މުސްލިމުންނާ ދެކޮޅަށް ހަރުކަށި ސިޔާސަތުތަކެއް ތަންފީޒު ކުރުމުގެ ސަގާފަތެއް އޮންނަ ފަރަންސޭސިވިލާތުގައި މިހާރު ހުރި މިސްކިތްތަކުގެ ތެރެއިން 7 މިސްކިތެއް، މި އަހަރުގެ ނިޔަލަށް ބަންދު ކުރާނެ ކަން އެ ގައުމުން ހާމަ ކޮށްފިއެވެ.

މުސްލިމުންގެ އަޅުކަމަށް ހާއްސަ 7 މިސްކިތެއް ބަންދު ކުރާނެ ކަން ފަރަންސޭސިވިލާތުން އިއުލާން ކޮށްފައި ވާ އިރު، އެ މިސްކިތްތައް ބަންދު ކުރުމުގެ އުޒެރެއްގެ ގޮތުގައި އެ ގައުމުން ދައްކަނީ "ހައްދު ފަހަނައަޅާ ދިއުމު"ގެ ބިރުވެރި މަންޒަރެވެ.

ފަރަންސޭސި ދާޙިލީ ވަޒީރު ޖިޣާލްދް ދަޣްމަނިން ވަނީ، އެ ގައުމުގެ އަލޯންއޭ ކިއުނު ސަރަހައްދުގައި ހުންނަ މިސްކިތެއް ބަންދު ކޮށްފައި ވަތާ މިހާރު 6 މަސް ދުވަސް ވެފައި ވާ ކަމަށާ، އެ މިސްކިތް ބަންދު ކުރީ "ހައްދު ފަހަނައަޅާ" ދިއުމާ ގުޅޭ ކަންތައްތަކެއް އުނގަންނައިދިނުމަށް އެ މިސްކިތުން ފުރުސަތު ދީފައި އޮތުމުން ކަމަށް ވިދާޅުވެފައެވެ.

މިސްކިތުގައި ދޭ ދަރުސްތަކަކީ ފަރަންސޭސިވިލާތާ ދެކޮޅަށް ނަފްރަތު އުފައްދަނިވި ދަރުސްތަކެއް ކަމަށް ވަޒީރު ވަނީ ތުހުމަތު ކުރައްވާފައެވެ.

އަހަރު ނިމޭއިރު 7 މިސްކިތެއް ބަންދު ކުރާނެ ކަން ފަރަންސޭސިވިލާތުން އިއުލާން ކޮށްފައި ވާއިރު، 7 ޖަމިއްޔާއެއްވެސް އެ ގައުމުގައި ހިންގުން މަނާ ކުރާނެ ކަމަށް ހަބަރު ލިބެއެވެ.

"ހައްދު ފަހަނައަޅާ ދިއުމު" ގުޅިގެން ބައެއް ސަރަހައްދުގައި ސަލާމަތީ ބާރުތަކުން ހިންގާ ސޭވާލަންސް ހަރަކާތްތައްވެސް ވަރުގަދަ ކޮށްފައި ވާ ކަން، ވަޒީރު ވަނީ ހާމަ ކުރައްވާފައެވެ.

ބަލަން ޖެހޭ ކަންތައްތަކެއް ބެލުމަށްފަހު 92 މިސްކިތެއް ބަންދު ކޮށްފައި ވާ ކަން ފަރަންސޭސި ދާހިލީ ވަޒީރު ވަނީ ހާމަ ކުރައްވާފައެވެ.