އަންނަ އަހަރު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މަޝްރޫއުތަކަށް ބޭނުންވާ ބޭރު ފައިސާ ލިބޭނެ ގޮތެއް ޔަގީން ނުކޮށް މަޝްރޫއުތައް ނުފެށުމަށް ރައްޔިތުންގެ މަޖިލީހުގެ ފަރާތުން މި ސަރުކާރަށް ބާރުއަޅަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަލީ ހާޝިމް އެދިވަޑައިގެންފިއެވެ.

އަންނަ އަހަރުގެ ބަޖެޓު ދިރާސާކުރާ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން ގަވަރުނަރު ވިދާޅުވީ، އަންނަ އަހަރު ދައުލަތުގެ ބަޖެޓްގައި ކަނޑައަޅާފައި ވަނީ ދައުލަތުގެ އާމްދަނީ އާއި ރާއްޖޭގެ އިގުތިސޯދީ ހާލަތާ ނުބައްދަލު ބޮޑެތި މަޝްރޫއުތަކެއް ކަމަށެވެ. އެހެންކަމުން ޕްރޮޖެކްޓްތަކަށް ބޭނުންވާ ބޭރު ފައިސާ ލިބޭނެ ގޮތެއް ކަށަވަރު ނުކޮށް ޕްރޮޖެކްޓްތައް ނުފެށުމަށް ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް ބާރުއަޅަން އެދިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ބަޖެޓު ކަނޑައެޅުމުގައި އެކްސްޗޭންޖު ރޭޓަށް ނޭދެވޭ އަސަރެއް ނުކުރާނެ ގޮތަކަށް މަަޝްރޫއުތައް ކުރިއަށް ގެންދިއުމަށް އެދިވަޑައިގަންނަވާ ކަމަށް ވެސް އަލީ ހާޝިމް ވިދާޅުވިއެވެ. އަންނަ އަހަރު ވެސް ރާއްޖޭގެ އިގުތިސޯދު ރަނގަޅު ނުވެއްޖެ ނަމަ ސަރުކާރުގެ ކޭޝްފްލޯ މެނޭޖު ކުރަން ދަތިވެ މަޝްރޫއުތައް ނުހިންގޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް އަލީ ހާޝިމް ވިދާޅުވިއެވެ. އެގޮތުން ޓޫރިޒަމް ހީނަރުވުމުގެ ސަބަބުން ބޭރު ފައިސާގެ ބާޒާރަށް މިހާރު ވެސް ބޮޑެތި ނޭދެވޭ އަސަރުތައް ކޮށްފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އަންނަ އަހަރުގެ ގިނަ މަޝްްރޫއުތައް ހިންގަން ރާވާފައި ވަނީ ދަރަނި ނަގައިގެން ކަމަށް އަލީ ހާޝިމް ވިދާޅުވިއެވެ. އެގޮތަށް ފައިސާ ހޯދުުމުގައި ކޮންސިޝަނަލް ފައިނޭންސިންއަށް އިސްކަަން ދިނުމަށާއި ހާއްސަކޮށް އިޖުތިމާއީ އަދި ތިމާވެށީގެ މަޝްރޫއުތަކަށް ކޮންސިޝަނަލް ފައިނޭންސިން ހޯދުމަކީ މުހިއްމު ކަމެއް ކަމަށް ގަވަރުނަރު ވިދާޅުވިއެވެ. އެގޮތުން ވޯލްޑް ބޭންކާއި އަައިއެމްއެފުން އަންނަ އަހަރު ގްރީން ފައިނޭންސިން އާއި ބްލޫ ފައިނޭންސިންގެ ސްކީމްތަކެއް ތައާރަފު ކުރާނެ ކަމަށް ބުނެފައިވާ ކަމަށާއި އެ ސްކީމްތަކުން ފައިސާ ހޯދުމަކީ ކުރެވިދާނެ ކަމެއް ކަމަށް އަލީ ހާޝިމް ވިދާޅުވިއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ހުށަހަޅާފައި ވަނީ 34.7 ބިލިއަން ރުފިޔާއެވެ. އެ ބަޖެޓުގައި ދައުލަތުގެ ޖުމްލަ އާމްދަނީ އަށް ވުރެ އިތުރަށް 15 ބިލިއަން ރުފިޔާ ހަރަދުކުރަން ވަނީ ހިމަނާފައެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ދިރާސާކުރާ ކޮމެޓީގެ ބަޖެޓް ރިޕޯޓް އަންނަ ބުރާސްފަތި ދުވަހަށް ނިންމަން ވަނީ ފާސްކޮށްފައެވެ. ރައްޔިތުންގެ މަޖިލީހުގައި ބަޖެޓަށް ބަހުސް ކުރަން ހަމަޖެހިފައި ވަނީ އަންނަ ހޯމަ، އަންގާރަ އަދި ބުދަ ދުވަހުއެވެ. އެގޮތުން ކޮންމެ މެންބަރަކަށް ބަހުސްކުރަން 15 މިނެޓްގެ ފުރުސަތެއް ދޭން ވަނީ ނިންމާފައެވެ. ބަޖެޓް ބަހުސަށް 21 ގަޑިއިރު ކަނޑައަޅާފައިވާއިރު ކޮމެޓީ ރިޕޯޓްގެ ބަހުސްއަށް 12 ގަޑިއިރު ދޭނެއެވެ.