މާލޭ ކައިރީގައި އޮތް ޔޮޓަކުން 14 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

އެޗްއޯސީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ތަރުޖަމާނު ޑރ.ފާތިމަތު ނަޒްލާ ރަފީގް ވިދާޅުވީ އިއްޔެ ޕޮޒިޓިވްވި ކެސްތަކުގެ ތެރޭގައި ރަށްފަޅު ހުރާ ނަމުގައި ހަދަމުންދާ ރިސޯޓަކުން 15 މީހުން ހިމެނޭ ކަމަށެވެ.

އޭގެ އިތުރުން މާލޭ ކައިރީގައި އޮތް ޔޮޓަކުން 14 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ޑރ. ނަޒްލާ ވަނީ ވިދާޅުވެފައެވެ.

މާލެ ސަރަހައްދުން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ކާގޯ ޑިޕާޓްމަންޓުންގެ ބައެއް މީހުން ވެސް ހިމެނޭ ކަމަށް ޑރ.ނަޒްލާ ވަނީ ވިދާޅުވެފައެވެ. ޑރ.ނަޒްލާ ވިދާޅުވީ އެއާޕޯޓްގެ ކާގޯ ޑިޕާޓްމަންޓުން ޕޮޒިޓިވްވި މީހުންގެ އަދަދު 57 އަށް އަރާފައިވާ ކަމަށާއި 77 ކްލޯސް ކޮންޓެކްޓުން ހިމެނޭ ކަމަށެވެ.

ބުރާސްފަތި ދުވަހު ކޮވިޑަށް 68 އަށް މީހުން ޕޮޒިޓިވްވެފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ 36 ދިވެހިންނާއި 32 ބިދޭސީން ކަމަށެވެ. އެއީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 36 މީހަކާއި އަތޮޅު ތެރެއިން ޕޮޒިޓިވް ވި 32 މީހެކެވެ.

މިއަދާ ހަމައަށް އައި އިރު ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 12،452 އަށް އަރާފައެވެ. އޭގެ ތެރެއިން އިއްޔެ 69 މީހަކު ރަނގަޅުވެފައި ވާއިރު ބަލިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދު ވަނީ 11،475 އަށް އަރާފައެވެ.

މިވަގުތު މިބަލި ޖެހިފައި ތިބި މީހުންގެ އަދަދު 9925 ގައި އުޅޭ އިރު، އެމީހުންގެ ތެރެއިން 73 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. އަދި 332 މީހަކު އައިސޮލޭޝަން ފެސިލިޓީ ތަކުގައި އެބަތިއްބެވެ.