"އެޑިއުކޭޝަން ޑިއުރިން ކްރައިސިސް: ފޯޖިން އަ ޕާތް ޓު ކޮލިޓީ ލާނިން" ގެ ނަމުގައި ބާއްވާ ތައުލީމާ ގުޅޭ މަހާސިންތާ ރައީސް ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު މިއަދު އިފްތިތާހު ކޮށްދެއްވައިފިއެވެ.

އެ މަހާސިންތާއަކީ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އިން އިންތިޒާމުކޮށްގެން ބާއްވާ މަހާސިންތާއެކެވެ.

ވާޗުއަލްކޮށް މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި އެ މަހާސިންތާ އިފްތިތާހު ކޮށްދެއްވައި ވާހަކަ ދައްކަވަމުން ރައީސްގެ އަނބިކަނބަލުން ވަނީ ކޮވިޑް-19 ގެ މި ހާލަތުގައި ވެސް ކުދިންނަށް ތައުލީމު އުނގަންނައިދޭން ތައުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތައް ކުރަމުން ގެންދަވާ ބުރަ މަސައްކަތް ފާހަގަކުރައްވައި އެ ކަމަށް ޝުކުރު އަދާކުރައްވާފައެވެ.

ފަޒްނާ ވިދާޅުވީ ތައުލީމީ ދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރާތަކަން ވެސް އަދި ހާއްސަކޮށް މުދައްރިސުންނާއި ދަރިވަރުންނަށް ވެސް އަމިއްލަ އިސްނެގުމުގައި ކަންކަން ކުރުމާއި އީޖާދީ ވިސްނުންތައް ކުރިއަށް ނެރެ ކަންކަން ކުރުމުގެ ފުރުސަތު ފުޅާ ދާއިރާއެއް އޮތުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން މުޖުތަމައުގައި އޮތް އެކަކު އަނެކަކަށް ބަރޯސާވުމާއި އީޖާދީ ކަންކަމަށް އޮތް ހަނި ފުރުސަތުތައް ބަދަލުކުރަން ބާރު އެޅިގެންދާނެ ކަމުގައި ފަޒްނާ ވިދާޅުވިއެވެ.

އޭގެ އިތުރުން ފަޒްނާ ވަނީ މިނިސްޓާ އޮފް އެޑިއުކޭޝަން ޑރ. އާއިޝަތު އަލީ އަކީ ތައުލީމީ ދާއިރާ އެ މިސްރާބަށް ގެންދިއުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާ ފަރާތެއް ކަން ފާހަގަކުރައްވައި މިނިސްޓަރަށް ޝުކުރު އަދާކުރައްވާފައެވެ.

ހަމަ އެއާއެކު މަދުރަސީ މަރުހަލާގައި ދަރިވަރުންނަށް އުނގަންނައިދޭ އިޖްތިމާއީ ރިވެތި އާދަތައް ދަސްކޮށްދިނުން ހަމައެކަނި ސްކޫލުގެ މާހައުލުން ނިންމައިނުލައި މުދައްރިސުންނާއި ސްކޫލްތަކުގެ އެހެނިހެން މުވައްޒަފުންނާއި ބެލެނިވެރިންނާއި މުޅި މުޖުތަމައުގެ ހުރިހައި ފަރުދުން ހިމެނޭ ގޮތަށް ރިވެތި އާދަތަކަށް އަހުލުވެރި ބަޔަކަށް ހެދުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި އީޖާދީ ކަންކަމަށް ތައުލީމީ ދާއިރާއިން އިތުރު ފުރުސަތުތައް ހުޅުވައިލުމަށް ސްކޫލްތަކުގެ މަސްއޫލުވެރިންގެ ކިބައިން އެދިވަޑައިގެންނެވިއެވެ.

އެންއައިއީއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ އެ މަހާސިންތާގެ މަގުސަދަކީ ކޮވިޑްގެ ހާލަތުގައި ކުރިމަތިވި ގޮންޖެހުންތަކާއެކު ވެސް އީޖާދީ އަދި ފަހުގެ ޓެކްނޮލޮޖީގެ އެހީގައި ތައުލީމާއި އުނގަންނައިދިނުން ކުރިއަށް ގެންދިޔުމުގެ ފަހަތުގައި ތިބި ފަރާތްތައް އެއްތަނަކުން ބައްދަލުކޮށް އެފަރާތްތަކުގެ ތަޖުރިބާ ހިއްސާކޮށް މައުމާތު ބަދަލުކުރުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ. މިއީ ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ މަހާސިންތާއެކެވެ.