ރައީސް އިބްރާހީމް މުހްއްމަދު ސޯލިހް، މިއަދު ފޮރިން މިނިސްޓްރީގެ ތިން މަގާމަކަށް ބޭފުޅުން އައްޔަން ކުރައްވައިފިއެވެ.
ރައީސް އޮފީހުން ބުނީ މިއަދު އައްޔަން ކުރެއްވާފައި ވަނީ ސިންގަޕޫރަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަގާމަށް ހެންވޭރު ޖެހޭވައި އިބްރާހީމް ޝަހީބާއި، ޕީޕަލްސް ރިޕަބްލިކް އޮފް ބަންގްލަދޭޝްއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަގާމަށް މާފަންނު ޒީނާ ޝިރުޒިމަތު ސަމީރާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމަށް ގ. ޕެންޒީމާގެ އާއިޝަތު ޝާން ޝާކިރު ކަމަށެވެ.
އެ މަގާމުތަކަށް ބޭފުޅުން އައްޔަން ކުރެއްވުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު ހެނދުނު ރައީސް އޮފީހުގައެވެ.
ސިންގަޕޫރަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަގާމަށް އައްޔަން ކުރެއްވި އިބްރާހީމް ޝަހީބު، އެންމެ ފަހުން ހުންނެވީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމުގައެވެ. އޭނާ ވަނީ އެ މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީކަމުގެ މަގާމާއި، ޕާމަނަންޓް ސެކްރެޓަރީކަމުގެ މަގާމާއި، ޑިރެކްޓަރުކަމުގެ މަގާމު ފަދަ އިސް މަގާމުތައް ފުރުއްވާފައެވެ. ހަމަ އެއާއެކު ޝަހީބު ވަނީ މީގެ ކުރިން ސިންގަޕޫރުގެ ފަސްޓް ސެކްރެޓަރީ އެންޑް އެކްޓިންގް ހައިކޮމިޝަނާ އޮފް މޯލްޑިވްސް ގެ މަގާމު ވެސް އަދާކުރައްވާފައެވެ.
އިބްރާހީމް ޝަހީބަކީ ސިންގަޕޫރުގެ ލީ ކުއާން ޔިއު ސްކޫލް އޮފް ޕަބްލިކް ޕޮލިސީއިން މާސްޓާސް އިން ޕަބްލިކް އެޑްމިނިސްޓްރޭޝަން ހާސިލު ކުރައްވާފައި ވާ ބޭފުޅެކެވެ. އަދި އޭނާ ވަނީ އޮސްޓްރޭލިއަން ނެޝަނަލް ޔުނިވާސިޓީ އިން ބެޗެލާ އޮފް އާޓްސް އިން ޕޮލިޓިކަލް ސައިންސް އެންޑް ޑިވެލޮޕްމަންޓް ސްޓަޑީޒް ހާސިލު ކުރައްވާފައެވެ.
ބަންގްލަދޭޝްއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަގާމަށް އައްޔަން ކުރެއްވި ޝިރުޒިމަތު ސަމީރު އެންމެ ފަހުން އަދާކުރައްވާފައި ވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގެ އީސްޓް އެންޑް ސެންޓަރަލް އޭޝިއާ ޑިވިޝަންގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމެވެ. އަދި އާނާ ވަނީ މީގެ ކުރިން މޯލްޑިވްސް އެމްބަސީ އިން ޖާމަނީގެ މިނިސްޓަރު ކައުންސެލަރުގެ މަގާމު ވެސް ފުރުއްވާފައެވެ.
ޝިރުޒިމަތު ސަމީރު މާސްޓާސް އޮފް ސޯޝަލް ސައިންސް (ސްޓްރެޓެޖީ އެންޑް ޑިޕްލޮމަސީ) ހާސިލު ކުރައްވާފައި ވަނީ ނެޝަނަލް ޔުނިވާސިޓީ އޮފް މެލޭޝިއާގެ އިންސްޓިޓިއުޓް އޮފް ޑިޕްލޮމަސީ އެންޑް ފޮރިން ރިލޭޝަންސް އިންނެވެ. އަދި އޭނާ ވަނީ ޔުނިވާސިޓީ އޮފް އީސްޓް ލަންޑަން އިން ބެޗެލާ އޮފް އާޓްސް އިން އިންޓަނޭޝަނަލް ބިޒްނަސް ހާސިލު ކުރައްވާފައެވެ.
މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމަށް އައްޔަން ކުރެއްވި އާއިޝަތު ޝާން ޝާކިރު މިއަދާ ހަމައަށް ހުންނެވީ ދިވެހިރާއްޖެއިން ބަންގްލަދޭޝްއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަގާމުގައެވެ. އަދި އޭނާ މީގެ ކުރިން ވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގެ ޖޮއިންޓް ސެކްރެޓަރީގެ މަގާމާއި، މެލޭޝިއާއަށް ކަނޑައަޅާފައި ހުންނަވާ ޑެޕިއުޓީ ހައި ކޮމިޝަނަރުގެ މަގާމާއި، ސައޫދީ އަރަބިއްޔާއަށް ކަނޑައަޅާފައި ހުންނަވާ ޑެޕިއުޓީ އެމްބެސެޑަރުގެ މަގާމުގެ އިތުރުން ވެސް، އެ މިނިސްޓްރީގެ އެހެނިހެން އިސް މަގާމުތައް ފުރުއްވާފައެވެ.