ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ޖިންސީ ކުށުގެ ހަތް ދައުވާއެއް އުފުލައިފިއެވެ.

ޕްރޮސެކިއުޓާ ޖެނަރަލް އޮފީސް (ޕީޖީ) އިން ބުނީ އަލީ ވަހީދުގެ މައްޗަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކުގައި ހަތް ދައުވާއެއް އުފުލައި ކްރިމިނަލް ކޯޓަށް މިމަހުގެ 18 ވަނަ ދުވަހު ފޮނުވާފައިވާ ކަމަށެވެ.

އަލީ ވަހީދުގެ މައްޗަށް ކުރާ ދައުވާތަކަކީ ޖިންސީ އަނިޔާކުރުމުގެ ކުށުގެ ދައުވާއާއި ރޭޕްކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 132 ވަނަ މާއްދާގެ ދަށުން ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާއެވެ.

އޭގެ އިތުރުން ޖިންސީ ކުށުގެ ގާނޫނުގެ 18 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ އާއި ޖިންސީ ކުށުގެ ގާނޫނުގެ 19 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދައުވާއެވެ. އަދި ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 412 ވަނަ މާއްދާއާއި އެ ގާނޫނުގެ 81 ވަނަ މާއްދާގެ ދަށުން ހުއްދަނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދައުވާއެކެވެ.

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުން ތަކަކަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ޖިންސީ ގޯނާ ކުރައްވައިފައިވާ ކަމުގެ ޝަކުވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހެޅުމުން، އޭނާ މަގާމުން ވަނީ ވަކިކޮށްފައެވެ.‏ އަލީ ވަހީދު މިނިސްޓަރު ކަމުން ވަކިކޮށްފައިވަނީ އިސްތިއުފާ ދެއްވުމަށް ރައީސް ސޯލިހް އެންގެވި އެންގެވުމަށް އިޖާބަ ދެއްވާފައި ނުވާތީއެވެ.

އެޑިޓް ކުރީ: މިޒްނާ މުހައްމަދު