އިތުރު ތައާރަފަކަށް ބޭނުން ނުވާ ޕޮމްޕޭއިން އަނެއްކާވެސް 2 އިންސާނެއްގެ ހަށިގަނޑު ފެނިއްޖެއެވެ.

މި ފަހަރު ފެނިފައި ވަނީ މީގެ 2000 އަހަރު ކުރިން ކުރިން އުޅުނު މުއްސަނދި ފިރިހެނަކާ، އޭނާގެ އަޅެއްގެ ގޮތުގައި ގެންގުޅުނު ފިރިހެނެއްގެ ހަށިގަނޑެވެ.

ޕޮމްޕޭ ސަރަހައްދުގެ އަޅިތަކުގެ ތެރެއިން މި ހަށިގަނޑުތައް ފެނިފައި ވާ ކަން، އާކިއޮލޮޖިކަލް ޕާކުގެ އޮފިޝަލުންވެސް ވަނީ ކަށަވަރު ކޮށްދީފައެވެ. 2017 ވަނަ އަހަރު، މި ސަރަހައްދުން ވަނީ މިފަދަ 3 އަހެއްވެސް ފެނިފައެވެ.

ޕޮމްޕޭ އާކިއޮލިޖިކަލް ޕާކް ސަރަހައްދުން އެންމެ ފަހުން ފެނުނު 2 ހަށިގަނޑު ނިސްބަތްވާ މީހުންނަކީ ޕޮމްޕޭގެ ދިރުމަށް ނިމުން ގެނުވި ވެސޫވިއަސް އަލިފާން ފަރުބަދައިގެ ވަރުގަދަ ގޮވުމުން ސަލާމަތް ވުމަށް ފިލަން ދުވި ބައެކެވެ. އަދި އެމީހުންނަށް ކޮންމެވެސް ވަރަކަށް ސަލާމަތް ވެވުނު ކަމަށާ، ނަމަވެސް ޖެހިގެން އައި ދުވަހުގެ ހެނދުނުގެ ވަރުގަދަ ގޮވުމުން އެމީހުންނަށް ސަލާމަތް ނުވެވުނީ ކަމަށް ބެލެވޭ ކަމަށް މައުލޫމާތު ލިބެއެވެ.

ބިންގަރާހެއް ފަދަ ތަނެއްގައި، މި 2 ހަށިގަނޑުވެސް ވެއްޓިފައި އޮތީ އުއްޑުންނެވެ. މި 2 ހަށިގަނޑުންވެސް ވަޅުލެވިފައި އޮތީ، އެންމެ މަދުވެގެން 2 މީޓަރަށް ބޯވެފައިވާ އަޅިތަކުގެ އަޑީގައެވެ.

އިޓަލީގެ ގަދީމީ ރަށެއްކަމުގައިވާ ޕޮމްޕޭގެ ރައްޔިތުންނަކީ، އިހުގެ ރޯމަނުންގެ ތެރޭގައި އުޅުނު އެންމެ ބޮޑެތި މުއްސަދިން އުޅެމުންދިޔަ ރަށްކަމަށް ބެލެވެއެވެ. ބުނެވޭ ގޮތުގައި އެ މީހުންނަކީ ޖިންސީ އުފާ ހޯދުމާއި، އެއް ޖިންސުގެ ގުޅުން ހިނގުމާއި، ރާބުއިމާއި، ޖުވާ ކުޅުމާއި، އަޅުންނަށް އިހާނެތި ގޮތްތައް ހަދައި މެރުމާއި، ދުނިޔަވީ އެންމެހާ މަޖަލުުގައި ހައްދު ފަހަނަޅައިފައިތިބި ބައެކެވެ. މި އާބާދަށް ނިމުން އައީ، ވެސޫވިއަސް އަލިފާންފަރުބަދައިގެ ވަރުގަދަ ގޮވުމާއެކުގައެވެ. އެންމެ ދުވަހެއްގެ ތެރޭގައެވެ.

ފަރުބަދަތަކުން ފައިބަމުންދިޔަ ވިހަ ގޭހާއި އަޅިތައް ރަށުތެރެއަށް ފައިބައި ރަށުތެރޭގައި ވައި ބަންދުވިއެވެ. ނަތީޖާއެއްގެ ގޮތުން އެމީހުންތިބި ގޮތަށް އެހަރަކާތުގައި ތިބެ ފަނާވެދިޔައީއެވެ. ހަށިތައް މިއަދާ ހަމައަށް ވެސް ފެންނަންހުރީ އެމީހުންގެ އެންމެ ފަހު ސިކުންތުގެ ހަރަކާތުގައިވާތީއެވެ.

އެޑިޓް ކުރީ: މިޒްނާ މުހައްމަދު