތަކެތީގެ ފަރުވާއަށް ފަހު އެފަރާތްތައް އަނބުރާ މުޖުތަމައަށް ނިކުތުމުގެ ކުރިން ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ ތެރެއިން ތަމްރީނާއި ވަޒީފާގެ ފުރުސަތުތައް ވެސް ފަހިކޮށްދީ އެފަރާތަކަށް އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެ މަގު ތަނަވަސްކޮށްދިނުމަށް އަމާޒު ހިފައިގެން ކަމަށެވެ.
މިބައްދަލުވުމުގައި ނައިބުގެ އަރިހުގައި މިނިސްޓާ އޮފް ހޯމް އެފެއާޒް އިމްރާން އަބްދުﷲ އަދި މިނިސްޓާ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް އާއިޝަތު މުހައްމަދު ދީދީ އަދި މިނިސްޓްރީގެ އިސްވެރިންނާއި ރައީސް އޮފީހާއި ނޭޝަނަލް ޑްރަގް އެޖެންސީއާއި ފުލުހުންގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.