ލާދީނީ ކަންކަމާ ދެކޮޅަށް ކެމްޕޭން ކުރަމުން އައި ޕާކިސްތާނުގެ ހަރުކަށި ފިކުރުގެ ދީނީ ލީޑަރެއް ކަމަށްވާ ހާދިމް ހުސައިން ރިޒްވީ މަރުވެއްޖެއެވެ.

ތަހްރީކީ ލައްބައިކު ޕާކިސްތާން (ޓީއެލްޕީ)ގެ ބާނީ، ރިޒްވީ މަރުވެފައި ވަނީ، ޕާކިސްތާނުގެ އިރުމަތީ ސިޓީއެއް ކަމަށް ވާ ލާހޯރްގައި ކަމަށް އެ ޕާޓީއިން ބުނެއެވެ.

ރިޒްވީ އަކީ، މި އުއްމަތުގެ ނަބިއްޔާ މުޙައްމަދު ރަސޫލު صَلَّى ٱللّٰهُ عَلَيْهِ وَآلِهِ وَسَلَّمَ‎ އަށް ފުރައްސާރަ ކޮށް، ފަރަންސޭސިވިލާތުން ކާޓޫން ކުރެހި މައްސާލަގައި، ފަރަންސޭސިވިލާތާ ދެކޮޅަށް ޕާކިސްތާނުގައި ކުރި މުޒާހަރާތަކުގެ ފަހަތުގައި ހުރި ދީނީ ލީޑަރެވެ.

ޓީއެލްޕީގެ އިސް ލީޑަރެއް ކަމަށްވާ ޕީރް އިޖާޒް އާޝްރަފީ ބުނީ، އުމުރުން 54 އަހަރުގެ ރިޒްވީ މަރުވީ އަދައިގެ މަރަކުން ކަމަށެވެ. ނަމަވެސް ފާއިތުވީ ހަފުތާއެއްހާ ދުވަހު އޭނާ އުޅުނީ ބަލިކޮށް ކަމަށާ، ހުކުރު ވިލޭރޭ އޭނާ މަރުވި އަސްލު ސަބަބު ޔަގީން ނުވާ ކަމަށެވެ. ފަރަންސޭސިވިލާތާ ދެކޮޅަށް ކުރި އިހުތިޖާޖުގައި ބައިވެރިވާން އައި އިރުވެސް ރިޒްވީ އުޅުނީ ބަލިކޮށް ކަމަށާ، ފާއިތުވީ ހާފުތާއެއްހާ ދުވަހުވެސް އޭނާ އުޅުނީ ބަލިކޮށް ކަމަށާ، ނަމަވެސް، އެއީ ކޮން ބައްޔެއްކަން އަދި ނޭނގޭ ކަމަށްވެސް އިޖާޒް ވަނީ ބުނެފައެވެ.

ރިޒްވީގެ ވަކިވެ ދިއުމާއެކު، ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާންވެސް ވަނީ ރިޒްވީގެ އާއިލާއަށް ތައުޒިއާ ދަންނަވާފައެވެ.

ރިޒްވީގެ ޖަނާޒާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ހޮނިހިރު ދުވަހުއެވެ. މި ޖަނާޒާ ކުރިއަށް ދާނީ ޕާކިސްތާނުގެ ގައުމީ ބިނާއެއްގެ ކައިރީގައި ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ރިޒްވީއަކީ ޕާކިސްތާނުގައި ދީނަށް ފުރައްސާރަކުރި އާސިއާ ބިބީގެ މައްސަލާގައިވެސް އިސްލާމް ދީނުގެ ދިފާއުގައި ނިކުތް އިސް ލީޑަރެކެވެ.