ދިވެހިންގެ މެދުގައިވެސް ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ ސްމާޓްފޯނު އެޕްލިކޭޝަން "މުސްލިމް ޕްރޯ" އިން ދަނީ، އެ އެޕްލިކޭޝަން ބޭނުން ކުރާ ފަރާތްތަކުގެ ޒާތީ މައުލޫމާތު، އެމެރިކާގެ އަސްކަރިއްޔާއަށް ވިއްކަމުން ކަމަށް ބުނެ، ފެންމަތިވެފައިވާ ތުހުމަތުތަކަށް، އެ އެޕްލިކޭޝަންގެ ޑިވަލޮޕަރު އިންކާރު ކޮށްފިއެވެ.

ކަން މިހެން އޮތް ނަމަވެސް، އެޕް ޑިވަލޮޕަރު، "ބިޓްސްމީޑިއާ" އިންވަނީ، އެ ކުންފުނީގެ ޑޭޓާ ޕާޓްނަރުންނާ ހަދާފައިވާ އެއްބަސްވުންތައް ވަގުތުން ވަގުތަށް ބާތިލުކުރިކަން ހާމަކޮށްފައެވެ. ނަމަވެސް، އެއީ ކޮން ބައެއްކަން ތަފްސީލު ކޮށްދީފައެއް ނުވެއެވެ.

ވައިސް މީޑިއާއިން ހޯމަ ދުވަހު އާންމު ކުރި ރިޕޯޓެއްގައި ބުނެފައި ވަނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭނުން ކުރަމުން އަންނަ އެޕްލިކޭޝަންތަކުން، އެމެރިކާގެ އަސްކަރިއްޔާއިން ޒާތީ މައުލޫމާތު ގަންނަ ކަމަށެވެ. އޭގެ ތެރޭގައި، ދުނިޔޭގެ އެކި ހިސާބުތަކުން 98 މިލިއަނަށް ވުރެ ގިނަ ފަހަރު ޑައުންލޯޑް ކޮށްފައި ވާ "މުސްލިމް ޕްރޯ" އެޕްލިކޭޝަން ވެސް ހިމެނޭ ކަމަށް ބަޔާން ކޮށްފައި ވެއެވެ. މި އެޕްލިކޭޝަނަކީ، ކީރިތި ޤުރުއާންގެ ލައިބްރައީއެއްގެ އިތުރުން ނަމާދު ވަގުތު އަންގައި ދިނުމަށް ވެސް ބޭނުން ކުރާ އެޕްލިކޭޝަންއެކެވެ.

"މުސްލިމް ޕްރޯ"ގެ ހެޑް އޮފް ކޮމިއުނިޓީ، ޒަހަރިއާ ޒުބައިރީ ވިދާޅުވީ، މި ވާހަކަތަކަކީ އަދި މުޅިން ސައްހަ ވާހަކަތަކެއް ނޫން ކަމަށެވެ. ކަސްޓަމަރުންގެ ޒާތީ މައުލޫމާތަށް އެކުންފުނިން އިހުތިރާމް ކުރާ ކަމަށާ، ފާއިތުވީ 10 އަހަރަށް ބަލާއިރު، މިއީ އެންމެ އިތުބާރު ހުރި އެއް އެޕްލިކޭޝަން ކަމަށެވެ. އަދި ކަސްޓަމަރުންގެ ވަނަވަރު އެނގޭ ގޮތަށް، އެއްވެސް ފަރާތަކާ ޒާތީ މައުލޫމާތު ހިއްސާ ކޮށްފައި ނުވާނެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ޒަހަރިއާ ވިދާޅުވީ، އެޕްލިކޭޝަންގެ ޑިވަލޮޕަރުންވެސް އެތެރޭގެ ތަހުގީގުތަކެއް ފަށާފައި ވާ ކަމަށާ، މައުލޫމާތު ބެލެހެއްޓުމުގެ ސިޔާސަތު މުރާޖައާ ކުރަމުން އަންނަ ކަމަށެވެ.

ވައިސްގެ ރިޕޯޓް ބުނާ ގޮތުގައި، އެމެރިކާގެ އަސްކަރިއްޔާއިން "މުސްލިމް ޕްރޯ"ގެ މައުލޫމާތު ގަނެފައިވަނީ، ތިންވަނަ ޕާޓި-ބްރޯކަރެއް މެދުވެރިކޮށެވެ. އެއީ "އެކްސް-މޯޑް" ނަމަކަށް ކިއާ ބައެއް ކަމަށްވެސް މައުލޫމާތު ލިބެއެވެ. އެމެރިކާގެ އަސްކަރިއްޔާއަށް ވިއްކާފާއިވާ މައުލޫމާތުގެ ތެރޭގައި އެޕްލިކޭޝަން ބޭނުން ކުރަމުންދާ ލޮކޭޝަންއާއި، ވައިފައި ނެޓްވޯކްގެ ނަމާއި، އެޕްލިކޭޝަން ބޭނުން ކުރާ ވަގުތާއި، އެޕް އިންސްޓޯލް ކޮށްފައިވާ ފޯނުގެ މޯޑެލް ނަމްބަރު ފަދަ މައުލޫމާތު ހިމެނޭ ކަމަށްވެސް އަޑު ފެތުރުނެވެ.

ޒަހަރިއާ ވިދާޅުވީ، "އެކްސް-މޯޑް"އާ އެކު މަސައްކަތް ފެށީ މީގެ 4 ވަރަކަށް ހަފުތާ ކުރިން ކަމަށާ، ނަމަވެސް، އެ ކުންފުންޏާއި، އެހެން ޑޭޓާ ޕާޓްނަރުންނާއެކު ހަދާފައިވާ އެއްބަސްވުންތައް މިހާރު ބާތިލު ކޮށްފައިވާ ކަމަށެވެ. ނަމަވެސް "އެކްސް-މޯޑް" އިން ބިޓްސްމީޑިއާއާއެކު މަސައްކަތް ކުރަމުން ދިޔައީ ކޮން މަޝްރޫއެއްގައި ކަމެއް ޒަހަރިއާ ހާމަ ކުރައްވާފައެއް ނުވެއެވެ.

އެކި ކުންފުނިތަކުން ތަރައްގީ ކޮށްފައިވާ އެޕްލިކޭޝަންތަކުން ޒާތީ މައުލޫމާތު އެއްކުރުމުގެ މަސައްކަތް، އެމެރިކާގެ އަސްކަރިއްޔާއިން ކުރިއަށް ގެންދާ ކަން ހާމަ ކުރީ، އޮންލައިން މެގަޒިން، "މަދަބޯޑް" އިން ހޯމަ ދުވަހު އާންމު ކުރި ތަހުގީގުތަކެއްގައެވެ. މި މިމައުލޫމާތު ބޭނުން ކުރަނީ އެމެރިކާ އަސްކަރިއްޔާގެ ސްޕެޝަލް އޮޕަރޭޝަންސް ކޮމާންޑްއިންނެވެ. އެމެރިކާގެ އަސްކަރިއްޔާއިން ވަނީ މި ރިޕޯޓް ކަށަވަރު ކޮށްދީފައެވެ. އެއީ ސްޕޭޝަލް އޮޕަރޭޝަންސް ފޯސަސްއިން ގައުމުން ބޭރުގައި ހިންގާ އޮޕަރޭޝަންތަކަށް އެހީއެއްގެ ގޮތުގައި ހިންގާ މަޝްރޫއެއް ކަމަށްވެސް އެމެރިކާގެ އަސްކަރިއްޔާގެ ނޭވީ ކޮމާންޑަރު ޓިމް ހޯކިންސް ވަނީ ވިދާޅުވެފައެވެ.