ފަރަންސޭސިވިލާތުގެ ރައީސް އިމެނުއަލް މެކަގޯންގެ ވާހަކަތަކާ އަމަލުތައް ހުންނަ ގޮތުން، ހައްދުފަހަނައަޅާ ގޮސްފައިވާ ފިކުރުގެ މީހުންނާއި ނަސްލީ ތަފާތު ކުރުންތަކުގެ މީހުންނަށް ލިބެނީ އިތުރު ހިތްވަރެއް ކަމަށް، ވިލާތުގެ މުސްލިމު ޖަމިއްޔާތަކުން ސިފަކޮށްފިއެވެ.

ފަރަންސޭސިވިލާތާއި އިސްލާމީ ދުނިޔެއާ ދެމެދު ބޮޑެތި ދެބަސްވުންތަކެއް އުފެދިފައި ވާ މި ދަނޑިވަޅުގައި، ވިލާތުގެ ގައުމުތަކަށް ނިސްބަތްވާ 20 އަށް ވުރެ ގިނަ، މުސްލިމު ޖަމިއްޔާތަކުން ވަނީ މެކަގޯންގެ އުސޫލުތައް ބަދަލު ކުރުމަށް ގޮވާލާފައެވެ.

ނެދަލަންޑްސް، ފިންލަންޑް އަދި އިޓަލީވިލާތުގެ މުސްލިމު ޖަމިއްޔަތައްވެސް ހިމެނޭ ގޮތަށް އާންމު ކޮށްފައިވާ 'އޯޕަން ލެޓާ' ގައި ބުނެފައި ވަނީ، "ވަރުގަދަ ލީޑާޝިޕެއް" ސާބިތުކޮށް ދިނުމަށް ފަރަންސޭސި ލީޑަރު ފެއިލް ވެފައި ވާ ކަމަށެވެ.

އިސްލާމުންނާއި ފަރަންސޭސިވިލާތުގެ މުސްލިމު ރައްޔިތުންނަށް ބަދުބަސް ބުނެ، މުސްލިމުން އަޅުކަން ކުރާ މިސްކިތްތައް ބަންދުކޮށް، މުސްލިމުންނާއި އިންސާނިއްޔަތުގެ ހައްގުތަކަށް ވަކާލާތު ކުރާ ޖަމިއްޔާތަކަށް ހުރަސް އެޅުމާއި، ދަނޑިވަޅުގެ ބޭނުން ހިފައިގެން ނަފުރަތު އުފައްދަން މަސައްކަތް ކުރުމުގެ ސަބަބުން، ހައްދުފަހަނައަޅާ ގޮސްފައިވާ ފިކުރުގެ މީހުންނާއި ނަސްލީ ތަފާތު ކުރުންތަކުގެ މީހުންނަށް ހިތްވަރު ލިބޭ ކަމަށް މުސްލިމު ޖަމިއްޔާތަކުން ބުނެއެވެ. މިއާއެކު، އިސްލާމުންނާއި، އިސްލާމް ދީން އަދި މި އުއްމަތުގެ ރަސޫލާ صَلَّى ٱللّٰهُ عَلَيْهِ وَآلِهِ وَسَلَّمَ‎ އަށް ފުރައްސާރަކޮށް ކުޑައިމީސް ކުރުމަށް މެކަގޯން ގެންގުޅޭ ފިކުރާ މެދު ދެވަނަ ވިސްނުމަކަށް ދިއުމަށްވެސް މި ޖަމާއަތްތަކުން ވަނީ ގޮވާލާފައެވެ.

އިސްލާމް ދީނާއި ރަސޫލާ صَلَّى ٱللّٰهُ عَلَيْهِ وَآلِهِ وَسَلَّمَ‎ އަށް ފުރައްސާރަކުރި ފަރަންސޭސި ރައީސް އިމެނުއަލް މެކަގޯން އާ ދެކޮޅަށް ލީބިއާގައި އިހުތިޖާޖު ކުރުމުގެ ގޮތުން ކޮވިޑް-19ގެ ގައިދުރު ކަމަށް ހިތްވަރުދޭ ސްޓިކާގައި މެކަގޯންގެ ފޮޓޯ ޖަހާފަ / ފޮޓޯ: މިޑްލް އީސްޓް މޮނިޓާ

ވަކި ބަޔަކު ހަވާސާ ކުރުމާ، ނަފުރަތު އުފައްދަނިވި ވާހަކަތަކުގެ ރޫހުން އެއްކިބާވެ، އެއްބަޔަކު އަނެއްބަޔަކާ އެކަތިގަނޑަކަށް ހެދުމަށް ލީޑާޝިޕް ބޭނުން ކުރުމަށް މެކަގޯންއަށް ދައުވަތު އަރުވާ ކަމަށްވެސް ވިލާތުގެ މުސްލިމު ޖަމިއްޔާތަކުން އާންމު ކުރި އޯޕަން ލެޓާގައި ބަޔާންކޮށްފައި ވެއެވެ.

ފަރަންސޭސިވިލާތުގެ ރައީސްގެ ފަރާތުން އިސްލާމް ދީނާއި، ރަސޫލާ صَلَّى ٱللّٰهُ عَلَيْهِ وَآلِهِ وَسَلَّمَ‎ އަށް، އަދި އިސްލާމުންނަށް އަމާޒު ކުރަމުންދާ ފުރައްސާރައާއި އަނިޔާގެ ސަބަބުން އިސްލާމީ ގައުމުތަކުން ވަނީ ފަރަންސޭސިވިލާތާ ދެކޮޅަށް ތެދުވެފައެވެ. ފަރަންސޭސިވިލާތާ ދެކޮޅަށް ވަރުގަދަ އޮއެވަރެއް ފެށިފައި ވާއިރު، މުސްލިމު ގައުމުތަކުން ދަނީ ފަރަންސޭސިވިލާތާ ދެކޮޅަށް މުޒާހަރާކޮށް އިހުތިޖާޖު ކުރަމުންނެވެ. އެގޮތުން ބައެއް ގައުމުތަކުގައި މުޒާހަރާތައް ކުރިއަށް ގެންދާއިރު، ފަރަންސޭސި އުފެއްދުންތައް ބޮއިކޮޓް ކުރާ ގައުމުތައްވެސް ގިނައެވެ. ދިވެހިރާއްޖޭގައި ހިންގާ ބައެއް ޖަމިއްޔާތަކަކުންވެސް ވަނީ ފަރަންސޭސި އުފެއްދުންތައް ބޮއިކޮޓް ކުރުމުގެ ކެމްޕޭނަކަށް ގޮވާލާފައެވެ. އަދި ބައެއް ވިޔަފާރިތަކުން މިހާރުވެސް ވަނީ އެކަން ކުރަން ފަށާފައެވެ.