ޗައިނާއިން ތަރައްގީ ކޮށްފައި ވާ 43 މޯބައިލް އެޕްލިކޭޝަނެއް، އިންޑިއާގައި ބޭނުން ކުރުން، އިންޑިއާގެ ސަރުކާރުން މަނާ ކޮށްފިއެވެ.

އިންޑިއާ ސަރުކާރުން ބުނީ، ޗައިނާގެ އެޕްތަކެއް އިންޑިއާގައި ބޭނުން ކުރުން މަނާ ކޮށްފައިވަނީ އެ ގައުމުގެ އިންފޮމޭޝަން ޓެކްނޮލޮޖީ ގާނޫނުގެ 69-އޭގެ ދަށުން ކަމަށެވެ.

އިންޑިއާ ސަރުކާރުން، ޗައިނާގެ އެޕްތަކެއް މަނާ ކޮށްފައި މިވަނީ، އެ އެޕްތަކުގެ ސަބަބުން، އިންޑިއާގެ އިސްތިގުލާލާއި، ނަޒާހާތްތެރިކަމާ، ދިފާއާއި ސަލާމަތުގެ އިތުރުން އާންމު މަސްރަހަށް ނުރައްކާ އޮތް ކަމަށް ބުނެއެވެ.

އިންޑިއާގައި ބޭނުން ކުރުން މަނާ ކުރު ޗައިނާގެ އެޕްތަކުގެ ތެރޭގައި އަލީބާބާ ވޯކްބެންޗް، އަލީސަޕްލަޔާޒް މޯބައިލް އެޕް، އަލީއެކްސްޕްރެސް، އަލީޕޭ ކޭޝިއާ އަދި ލާލާމޫވް އިންޑިއާ ފަދަ އެޕްތައް ހިމެނެއެވެ.

މިއަހަރުގެ ޖޫން މަހު އިންޑިއާއިން ވަނީ ޗައިނާގެ 59 މޯބައިލް އެޕްލިކޭޝަނެއް، އެ ގައުމުގައި ބޭނުން ކުރުން މަނާ ކޮށްފައެވެ. އަދި ސެޕްޓެމްބަރު އިތުރު 118 އެޕްލިކޭޝަނެއް މަނާ ކުރިއެވެ.

އިންޑިއާ ސަރުކާރުން ބުނީ، އެ ގައުމުގެ އިސްތިގުލާލާއި ނަޒާހާތްތެރިކަމާ ރައްޔިތުންގެ މަސްލަހަތު ހިމާޔަތް ކުރުމަށް އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށެވެ.

އިންޑިއާއިން ޗައިނާގެ ވިޔަފާރިއާ ދެކޮޅަށް ފިޔަވަޅުތަކެއް އަޅާފައި ވާއިރު، މިއަހަރަކީ ޒަމާންވީ ހަތުރުންގެ ގޮތުގައި އޮތް މި ދެ ގައުމުގެ ގުޅުން އިތުރަށް ހީނަރުވެ، އަސްކަރީ ކުރިމަތިލުމަކަށްވެސް ދިޔަ އަހަރެއް ކަން ފާހަގަ ކުރަން ޖެހެއެވެ.

އެޑިޓް ކުރީ: މިޒްނާ މުހައްމަދު