އަފްގާނިސްތާނާއި އިރާގުގައި ހަރަކާތްތެރިވަމުން ދާ އެމެރިކާގެ އަސްކަރީ ފައުޖުތަކުގެ މެމްބަރުންގެ އަދަދު މަދު ކުރުމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ސަރުކާރުން ނިންމެވުމާއެކު، އިންތިހާބީ ސަރުކާރުގެ ރިބަޕްލިކަންސް އޮފިޝަލުން ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.
އިރާގާއި އަފްގާނިސްތާނުގައި ހަރަކާތްތެރިވާ އެމެރިކާގެ އަސްކަރީ ފައުޖުތަކުން ގިނަ އަދަދެއްގެ ސިފައިން މަދު ކުރުމަށް ނިންމާފައި ވާ ކަން، ޓްރަމްޕްގެ ދިފާއީ ވުޒާރާއިން ވަނީ ކަށަވަރުކޮށްދީފައެވެ.
ބޭރު ގައުމުތަކުގައި ހަރަކާތްތެރިވާ އެމެރިކާގެ އަސްކަރީ ފައުޖުތައް ކުޑަ ކުރުމަކީ އެންމެ ރަނގަޅު ނިންމުމެއް ނޫން ކަމަށް ސެނެޓްގެ މެޖޯރިޓީ ލީޑަރު މިޗް މެކޯނެލް ވެސް ވަނީ ވިދާޅުވެފައެވެ. އަދި އެއީ ހެދޭ ބޮޑު ގޯހެއް ކަމަށް އޭނާ ވަނީ ސިފަކުރައްވާފައެވެ.
ވައިޓްހައުސްއިން ނިކުމެ ވަޑައިގަތުމުގެ ކުރިން މުޅި ދުނިޔެއަށް ލޮޅުން އަރާ ވަރުގެ ދިފާއީ އަދި ހާރިޖީ ބަދަލުތަކެއް ނުގެންނެވުމަށްވެސް އޭނާ ވަނީ ޓްރަމްޕަށް އިންޒާރު ކުރައްވާފައެވެ.
އިންތިހާބީ ރައީސް ޖޯ ބައިޑަން ވިދާޅުވަނީ، އަފްގާނިސްތާނުގައި ހަނގުރާމަ ދިގުލާ ގޮސްފައި ވާކަން ގަބޫލުފުޅު ކުރައްވާ ކަމަށާ، ނަމަވެސް، ހަނގުރާމައަކަށް ނިމުން ގެންނަން ވާނީ ޒިންމާދާރު ގޮތެއްގައި ކަމަށް ވިދާޅުވެފައެވެ. އެ ނިމުމެއް ވާން ވާނީ އެމެރިކާގެ ސަލާމަތްތެރިކަންވެސް ކަށަވަރު ކުރަނިވި ނިންމުމަކަށް ކަމަށާ، އެ ނިމުމަކީ އެމެރިކާގެ ފައުޖުތައް އަނބުރާ، ހަނގުރާމައަށް ދާން ނުޖެހޭ ވަރުގެ ނިމުމަކަށް ވާންޖެހޭ ކަމަށްވެސް ބައިޑަން ވަނީ ވިދާޅުވެފައެވެ.
އެމެރިކާއިން އިރާގުގައި ހަރަކާތްތެރިވާ ފައުޖުތަކުން 500 ސިފައިން އުނިކޮށް، މި އަދަދު 2500 އަށް ދަށް ކުރާއިރު، އަފްގާނިސްތާނުގައި ހަރަކާތްތެރިވާ ފައުޖުތަކުގެ މެމްބަރުންގެ އަދަދު، 4500 އިން 2500 އަށް ދަށް ކުރުމަށް ޓްރަމްޕްގެ ސަރުކާރުން ވަނީ ނިންމާފައެވެ.
އެމެރިކާގެ އަސްކަރީ ފައުޖުތަކުން އަފްގާނިސްތާނުގައި ހަރަކާތްތެރިވަނީ 2001 ވަނަ އަހަރުން ފެށިގެންނެވެ. ނަމަވެސް އަފްގާނިސްތާނުގައި ހަރަކާތްތެރިވާ ތޯލިބާން ހަނގުރާމަވެރިންނާ އެމެރިކާ ސަރުކާރާ ދެމެދު މިއަހަރުގެ ފެބުރުވަރީ މަހު އެކުލަވާލި އެއްބަސްވުމާއެކު ފައުޖުތަކުގެ މެމްބަރުންގެ އަދަދު މަދު ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އެމެރިކާގެ އަސްކަރީ ފައުޖުތައް އިރާގުގައި ހަރަކާތްތެރިވަނީ، ހައްދު ފަހަނަ އަޅާފައި ވާ ހަތިޔާރު އެޅި ހަނގުރާމަވެރި އައިސިސް ޖަމާއަތާ ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރުގައި ހިންގާ އަސްކަރީ އިއްތިހާދުގެ ތެރެއިންނެވެ.