ސައުދީ އަރަބިއްޔާގެ ހާމީސް މުޝާއިތު ހޮސްޕިޓަލުގައި ކަށީގެ އޮޕަރޭޝަނެއް ކުރަން ހުއްޓާ މަރުވި ޑރ މަހްދީ އަލް އިމާރީއަށް، އޭނާ މަސައްކަތް ކުރަމުންދިޔަ ހޮސްޕިޓަލުން "ބަތޮލެއް"ގެ ދަރަޖަ ދީފިއެވެ.

ހާމީސް މުޝާއިތު ހޮސްޕިޓަލުގެ ކަށީގެ ޑިޕާޓްމަންޓްގެ އިސްވެރިޔާ ޑރ މާޖިދު އަލް ޝެހްރީ ވިދާޅުވީ، މިހާތަނަށް ބެލި ބެލުމުން، ޑރ އިމާރީ މަރުވީ، ހާޓްއެޓޭކެއް ޖެހިގެން ކަން އެނގިފައި ވާ ކަމަށެވެ.

"އަލް އިމާރީ އަކީ، ހަޔާތުގެ އެންމެ ފަހު ވަގުތާ ހިސާބަށްވެސް ޑޮކްޓަރުން ވާ ގުރުބާނީގެ ލާމަސީލު މިސާލެއް. ބަނޑުގައި އެހާ ގަދައަށް ރިއްސަމުން ދިޔަ އިރުވެސް، ޕޭޝަންޓުގެ ސާޖަރީ ހަދާ ދޭން އޭނާ ބޭނުންވި. އޭނާ މަރުވެ ދިޔައީ އެ މަސައްކަތުގައި. އޭނާއަކީ މަސައްކަތުގެ މައިދާނުގައި ޝަހީދެއް" ޑރ އަލް ޝެހްރީ ވިދާޅުވިއެވެ.

ޑރ އިމާރީގެ ވާހަކަ ސޯޝަލް މީޑިއާގައި އާންމު ވުމާއެކު ގިނަ ބަޔަކު ވަނީ އޭނާއަށް "ޝަހީދެއް"ގެ ދަރަޖަވެސް ދީފައެވެ. ޑރ އިމާރާއަކީ އަނެކާގެ ފުރާނަ ސަލާމަތް ކުރުމަށް، އަމިއްލަ ފުރާނަ ގުރުބާން ކޮށްލި ޝަހީދެއް ކަމަށް ސިފަކޮށް، ގިނަ ބަޔަކު ވަނީ ޑރ އިމާރީއަށް ތައުރީފު ކޮށްފައެވެ.

ހާޓްއެޓޭކެއް ޖެހިގެން މަރުވި ޑޮކްޓަރުގެ ހަށިގަނޑުން ބަލިކަމެއް އިހުސާސް ކުރެވިގެން، އޭނާއާއެކުގައި މަސައްކަތް ކުރި ބައެއް މީހުންވެސް ހިތުގެ ޓެސްޓެއް ހެދުމަށް ޑރ އިމާރީ ގާތުން އެދިފައި އޮތް ކަމަށް ވެއެވެ. ނަމަވެސް ޕޭޝަންޓުގެ ސާޖަރީ ހެދުމުގެ ކުރިން، ޑރ އިމާރީ އެ ޓެސްޓު ހެދިކަމެއް ނުވަތަ ނޫން ކަމެއް ސާފެއް ނުވެއެވެ.