މި އުއްމަތުގެ ރަސޫލާ މުހައްމަދު صَلَّى ٱللّٰهُ عَلَيْهِ وَآلِهِ وَسَلَّمَ އަށް ފުރައްސާރަކޮށް ކުޑައިމީސް ކުރަނިވި ކާޓޫންތަކެއް ޝާއިއު ކުރި ފަރަންސޭސި ދުވަހު ނޫހެއް ކަމަށްވާ "ޝާޣްލީ އެބްދޫ"ގެ އޮފީސް ކުރިން ހިންގި އިމާރާތްތަކުގެ ކައިރީގައި މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ދިން ހަމަލާ ތަކާ ގުޅުން އޮތް ކަމުގެ ކުށުގައި، ޕާކިސްތާނު ދަރިކޮޅުގެ 4 މީހަކު ހައްޔަރު ކޮށްފިއެވެ.
ފަރަންސޭސިވިލާތުން މި 4 މީހުންވެސް ހައްޔަރު ކުރީ ހުސްވި ހަފުތާ ތެރޭގައި ކަމަށް ހަބަރު ލިބެއެވެ. ހޯމަ ދުވަހު ހައްޔަރު ކުރި މީހުންގެ ތެރެއިން އެކަކު މައްޗަށް، ޓެރަރިޒަމްގެ އަމަލެއްގައި ބައިވެރިވިކަމުގެ ކުށުގެ ދައުވާ އުފުލާފައި ވާކަމަށްވެސް މައުލޫމާތު ލިބެއެވެ.
ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި، ހައްޔަރު ކޮށްފައިވާ މީހުންނަކީ، ހަމަލާ ދިން މީހާގެ ރޭވުންތައް އެނގޭ، އަދި އެކަމަށް ހިތްވަރު ދިން ބައެއް ކަމަށް ތުހުމަތު ކުރެވޭ ބައެކެވެ. ހަމަލާ ދިނުމުގައި އަމަލު ސީދާ ގޮތުން ހިންގި ޒަހީރު ހަސަން މަހްމޫދު، 25، ވަނީ އެ ހަމަލާއަށް ފަހު ހައްޔަރު ކޮށްފައެވެ. ބަންދުގައި ހުރި ޒަހީރުގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ ދައުވާއެވެ.
ސެޕްޓެމްބަރު މަހުގެ ހަމަލާއާ ގުޅިގެން ބަޔަކު ހައްޔަރު ކުރި ކަމުގެ ހަބަރު ފެންމަތިވެފައި މި ވަނީ، މި އުއްމަތުގެ ރަސޫލާ މުހައްމަދު صَلَّى ٱللّٰهُ عَلَيْهِ وَآلِهِ وَسَلَّمَ އަށް ފުރައްސާރަކޮށް ކުޑައިމީސް ކުރުމަށް ކާޓޫނު ކުރެހި މައްސަލާގައި، 2015 ވަނަ އަހަރުގެ ޖަނަވަރީ މަހު "ޗާޣްލީ އެބްދޫ" އަށް އަމާޒުކޮށް ހަމަލާ ދިނުމުގައި އެހީވި 13 މީހެއްގެ މައްޗަށް ކުށް ސާބިތުވާކަމަށް ފެރިހުގެ ކޯޓަކުން ނިންމިތާ 2 ދުވަހެއް ފަހުންނެވެ.
އިސްލާމް ދީނާއި ރަސޫލާ صَلَّى ٱللّٰهُ عَلَيْهِ وَآلِهِ وَسَلَّمَ އަށް ފުރައްސާރަކޮށް ކާޓޫންތައް ކުރަހާ މަންޒަރުތައް އާންމު ކުރުން، މި ފަހަކަށް އައިސް ފަރަންސޭސިވިލާތުގައި ވަނީ އިތުރުވެފައެވެ.