ވެރިކަމުގެ ބާރުތައް އޮމާންކަމާއެކު ބަދަލު ކުރުމަށް އެމެރިކާގެ އަދުގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ސަރުކާރުން ހުރަސް އަޅަމުން ދާ ކަމުގައި ވަނީ ނަމަ، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގައި، އެމެރިކާއިން އަދިވެސް ގިނަ އަދަދެއްގެ ބައެއްގެ ފުރާނަ ގެއްލިގެން ހިނގައިދާނެ ކަމުގެ އިންޒާރު، އެ ގައުމުގެ އިންތިހާބީ ރައީސް ޖޯ ބައިޑަން ދެއްވައިފިއެވެ.

ޑެލަވެއާގައި ތަގުރީރު ކުރައްވަމުން ބައިޑަން ވިދާޅުވީ، ކޮވިޑް-19ގެ ބަލިމަޑުކަމާ ކުރިމަތިލުމަށް ދެ ސަރުކާރުގެ ގުޅުން ބޭނުން ވާ ކަމަށެވެ.

އެމެރިކާގެ ލޮސް އެންޖަލީސްގައި ކޮވިޑް-19އަށް ޓެސްޓު ކުރާ ކިއުއެއް / ފޮޓޯ: އޭއެފްޕީ

ނޮވެމްބަރު މަހުގެ ކުރީކޮޅު އެމެރިކާގައި ކުރިއަށް ގެންދިޔަ ފޯރިގަދަ ރިޔާސީ އިންތިހާބީގައި ނާކާމިޔާބުވެއްޖެކަން ގަބޫލުފުޅުކުރެއްވުމަށް، ދެ ފަރާތުގެ ބާރުއެޅުމާއި އެކުގައިވެސް، ޓްރަމްޕް އިންކާރު ކުރައްވަމުން ގެންދަވާ ގެންދެވުމަކީ، ޒިންމާދާރުކަން ކުޑަ އަމަލުފުޅެއް ކަމަށް ބައިޑަން ވިދާޅުވިއެވެ.

އެމެރިކާގެ ކުރީގެ ރައީސް ބަރާކް އޮބާމާގެ އަނބިކަނބަލުން، މިޝޭލް އޮބާމާވެސް ވަނީ ޓްރަމްޕަށް ބަހުގެ ހަމަލާއެއް އަމާޒު ކުރައްވާފައެވެ. ސޯޝަލް މީޑިއާއަށް ދޫކޮށްލެއްވި ޕޯސްޓެއްގައި މިޝޭލް އޮބާމާ ވަނީ، "މިއީ ކުޅޭ ކުޅިވަރެއް" ނޫން ކަމަށް ވިދާޅުވެފައެވެ.

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް (މ) ވައިޓްހައުސްގެ ރޯޒް ގާޑަންގައި ތަގުރީރު ކުރައްވަނީ / ފޮޓޯ: މަންޑެލް ޏަން

ކަން މިހެން އޮތްއިރު، ޓްރަމްޕްގެ ސަރުކާރުގެ ތެރޭގައި ވެސް ހިޔާލު ތަފާތުވުންތައް އުފެދިފައި ވާ ކަން ހާމަވެއެވެ. "ޕްރޮފެޝަނަލް" ގޮތެއްގައި ބާރުތައް ހަވާލު ކުރުމުގެ މަރުހަލާ ކުރިއަށް ގެންދެވުމުގެ ރޫހެއްގައި ޓްރަމްޕްގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ރޮބާޓް އޯބްރާޔަން ވާހަކަދެއްކެވި އިރު، ހާރިޖީ ވަޒީރު މައިކް ޕޮމްޕޭއޯ ވަނީ ޓްރަމްޕްގެ "ދެވަނަ ދައުރަކަށް" އިޝާރާތް ކުރައްވާފައެވެ.