އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ހިލޭ އެހީގެ ގޮތުގައި ހިމަނާފައިވާ ފައިސާގެ ބޮޑު ބަޔަކީ އެއް ގައުމަކުން ލިބޭނެ އެހީ ކަމަށް ލަފާކޮށްފައި އޮތުމުން އޮޑިޓާ ޖެނެރަލްގެ އޮފީހުން ކަންބޮޑުން ފާޅުކޮށްފިއެވެ.
އަންނަ އަހަރު ދައުލަތަށް ހިލޭ އެހީގެ ގޮތުގައި އެކިއެކި ގައުމުތަކުން 2.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެއެވެ. އޭގެ ތެރެއިން 1.82 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ އިންޑިއާ އިންނެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާކުރަން ރައްޔިތުންގެ މަޖިލީހުން އެކުލަވައިލި ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމަށް އޮޑިޓް އޮފީހުން ބަޖެޓާމެދު ހުރި ކަންބޮޑުވުންތައް ފާހަގަކޮށް ޕްރެޒެންޓޭޝަނެއް ހުށަހަޅާފައިވާއިރު އެ ޕްރެޒެންޓޭޝަނުގައި ވަނީ ހިލޭ އެހީގެ ގޮތުގައި ފައިސާ ލިބޭނެ ކަމަށް ބަޖެޓްގައި އަންދާޒާކޮށްފައިވާ ފައިސާގެ ހަތަރު ބައިކުޅަ ތިން ބަޔަށް ވުރެ ބޮޑު ބައި ލިބޭނެ ކަމަށް ލަފާކޮށްފައި އޮތީ އެންމެ ގައުމަކުން ކަމަށެވެ.
އޮޑިޓް އޮފީހުން ބުނީ ހިލޭ އެހީގެ ބޮޑު ބައެއް ހޯދަން އެންމެ ގައުމަކަށް ބަރޯސާކުރާކަން އޮޑިޓް އޮފީހުން ފާހަގަކުރަނީ އެގޮތަށް އެކަން އޮތުމުން ފައިސާ ނުލިބިދާނެކަމުގެ ކަންބޮޑުވުން އޮތީމާ ކަމަށެވެ.
އޭގެ އިތުރުން ދައުލަތަށް އާމްދަނީ ހޯދާނެ ވަސީލަތްތަކުގެ ގޮތުގައި ބަޖެޓްގައި ހުށަހަޅާފައި ހުރި ކަންތައްތަކުގެ ތެރޭގައި ގާނޫނަށް ނުވަތަ ގަވައިދަށް ބަދަލު ގެެނެސްގެން ނޫނީ ތަންފީޒުނުކުރެވޭ ކަހަލަ ކަންތައްތައް އެބަހުރި ކަމަށް ވެސް އޮޑިޓު އޮފީހުން ވަނީ ބުނެފައެވެ.
ހަމައެހެންމެ ދައުލަތުން ނަގާފައިވާ ދަރަނިތައް އަދާކުރުމަށް ހަރަދުކުރަން ޖެހޭ ފައިސާގެ އަދަދު އަހަރުން އަހަރަށް އިތުރުވަމުންދާތީ އެކަމަށް ހައްލެއް ހޯދާ ދަރަނި އަދާކުރާނެ ލުއި ގޮތްތަކެއް ހޯދަން ޖެހޭ ކަމަށް އޮޑިޓް އޮފީހުން ވަނީ ފާހަގަކޮށްފައެވެ.