ފަރަންސޭސިވިލާތުގެ ރައީސް އިމެނުއަލް މެކަގޯން، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ޕޮޒިޓިވް ވެއްޖެއެވެ.

ފަރަންސޭސިވިލާތުގެ އެލީޒީ ޕެލަސްއިން ހާމަ ކުރި ގޮތުގައި، މެކަގޯންގެ ސާމްޕަލް، ކޮވިޑަށް ޓެސްޓު ކުރީ، އަލާމާތްތަކެއް ފެނިގެންނެވެ.

ކޮވިޑަށް ޕޮޒިޓިވްވުމާއެކު ކުރިއަށް އޮތް 7 ދުވަހަސް، މެކަގޯން ހޭދަކުރާނީ އައިސޮލޭޝަންގައެވެ. ނަމަވެސް ރަސްމީ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ހަބަރު ލިބެއެވެ.

ކޮވިޑް-19ގެ ކޭސްތައް ރެކޯޑް އަދަދުތަކުން އިތުރު ވަމުން އަންނަ ފަރަންސޭސިވިލާތުގައި ރޭގަނޑުގެ ވަގުތުތަކުގައި މިހާރު ދަނީ ކާފިއު ތަންފީޒު ކުރަމުންނެވެ.

އެ ގައުމުން 2 މިލިއަނެއްހާ މީހުން މި ބައްޔަށް ޕޮޒިޓިވްވެފައި ވާއިރު، 59400 މީހަކު ވަނީ މަރުވެފައެވެ.

ގައުމުތަކުގެ އިސްވެރިންގެ ތެރެއިން ކޮވިޑް-19އަށް ޕޮޒިޓިވްވި ލީޑަރުންގެ ލިސްޓަށް އެންމެ ފަހުން އިތުރުވި މެކަގޯންއަކީ، މުސްލިމުންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އިއުލާންކޮށް، އެކަން ތަންފީޒު ކުރަމުން އަންނަ ރައީސެކެވެ.