ބުޅާ ގޮވާ އަޑު، އިންސާނީ ބަހުރުވައަށް ތަރުޖަމާ ކޮށްދޭ އެޕެއް، އެމޭޒަންގެ އެލެކްސާ ޑިވަލޮޕަރު އުފައްދައިފިއެވެ.

"މިއައުޓޯކް" ނަން ދީފައިވާ މި އެޕްލިކޭޝަނަކީ، ބުޅާ ގޮވާ އަޑު ރެކޯޑް ކުރުމަށްފަހު، އެ ބުޅާ އެދޭ މެސެޖު، އިންސާނީ ބަސްމަގަށް ތަރުޖަމާ ކޮށްދޭނެ އެޕެއް ކަމަށް ބުނެވެއެވެ.

"މިއައުޓޯކް" ގެ ޑޭޓާބޭސްގައި މިވަގުތު އޮތީ އެންމެ 13 ބަހެކެވެ. އޭގެ ތެރޭގައި "ފީޑް މީ"، "އައި އޭމް އެންގްރީ" އަދި "ލީވް މީ އަލޯން" ފަދަ ބުނުންތައް ހިމެނެއެވެ.

"މިއައުޓޯކް" އެޕްލިކޭޝަން ރަމްޒު ކޮށްދިނުމަށް ބޭނުން ކޮށްފައިވާ ތަސްވީރެއް / ފޮޓޯ: އެކްވެލޯން

ކޮންމެ ބުޅަލެއްގެ ގޮވުމަކީ، ތަފާތު ގޮވުމެކެވެ. ބުޅާ ގޮވާ އަޑުތަކަކީ، އެ ބުޅާ ގެންގުޅޭ މީހަކަށް "އެޖަސްޓް" ވެފައިވާ ގޮވުމެއް ކަމަށްވެއެވެ. އެހެންކަމުން ދުރާލާ ތައްޔާރުކުރާ ޖެނެރިކް ޑޭޓާބޭސްއެއްގެ ބަދަލުގައި، "މިއައުޓޯކް" ފަރުމާ ކޮށްފައި ވަނީ ކޮންމެ ޕްރޮފައިލްއަކަށް ހާއްސަ ކޮށް ކަމަށް މައުލޫމާތު ލިބެއެވެ.

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ނުވަތަ މަސްނޫއީ ތޫނުފިލިކަން ބޭނުން ކޮށްގެން ފަރުމާ ކޮށްފައިވާ މި އެޕްލިކޭޝަން ފުރިހަމަ ކުރުމުގައި ޕްރޮފައިލް ބޭނުން ކުރާ މީހާގެ ހިއްސާވެސް ބޮޑެވެ. އެޕް ބޭނުން ކުރާ މިންވަރު އިތުރު ވާ ވަރަކަށް، އެޕްލިކޭޝަން ފުރިހަމަވާ މިންވަރުވެސް އިތުރުވާނެ ކަމަށްވެއެވެ.

"މިއައުޓޯކް" އެޕްލިކޭޝަން ރަމްޒު ކޮށްދިނުމަށް ބޭނުން ކޮށްފައިވާ ތަސްވީރެއް / ފޮޓޯ: އެކްވެލޯން

ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާއެކު، ދޭތެރެ ދޭތެރެއިން އެކަހެރިވެ، ލޮކްޑައުންއަކަށް ދާންޖެހިފައިވާ އަދުގެ ދުނިޔޭގައި މިފަދަ އެޕްލިކޭޝަނެއް މުހިންމު ކަމަށް އެޕް ތަރައްގީ ކުރުމުގެ ތަޖުރިބާކާރު، ހަވިއޭ ސަންޗޭޒް ފާހަގަ ކުރެއެވެ.

އެމެޒަންގެ "މިއައުޓޯކް" އަކީ އިތުރު ފީއަކާ ނުލާ، ގޫގްލް ޕްލޭސްޓޯއާއި އެޕަލްގެ އެޕްސްޓޯ އިން ޑައުންލޯޑް ކުރެވޭ އެޕްލިކޭޝަންއެކެވެ. މިއީ އަދި ތަރައްގީގެ މަރުހަލާގައި އޮތް އެޕަކަށް ވާއިރު، މި އެޕަށް މައްސަލަތަކެއް ކުރިމަތިވާ ކަމަށް ބައެއް ރިވިއުތައް ބުނެފައިވެއެވެ.