ދިވެހިންގެ މެދުގައިވެސް ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ ކައްކާ ޝޯގެ ކުޑަކުދިންގެ އެޑިޝަން، "މާސްޓާޝެފް ޖޫނިއާ" އިން ގިނަ ބައެއްގެ ހިތްތައް ފަތަހަކުރި ތަރި، ބެން ވޮޓްކިންސް މަރުވެއްޖެއެވެ.
އުމުރުން އެންމެ 14 އަހަރުގެ ވޮޓްކިންސް މަރުވީ ހޯމަ ދުވަހު ކަން އޭނާގެ އާއިލާއިންވެސް މިހާރު ވަނީ ކަށަވަރު ކޮށްދީފައެވެ.
މާސްޓާޝެފް ޖޫނިއާގެ 2018 ވަނަ އަހަރުގެ އެޑިޝަންއިން ގިނަ ބައެއްގެ ސަމާލު ކަން ހޯދި ބެން ވޮޓްކިންސް މަރުވި ކަން އާއިލާއިން އިއުލާން ކުރުމުން، އިތުރު ތައާރަފަކަށް ބޭނުން ނުވާ ސެލެބްރިޓީ ޝެފް އަދި ފަނޑިޔާރު ގޯޑަން ރެމްޒީ ބުނީ، ގެއްލިގެން އެ ދިޔައީ "ބޮޑު ކައްކާ"އެއް ކަމަށެވެ. އަދި ބެން ވޮޓްކިންސްއަކީ ކުޅަދާނަ، ހުނަވެރި، ކައްކާއެއް ކަމަށާ، އޭނާއަކީ ހިތްވަރުގަދަ ކުއްޖެއް ކަމަށެވެ.
ބެން ވޮޓްކިންސްއަކީ ހިތްދަތި މާޒީއެއް އޮތް ކުއްޖެކެވެ. އޭނާގެ މަންމައާއި ބައްޕަވެސް ވަނީ، އަމިއްލައަށް މަރުވުމުގެ ހާދިސާއެއްގައި މީގެ 3 އަހަރެއްހާ ދުވަސް ކުރިން މި ދުނިޔެއާއި ވަކިވެފައެވެ. ބެން ވޮޓްކިންސް މަރުވެދިޔައީ ކެންސަރު ބަލީގެ ވޭނުގައި ދޮޅު އަހަރެއްހާ ދުވަހު ތަކުލީފު އުފުލުމަށް ފަހުގައެވެ.
ބެން ވޮޓްކިންސް އަކީ ކާކު؟
މާސްޓާޝެފް ޖޫނިއާ 2018ގެ ބަދިގެއަށް ބެން ވޮޓްކިންސް ވަދެގެން އައީވެސް ތަޖުރިބާތަކަކާ އެކުގައެވެ. އެއީ އޭނާގެ ބައްޕަ، މައިކަލްގެ ބާބަކިއު ރެސްޓޯރަންޓުން ލިބިފައި ހުރި ހުނަރުތަކެކެވެ. އެ ރެސްޓޯރަންޓުގައި ފައިސާ ބެލެހެއްޓުމާއި، އޯޑަރު ނެގުމުގެ މަސައްކަތް ކުރީ ބެން ވޮޓްކިންސްއެވެ. މީގެ އިތުރުން، ކޫކީ، ބްރައުނީ، ސިނަމަން ރޯލްސް އަދި ބަނާނާ ބްރެޑްއަކީ ބެން ވޮޓްކިންސްގެ އަމިއްލަ ރެސިޕީތަކަށް އޭނާ ތައްޔާރު ކުރާ ބާވަތްތަކެކެވެ.
މާސްޓާޝެފް ޖޫނިއާއާއި ބެން ވޮޓްކިންސް ގުޅުމުގެ ކުރިން، 2017 ވަނަ އަހަރު އޭނާގެ ބައްޕަ ވަނީ، މަންމަގެ ގަޔަށް ބަޑިޖަހާ މަރާލާފައެވެ. އޭގެ ފަހުން އެ ބައްޕަ ވަނީ އަމިއްލައަށް މަރުވެފައެވެ. އޭގެ ފަހުން ބެން ބަލަމުން ދިޔައީ އޭނާގެ މާމައާއި ބޮޑު ބޭބެއެވެ.
ބެން ވޮޓްކިންސް ވަނީ މާސްޓާޝެފް ޖޫނިއާގެ ގަދަ 18އިން ޖާގަ ހޯދާފައެވެ. ހިތި މާޒީއަކާ ބަދިގޭގެ ކުޅަ ދާނަ ހުނަރުތަކާއެކު ގިނަ ބައެއްގެ ހިތްތަކުން ހާއްސަ ޖާގައެއް ހޯދި ބެން ވޮޓްކިންސް، ފުރާވަރު އުމުރުގެ ދުވަސްތަކަށް ގުނަން ފެށުމާއެކުހެން އޭނާގެ ދިރިއުޅުން އަނެއްކާވެސް ބަނަވިއެވެ. ވަރަށް މަދުން ނޫނީ ނުފެންނަ ކެންސަރަކާ ކުރިމަތިލާން ޖެހުނެވެ.
ފުއްޕާމެއާއި، މައިބަދަ އަދި ކޮނޑުގައިވާ ކެންސަރު ޓިއުމަރަށް ފަރުވާ ކުރުމަށް މިއަހަރުގެ ޖުލައި މަހު، ބެން ވޮޓްކިންސް ވަނީ ކީމޯ ތެރަޕީ ނަގާފައެވެ.
ކެންސަރު ބަލީގައި ބެން ވޮޓްކިންސް މި ދުނިޔެއާއި ވަކިވި ހަބަރާއެކު މާސްޓާޝްފް ގެ އިންސްޓަގްރާމް ޕޭޖުން ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، ބެން ވޮޓްކިންސްއަކީ ހުރިހާ އުމުރެއްގެ ޝެފުންނަށްވެސް ނަމޫނާއެއް ކަމަށެވެ.