އިންސްޓިޓިއުޓް ފޯ ގްލޯބަލް ސަކްސެސް (އައިޖީއެސް) އިން ކުރިއަށްގެންދާ ރާއްޖޭގެ ފުރަތަމަ ސްޕޭސް ޕްރޮގްރާމްގެ ދަށުން ކުޑަކުދިން ތަމްރީނު ކުރަން ނިންމައިފިއެވެ.

އައިޖީއެސްއިން މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން އައިޖީއެސްގެ ޗެއާމަން އަދި ސީއީއޯ ރިފްއަތު މުހައްމަދު ވިދާޅުވީ އެފުރުސަތަކީ އެސްޓްރޮނޯޓުންނަށް ވުމަށް ބޭނުންވާ ގްރޭޑް 7 ،8 އަދި 9 ގެ ދަރިވަރުންނަށް އަމާޒުކޮށްގެން ހުޅުވާލި ފުރުސަތެއް ކަމަށެވެ.

ރިފްއަތު ވިދާޅުވީ ދަރިވަރުންނަށް ތަމްރީނު ދިނުމުގެ ގޮތުން އެމެރިކާގެ ޖައްވީ އިދާރާ ނާސާ އަށް ގެންދާނެ ކަމަށެވެ.

އެ ޕްރޮގްރާމު ފުރިހަމަ ކުރާ ދަރިވަރުންނަށް ކެނޭޑިއަން ސްޕޭސް އޭޖެންސީގެ ސެޓްފިކެޓެއް ލިބިގެންދާނެ ކަމަށް ރިފްއަތު ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ ފުރަތަމަ ސްޕޭސް ޕްރޮގްރާމް ލޯންޗުކޮށްފައިވަނީ މިމަހު 15 ވަނަ ދުވަހުއެވެ. ދިވެހިން ތަމްރީން ކުރުމަށް އައިޖީއެސްއާއި އިނގިރޭސި ވިލާތުގެ ކޭއެސްއެފް ސްޕޭސް ފައުންޑޭޝަނާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގެ ދަށުން އެ ފައުންޑޭޝަނުގެ ހިލޭ އެހީގެ ދަށުން ތަމްރީން ޕްރޮގްރާމުތައް ކުރިއަށް ގެންދާނެއެވެ.

އެ ޕްރޮގްރާމް ކުރިޔަށްދާނީ އިނގިރޭސިވިލާތުގެ ކޭއެސްސީ ފައުންޑޭޝަނާއި ގުޅިގެންނެވެ. އަދި އެ ތަމްރީނުގައި ކިޔަވައިދޭނީ އެމެރިކާގެ ތަޖުރިބާކާރު މީހުންނެވެ.

އައިޖީއެސްއަކީ ރާއްޖޭގެ މުސްތަގުބަލުގެ ލީޑަރުން ބިނާ ކުރުމަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށް ރިފްއަތު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

އެޑިޓް ކުރީ: މިޒްނާ މުހައްމަދު