އަންނަ އަހަރުގެ ބަޖެޓަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ބީރައްތެހިކަން ހާމަވެއްޖެ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މިހާރު މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސައީދު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ އިގްތިސާދު ހިންގުމަކީ ރައީސް އޮފީސް ހިމެނޭ ގޮތަށް ފަސް މިނިސްޓްރީއެއްގެ އިދާރީ ހަރަދު އާންމު އަހަރުތަކަށްވުރެ 30 މިލިއަން ރުފިޔާ ބޮޑުކޮށް ކައުންސިލް އިންތިހާބަށް ސިޔާސީ ވަޒީފާތައް ފުނިޖެއްސުމެއް ނޫން ކަމަށެވެ.
ސައީދު އެހެން ވިދާޅުވެފައިވަނީ ހއ. ހޯރަފުށީ އެއާޕޯޓު ހުޅުވުއްވައި ދެއްވުމަށް ރައީސް ސޯލިހު ހޯރަފުއްޓަށް ވަޑައިގެން އެރަށު ރައްޔިތުންނާއި މުހާތަބުކޮށް ދެއްކެވި ވާހަކަތަކަށް ނިސްބަތްކޮށެވެ.
އެ ރަސްމިއްޔާތުގައި ރައީސް ވާހަކަ ދައްކަވަމުން ވިދާޅުވީ މި ބަޖެޓަކީ މިއަދުގެ ހާލަތަށް ބަލައި ހުށަހެޅޭނެ އެންމެ ރަނގަޅު ބަޖެޓު ކަމަށެވެެ. އަދި ދައުލަތުގެ އެއްވެސް ވަޒީފާއެއްގައި ހުރި މީހަކު ވަޒީފާއިން ވަކިކޮށްފައި ނުވާނެ ކަމަށާއި، އެއްވެސް މީހެއްގެ މުސާރައެއްވެސް ކުޑަކޮށްފައެއް ނުވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސް ވަނީ މިއީ ދަތި ވަގުތެއް ކަމަށާއި އެހެން ނަމަވެސް ގަބޫލުފުޅުކުރައްވާ ގޮތުގައި މި ދަނޑިވަޅަކީ ފައިސާ ހޯދައިގެން ވެސް އެކަންކަން ކުރަން ޖެހޭ ވަގުތު ކަމަށް ވިދާޅުވެފައެވެ.
އޭގެ އިތުރުން މި ސަރުކާރުން ބޮޑެތި ޕްރޮޖެކްޓުތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓެއްގެ ގޮތުގައި ހުށަހަޅާފައި ވަނީ 34.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓްގައިވާ ގޮތުން ހަރަދުގެ ގޮތުގައި ހިނގާނެކަމަށް ބެލެވެނީ 33.3 ބިލިއަން ރުފިޔާ ކަމަށް ވާއިރު، ބަޖެޓާއި ހަރަދާއި ހުރި ތަފާތުގެ ބޮޑު ބައެއް ހިއްސާކުރަނީ ދައުލަތުގެ ދަރަނި އަދާކުރުމަށް ދައްކާ 1.5 ބިލިއަން ރުފިޔާއިންނެވެ.
ފިނޭންސް މިނިސްޓްރީން ލަފާކޮށްފައިވާ ގޮތުގައި އަންނަ އަހަރު ނިމޭއިރު ރާއްޖޭގެ ދަރަނި 82.8 ބިލިއަން ރުފިޔާ އަށް އަރާނެއެވެ.