ދޭތެރެ ދުރުކުރުމަށް އަންހެނުންގެ ހަށިގަނޑުގައި ބޭނުން ކުރާ ޑިވައިސްއެއް ކަމަށް ވާ 'އެޝުއާ'ގެ ސަބަބުން ސިއްހީ މައްސަލަތަކެއް ކުރިމަތިވާ ކަމަށް އިނގިރޭސިވިލާތުގެ އަންހެނުން ތަކެއް ރިޕޯޓް ކުރަން ފެށުމާއެކު، އެ މައްސަލަ ކޯޓަށް ވައްދައިފިއެވެ.

އިތުރަށް ބަލިވެއިނުން ހުއްޓުވުމަށް ބޭނުން ކުރާ މި ޑިވައިސްގެ ސަބަބުން ސިއްހީ މައްސަލަތަކެއް ކުރިމަތިވެ، ގައިގައި ރިއްސުމުގެ ތަކުލީފުތައްވެސް އުފުލަންޖެހޭ ކަމުގެ ޝަކުވާތައް ވަނީ އާންމު ވެފައެވެ. ކުރިމަތިވާ ސިއްހީ މައްސަލަތަކުގެ ތެރޭގައި ހައިލުގެ ދުވަސްވަރު މާ ގިނައިން ލޭ އައުން ފަދަ މައްސަލަތައްވެސް ހިމެނެއެވެ.

އެޝުއާ އުފައްދާ ބޭޔާ ކުންފުންޏާ ދެކޮޅަށް އެމެރިކާގައިވެސް މިފަދަ މައްސަލަތަކެއް ފެންމަތިވެފައި ވާއިރު، މިމައްސަލަ ހައްލު ކުރުމަށް އެ ކުންފުނިން ވަނީ 1.6 ބިލިއަނަށް ވުރެ ގިނަ ޑޮލަރު ކަނޑައަޅާފައެވެ.

އެޝުއާ ޑިވައިސްތައް މިހާރު ވަނީ ބާޒާރުން ނަގާފައެވެ. ނަމަވެސް، ބޭޔާ ކުންފުނިން ބުނަމުން ދަނީ، އެ ޑިވައިސްއަކީ ރައްކާތެރި، ކާމިޔާބު ޑިވައިސްއެއް ކަމަށެވެ.

2002 ވަނަ އަހަރު ބާޒާރަށް ނެރުނު އެޝުއާއަކީ، ބޮޑު ސާޖަރީއަކާ ނުލާ، ދަރިން ނުލިބޭ ގޮތް، އެތައް އެތައް އަންހެނުންނަކަށް ތަނަވަސްކޮށްދިން، އިންގިލާބީ ޑިވައިސްއެކެވެ. ބައެއް އަންހެނުން މި ޑިވައިސް ބޭނުންކޮށްފައި ވަނީ ޑޮކްޓަރުންގެ ބާރު އެޅުމާއެކުގައެވެ.

ނަމަވެސް، މި ޑިވައިސް ބޭނުން ކުރުމުގެ ސަބަބުން ސިއްހީ މައްސަލަތަކާ ކުރިމަތިވާ އަންހެނުންނަށް އެކަށީގެންވާ އަޅާ ނުލިބޭ ކަމުގެ ޝަކުވާވެސް ވަނީ ފެންމަތިވެފައެވެ. މި ޑިވައިސް ބޭނުން ކުރަމުންދާ އަންހެނުންނަށް، ހައްލަކާ ހިސާބަށް ދެވުނީ ފޭސްބުކް ޕޭޖެއް މެދުވެރިކޮށެވެ. މި ހާތު 1000 އަށްވުރެ ގިނަ މީހުން ވަނީ މި ޕޭޖަށް ސަބްސްކްރައިބް ކޮށްފައެވެ.